ބީއެމްއެލް އެކަޑެމީން މުވައްޒަފުންނަށް ތަމްރީނުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
ބީއެމްއެލް އެކަޑެމީން އިންސެފް ޔުނިވަރސިޓީއާ ގުޅިގެން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނުތަކާއި ޕްރޮފެޝަނަލް ސެޓިފިކޭޝަން ޕްރޮގްރާމްތައް މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައި. މި އެއްބަސްވުމުގެ ސަބަބުން މާލީ ދާއިރާގެ ލީޑަރޝިޕް ތަރައްގީކުރުމަށާއި ސިނާއީ ގުޅުންތައް ބަދަހިކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ. މިއީ ރާއްޖޭގެ ބޭންކިންގ ދާއިރާގެ ފަންނީ ފެންވަރު މަތިކުރުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް


ބީއެމްއެލް އެކަޑެމީން މުވައްޒަފުންނަށް ތަމްރީނުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއި ކުރުން | ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ ތަމްރީނުތައް ހޯދައިދިނުމަށް ބީއެމްއެލް އެކަޑެމީން އިންސެފް ޔުނިވަރސިޓީ އާއެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް ގާއިމުކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަރސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެ އެވެ.
މީގެ އިތުރުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި، ލީޑަރޝިޕް ތަރައްގީކުރުމާއި، ސިނާއީ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ވެސް މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އެކަޑެމީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިންގ ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމަށް ބޭންކުން ގާއިމުކޮށްފައިވާ އެކަޑެމީއެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މީގެ ކުރިންވެސް މި އެކަޑެމީން ވަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފްޗާޓަރޑް ބޭންކާސް، ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީ އާއެކު އެއްބަސްވުންތައް ގާއިމުކޮށްފަ އެވެ.
ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ހިދުމަތްތަކުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ބީއެމްއެލް އެކަޑެމީން ދަނީ ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކާއެކު މަސައްކަތްކުރަމުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.







