އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް
އެމެރިކާގެ އިންތިޚާބީ ނިޒާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިހާރު ހާމަވަމުންދާ މައުލޫމާތުތަކަށް ބަލާއިރު އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ވަރަށް ބޮޑަށް ހަލާކު ވެފައި ކަމަށް. އަދި އެ ނިޒާމަކީ ނާޒުކު އަދި އެއްވެސް މީހަކަށް ދިފާއު ކުރެވޭނެ ފަދަ ނިޒާމެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އެމެރިކާގެ އިންތިޚާބީ ނިޒާމަކީ ކޮރަޕްޝަން އަށަގެންފައިވާ ނިޒާމެއް ކަމަށް ސިފަ ކުރައްވައި، އެ ނިޒާމަކީ ދިފާއު ކުރެވޭނެ ފަދަ ނިޒާމެއް ނޫން ކަމަށް އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގެ އިންތިޚާބީ ނިޒާމާ ގުޅޭ ގޮތުން ކުރިން ވެސް ދައްކަވަމުން ގެންދެވި، ނަމަވެސް މިހާތަނަށް ސާބިތު ކޮށްދެވިފައި ނުވާ ވާހަކަތައް އަލުން ތަކުރާރު ކުރައްވަމުންނެވެ.
އެމެރިކާގެ އިންތިޚާބީ ނިޒާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިހާރު ހާމަވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ. އަދި އެ ނިޒާމަކީ ނާޒުކު އަދި އެއްވެސް މީހަކަށް ދިފާއު ކުރެވޭނެ ފަދަ ނިޒާމެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. މީގެ އިތުރުން، އެމެރިކާގެ ވޯޓުލާ މީހުންގެ ދަފުތަރުގައި އެމެރިކާގެ ރައްޔިތުން ނޫން މީހުންނާއި، މަރުވެފައިވާ މީހުންގެ ނަންތައް ހިމެނޭ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގެ ތެރެއިން
އިންތިޚާބުތަކުގައި ކަރުދާސް ވޯޓު ބޭނުން ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ޓްރަމްޕް ވިދާޅުވީ، އިލެކްޓްރޯނިކް ވޯޓިން މެޝިންތަކާއި، ވޯޓު ގުނާ ނިޒާމުތަކަކީ ހެކް ކުރުމުގެ ފުރުސަތު އޮތް ނިޒާމުތަކެއް ކަމަށެވެ. މި މެޝިންތަކަކީ ސައިބަރ ހަމަލާތަކަށް ހުށަހެޅުމުގެ ފުރުސަތު އިންތިހާ އަށް ބޮޑު އެއްޗެއްކަން ސަރުކާރަށް މާކުރިން ވެސް އެނގޭ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.
ޓްރަމްޕްގެ ވާހަކަފުޅުގައި އިންޓެލިޖެންސް އެސެސްމަންޓަކާ ހަވާލާދީ ވިދާޅުވީ، އެމެރިކާގެ ދުޝްމަނުންގެ ގޮތުގައި ބެލެވޭ ރަޝިޔާ، ޗައިނާ، އީރާން އަދި އުތުރު ކޮރެއާގެ އިތުރުން ދައުލަތްތަކަށް ނިސްބަތް ނުވާ ޖަމާއަތްތަކަށް އެމެރިކާގެ އިންތިޚާބީ އޮނިގަނޑަށް ނުފޫޒު ފޯރުވުމުގެ ގާބިލުކަން ލިބިގެންވާ ކަމަށެވެ. މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފައި އެވެ.
އެމެރިކާގެ އިންތިޚާބީ ނިޒާމަކީ "ނާޒުކު" ނިޒާމެއްގެ ގޮތުގައި ސިފަ ކުރައްވައި ޓްރަމްޕް މިފަދަ ވާހަކަތަކެއް ދައްކަވާފައި މިވަނީ، އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވަމުން ގެންދަވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް، ޓްރަމްޕް ކުރައްވާ ގިނަ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، އަދި މިހާތަނަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ވާހަކަތަކެއް ކަމަށް ކަމާ ބެހޭ މާހިރުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން 2020 ވަނަ އަހަރު އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވާފައިވެ އެވެ. ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް ޓްރަމްޕް އަށް ދެއްކެވިފައެއް ނުވެ އެވެ. އަނެއްކޮޅުން މިއަހަރުގެ ނޮވެމްބަރު މަހު އެމެރިކާގެ މިޑްޓާރމް އިންތިޚާބު އޮންނައިރު، ޓްރަމްޕްގެ މަޤުބޫލުކަން ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.
މަސްދަރު: ރޮއިޓާސް










