ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 14.4 ބިލިއަނަށް، 3.5 ބިލިއަން ރުފިޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ!
28 ޖުލައި 2026 | އަންގާރަ 18:05މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް 11.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 22.4 އިންސައްތައިގެ ކުރިއެރުމެެއް. މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާމްދަނީގެ އެންމެ ބޮޑު ބައެއް ޓީޖީއެސްޓީން ހިއްސާކުރާއިރު، ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން މި މުއްދަތުގައި 2.09 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ހޯދާފައި


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) | މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މި ހިނގާ 2026 ވަނަ އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 14.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މިރާ އިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް 11.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަަމަށެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 9.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 22.4 އިންސައްތައިގެ ކުރިއެރުމެއް ކަން މީރާ އިން ފާހަގަކުރެ އެވެ. މީގެ އިތުރުން މިއީ މި މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށްވުރެ 9.6 އިންސައްތަ އިތުރު އަދަދެކެވެ. މި ކުއާޓަރުގައި ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީޖީއެސްޓީ އިންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ 35.4 އިންސައްތަ އެވެ.
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، ޖުމްލަ 9.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ޖީޖީއެސްޓީގެ ގޮތުގައި ލިބުނު 1.5 ބިލިއަން ރުފިޔާ އާއި، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު 1.1 ބިލިއަން ރުފިޔާ ހިމެނެ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 734.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 621 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު 631.8 މިލިއަން ރުފިޔާއާއި ބިން ކުއްޔަށް ދޫކޮށްގެން ލިބުނު 588.6 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ލިބުނު 586 މިލިއަން ރުފިޔާ ހިމެނެ އެވެ. ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު، މި ކުއާޓަރުގައި ޖުމްލަ 540.1 މިލިއަން ޑޮލަރު މީރާއަށް ވަނީ ބަލައިގަނެފަ އެވެ.
މީރާގެ ރިޕޯޓުގައިވާ ގޮތުން 2026 މާރިޗު 31 ގެ ނިޔަލަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 14.4 ބިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ. މީގެ ތެރެއިން 3.5 ބިލިއަން ރުފިޔާއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާކަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
މީރާ އަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކުރެވުނު އެންފޯސްމަންޓް މަސައްކަތްތަކުގެ ދަށުން މި ކުއާޓަރުގައި 2.09 ބިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ. މީގެ ތެރޭގައި ޑިއު ކްލިއަރެންސްގެ ގޮތުގައި ހޯދި 617.5 މިލިއަން ރުފިޔާއާއި ރިމައިންޑާ ކޯލް އަދި އީމެއިލް މެދުވެރިކޮށް ހޯދި 151.8 މިލިއަން ރުފިޔާ ހިމެނެ އެވެ. އަދި އެކައުންޓް ފްރީޒް ކޮށްގެން 13.5 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ނަން ހާމަކުރުމުގެ ސިޔާސަތު ނުވަތަ "ނޭމް އެންޑް ޝޭމް" ގެ ދަށުން 13.1 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
މި މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތަކަށާއި ބަޔާން ހުށަނާޅާ ފަރާތްތަކަށް ޖުމްލަ 16,477 ފައިނަލް ނޯޓިސް ފޮނުވާފައިވެ އެވެ. މީގެ އިތުރުން 176 ފަރާތަކަށް 256 މިލިއަން ރުފިޔާގެ އިންސްޓޯލްމަންޓް ޕްލޭންތައް ވަނީ ހަމަޖައްސައިދީފަ އެވެ.









