އިން ވަކިނުކޮށް މަސައްކަތް ފެށުމުން ހަނިމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ހުއްޓިއްޖެ، ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރިޔަށް ނުދޭ: ކައުންސިލް
ހދ. ހަނިމާދޫގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ އިންފާރު މަގުމައްޗަށް އަރާގޮތަށް ރާނަން ފެށުމުން، ކައުންސިލުން އެ މަސައްކަތް ހުއްޓުވާފައިވާއިރު، އެ ރަށުގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސް އާއި ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ.


ހދ. ހަނިމާދޫގަ ފުޓްސަލް ދަނޑެއް އަޅަން ހަމަޖެހިފަވާ ސަރަހައްދު: އިން ވަކިނުކޮށް މަސައްކަތް ފެށުމުގެ ސަބަބުން މަސައްކަތް ވަނީ ހުއްޓިފަ. | ރާއްޖެ އެމްވީ
އިން ވަކިނުކޮށް، ކައުންސިލާ މަޝްވަރާކުރުމެއްނެތި މަސައްކަތް ފެށުމުގެ ސަބަބުން ހދ. ހަނިމާދޫ ގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފި އެވެ.
މީގެ އިތުރުން، އެ ރަށުގައި އިމާރާތްކުރަން ފަށާފައިވާ ސްޕޯޓްސް ކޮމްޕްލެކްސް އާއި ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު "ރާއްޖެ ޓީވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުޓްސަލް ދަނޑުގެ މަސައްކަތް ހުއްޓުނީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، އަދި އިން ވަކިކުރުމެއް ނެތި މަސައްކަތް ފެށުމުން ކަމަށެވެ. އެގޮތުން ދަނޑުގެ އިންފާރު ރާނަން ފެށީ ސީދާ ރަށުގެ މަގުމައްޗަށް އަރާގޮތަށް ކަމަށާއި، އެކަން ފާހަގަވުމުން މަސައްކަތް ހުއްޓާލުމަށް ކައުންސިލުން އެންގީ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިދާޅުވެ ބައްލަވާ ރަށެއްގެ މަގުމައްޗަށް މުއައްސަސާ އެއް އެރީމަ އެއީ ގޯހެއް ނޫންތޯ؟ އެކަން ބަދަލުކުރަން ޖެހޭނެ ނޫންތޯ. އެއީ ކައުންސިލްގެ މައްސަލަ އެއްތޯ؟ ޖެހިގެން އޮތީ ޓުއަރިޒަމް ބިންތައް. ޑޮލަރުން ލާރި ދައްކަނީ ކައުންސިލަށް. މާދަމާ އަޅުގަނޑުމެން ދާންޖެހޭނެ އެބޭފުޅުންނާއެކު ކޯޓަށެއް ނޫންތޯ؟ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު
އޭނާ އިތުރަށް ވިދާޅުވީ، މަސައްކަތް ކުރިއަށް ގެންދާ ކުންފުނިން މިހާރު ބުނަމުންދަނީ ކުރި މަސައްކަތަށް ބަދަލު ދިނުމުން ނޫނީ އެތަނުގައި ހުރި މެޝިނަރީތައް (ހައިމާކު) ނުނަގާނެ ކަމަށެވެ. ކައުންސިލުން އެދެނީ އިމުގެ ތެރެއަށް ވައްދައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ދަނޑުގެ މަސައްކަތުގެ އިތުރުން، ރަށުގެ ސްޕޯޓްސް ކޮމްޕްލެކްސް އާއި ރޮސްޓްރަމްގެ މަސައްކަތް ވެސް އޮތީ ހުއްޓިފަ އެވެ. ކައުންސިލް މެންބަރު ރިފްގާ މުނާ ވިދާޅުވި ގޮތުގައި، ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތަކީ 25 އޮގަސްޓް 2023 ގައި އެމްއޭސީއެލްއާ ހަވާލުކުރެވިގެން ފެށި މަސައްކަތެކެވެ. ނަމަވެސް އެ މަސައްކަތް މިހާރު ފެންނަނީ ހުއްޓިފައި އޮތް ތަނެވެ.
ހަމައެއާއެކު، އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް ވެސް އެއްވެސް ވަރަކަށް ކުރިއަށް ނުދާކަން ރިފްގާ ފާހަގަކުރެއްވި އެވެ.
މި މަސައްކަތަކީ 25 އޮގަސްޓް 2025 ގަ އެމްއޭސީއެލް އާ ހަވާލުކުރެވިގެން ކުރިއަށްދާ މަސައްކަތެއް މިހާރު މިހާތަނަށް މަސައްކަތް ކުރެވިފައި ހުރި މިންވަރު މި ފެންނަނީ. މިތަނުން ހަމަ މަސައްކަތް ހުއްޓިފައި ކުރިއަށްގޮސް އެކަހަލަ ގޮތަކަށް ފެންނަނީ. ރޮސްޓްރަމްގެ މަސައްކަތް އެއީ އާރްޑީސީއާ ހަވާލުކުރެވިގެން އެދަނީ. އެތަނުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގޮސްފައެއް މިހާތަނަކަށް ނެތް އެއްވެސް ހަމަ މިދިޔަ އަހަރުގެ 25 އޮގަސްޓް ގަ ބިންގާއެޅި މަސައްކަތެއް. އެތަނުގަ ކައުންސިލުން މިހާތަނަށް ޓިނު ޖަހައިގެން، އިއްޒަތްތެރިން ތިއްބެވޭ ގޮތަށް މަސައްކަތް ކުރިއަށް ގޮސްފަ އޮތް ހިސާބަށް އޮތީ. އެއަށްވުރެ އިތުރަކަށް ނެތް ކުރިއަށް ގޮސްފައެއް.ހދ. ހަނިމާދޫ ކައުންސިލްގެ މެންބަރު ރިފްގާ މުނާ
ކައުންސިލުން ބުނާ ގޮތުގައި ރަށުގެ ތަރައްޤީގެ މި މަޝްރޫޢުތައް ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގަ އެވެ. ބައެއް ފަހަރު ކުޑަ މަސައްކަތެއް ފަށާފައި އަނެއްކާވެސް ހުއްޓިފައި އޮންނަ ކަމުގެ ޝަކުވާ ކައުންސިލުން ވަނީ ކޮށްފަ އެވެ.
މި ސަރުކާރުން އިންތިހާބުތަކާ ދިމާކޮށް މިގޮތަށް ފެށި ގިނަ މަސައްކަތްތައް ކުރިޔަށް ނުދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


