ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ފަށައިފި
ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސްއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި 30 މުވައްޒަފުން ބައިވެރިވެފައިވެ. މިއީ މުސްތަގުބަލުގެ ލީޑަރުން ބިނާކޮށް، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް ކުރާ މުހިންމު އިންވެސްޓްމަންޓެއް. މި ތަމްރީނުތަކުގެ ސަބަބުން ބޭންކުގެ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނެ ކަމަށް ބީއެމްއެލް އިން ބުނޭ.


ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން ކުރިޔަށްގެންދާ ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ގެ ބައިވެރިން | ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަގުސަދުގައި، އެ ބޭންކުގެ "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ރަސްމީކޮށް ފަށައިފި އެވެ.
މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭންކަރުން ބިނާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށި މުހިންމު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ޗާޓަރޑް ބޭންކިންގ ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ޖަނަވަރީ 2026 ގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް (އޭ.އައި.ސީ.ބީ) އާއެކު ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބޭންކް އޮފް މޯލްޑިވްސްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަ ކުރާނެއެވެ.
މިކަމާ ގުޅޭގޮތުން ބޭންކުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ އެންމެ ބޮޑު ރައުސްމާލަކީ އެ ކުންފުނީގެ މުވައްޒަފުން ކަމަށް ވާއިރު، މުވައްޒަފުންގެ ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ޚާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ. މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތައް ތަންފީޒުކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
މި އިންވެސްޓްމަންޓުގެ ސަބަބުން މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.






