އެމަރަލްޑް ކޯޕަރޭޓްސް އާއި ބްލޫ ސިނާޖީ އިންވެސްޓްމަންޓްސް ގުޅިގެން ރާއްޖޭގައި 175 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހިންގަނީ
24 ޖުލައި 2026 | ހުކުރު 16:14އެމަރަލްޑް ކޯޕަރޭޓްސް އާއި ބްލޫ ސިނާޖީ ގުޅިގެން ރާއްޖޭގައި 175 މިލިއަން ޑޮލަރުގެ ދެމެހެއްޓެނިވި ޓައުންޝިޕް މަޝްރޫއެއް ހިންގުމަށް ވަނީ އެއްބަސްވެފައި. ތިމާވެއްޓާ ރައްޓެހި މި ބިޔަ މަޝްރޫއުގެ ދަށުން އިއާދަކުރަނިވި ހަކަތަ އާއި މެރިކަލްޗަރ ފަދަ ސިނާއަތްތައް ތަރައްގީކޮށް، ސަރަހައްދީ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެފަރާތުން ބުނޭ.

އެމެރަލްޑް ކޯޕަރޭޓްސް އާއި ބްލޫ ސިނަޖީ އިންވެސްޓްމަންޓްސް އިން އިސްތިރާތީޖީ ޕާޓްނަރޝިޕެއް ވަނީ ގާއިމުކޮށްފައި | ބްޒިނަސް ސްޓެންޑަރޑް
އެމަރަލްޑް ކޯޕަރޭޓްސް އާއި ބްލޫ ސިނާޖީ އިންވެސްޓްމަންޓްސް ގުޅިގެން ރާއްޖޭގައި 175 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހިންގުމަށް ޕާޓްނަރޝިޕެއް އުފައްދައިފި ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ ބިޒްނަސް ސްޓޭންޑަޑް އިން ބުނެފި އެވެ.
މި ޚަބަރުގައި ބުނެފައިވަނީ ބްލޫ ސިނާޖީ އިންވެސްޓްމަންޓްސް އާއި އެމަރަލްޑް ކޯޕަރޭޓްސް އިން ވަނީ ރާއްޖޭގައި 175 މިލިއަން އެމެރިކާ ޑޮލަރުގެ "ތާ އައިލެންޑް ކްލަސްޓަރ ސަސްޓެއިނަބަލް ޓައުންޝިޕް" ތަރައްގީގެ މަޝްރޫއުގެ މައިގަނޑު ބައިވެރިންގެ ގޮތުގައި ރަސްމީކޮށް އެއްބަސްވެފައިވާ ކަމަށެވެ.
މި ޕާޓްނަރޝިޕްގެ ފަހަތުގައި ހުންނެވި މައިގަނޑު ބާރަކީ އެމަރަލްޑް ގްރޫޕްގެ ޗެއާމަން ޑރ. ސައިލޭޝް ލަޗޫ ހިރަނަންދާނީ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ބިޔަ މަޝްރޫއު ހަގީގަތަކަށް ހެދުމަށްޓަކައި، އަމަލީ މައިދާނުގައި މި މަޝްރޫއު ހިންގުމުގެ އޮޕަރޭޝަނަލް ހުރިހާ ޒިންމާ އެއް އުފުއްލަވާނީ ބްލޫ ސިނާޖީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފަޔާޒް ކަމަށް ވެސް ބުނެފައިވެ އެވެ.
މަޝްރޫއާ ބެހޭ ގޮތުން އިތުރަށް ބުނެފައިވަނީ އާންމުކޮށް ހިންގާ ތަރައްގީގެ މަޝްރޫއުތަކާ ޚިލާފަށް، މި މަޝްރޫއުން މަސައްކަތް ކުރާނީ ސަރަހައްދީ އިގްތިސާދު ކުރިއެރުވުމަށާއި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް އަމާޒުކޮށްފައިވާ ގިނަ ރަށްތަކެއް ހިމެނޭ އީކޯސިސްޓަމެއް ތަރައްގީ ކުރުމަށް ކަމުގަ އެވެ.
"އަޅުގަނޑުމެން މި ތައާރަފުކުރަނީ ސަރަހައްދީ ފެންވަރުގައި ގައުމު ބިނާކުރުމުގެ މުޅިން އައު އުސޫލެއް. މި މަޝްރޫއު ވެގެންދާނީ ތިމާވެއްޓަށް ކުރާ އަސަރު ކުޑަ، ދެމެހެއްޓެނިވި ރަށްވެހިކަމުގެ ބައިނަލްއަގުވާމީ ނަމޫނާއަކަށް." ފަޔާޒް ވިދާޅުވި އެވެ.
ފަޔާޒު އިތުރަށް ވިދާޅުވި ގޮތުގައި، އެމަރަލްޑް ގްރޫޕްގެ އެހީތެރިކަމާއެކު، ރައްޔިތުންނަށް ދިގުމުއްދަތުގެ ތަނަވަސްކަން ގެނެސްދޭނެ ދުނިޔޭގެ ފެންވަރުގެ ޓައުންޝިޕެއް ގާއިމުކުރުމަށް ފުރިހަމައަށް އެފާރަތުން ތިބީ ތައްޔާރުވެފަ އެވެ.
175 މިލިއަން ޑޮލަރުގެ މި މަޝްރޫއަކީ އަވަށްޓެރި ގައުމުތަކުގެ އިގްތިސާދުތައް ގުޅުވައިދޭނެ ވަރުގަދަ އިންޖީނެއް ކަމަށާއި، އިރުގެ ހަކަތަ އުފެއްދުމާއި، ކަނޑުގެ ހަކަތަ އުފެއްދުމުގެ ޕައިލެޓް ޕްރޮގްރާމްތަކާއި، މަތީ ފަންތީގެ އީކޯ-ރިސޯޓްތަކުގެ އިތުރުން، މެރިކަލްޗަރ އެކްސްޕޯޓް ފަދަ ސިނާއަތްތައް ކުރިއެރުވުން ހިމެނޭ ކަމަށް މި މަޝްރޫއާ ބެހޭ ގޮތުން އެ ނޫހުގައިވާ ލިޔުމުގައި ބުނެފައިވެ އެވެ.
އަދި މި މަޝްރޫއުގެ ސަބަބުން އިންޑިއާގެ އުފެއްދުންތެރިކަމަށް ސީދާ ކުރިއެރުން ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ކަނޑުގެ ސަރަހައްދުގައި ބޭނުންކުރާ ސޯލާ ނިޒާމުތަކާއި، ސްމާޓް ގްރިޑްތަކާއި، އިންޖިނިއަރިންގ ފަންނީ މަސައްކަތްތަކަށް އިންޑިއާގެ ޓެކްނޮލޮޖީއާއި ސަޕްލައި ޗެއިންއަށް މި މަޝްރޫއު ވަރަށް ބޮޑަށް ބަރޯސާވާތީ ކަމަށެވެ.
މަސްދަރު: ބިޒްނަސް ސްޓޭންޑަޑް









