ދެމެހެއްޓެނިވި ތަރައްގީ ގެ މިންގަނޑުތަކުން ކުރިއެރުމެއް ނުލިބި ރާއްޖެ ދަނީ ދަށަށް
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ފަގީރުކަން ނައްތާލުމާއި ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖެއިން ބޮޑު ކާމިޔާބީއެއް ހޯދުމުގެ އިތުރުން، އާބާދީގެ އެވްރެޖް އުމުރު ވަނީ 81.5 އަހަރަށް އުފުލިފައި. ނަމަވެސް މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ކޮރަޕްޝަން ނައްތާލުމުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ރިޕޯޓުން ހާމަވޭ. މީގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ހިއްސާ އިތުރުކުރުމާއި، މީޑިއާގެ މިނިވަންކަމާއި، މުއައްސަސާތައް ހަރުދަނާކުރުމަކީ ރާއްޖެއިން މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންކަމުގެ ގޮތުގައި ވަނީ ފާހަގަކޮށްފައި.

މިއީ 5 ޑިސެމްބަރު 2023 ގައި ނަގާފައިވާ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ އާންމު ހާލަތު ހުރިގޮތް ދައްކުވައިދޭ މަންޒަރެއް. | ގެޓީ އިމޭޖަސް
އދ. ގެ ދެމެހެއްޓެނި ތަރައްގީގެ ރިޕޯޓުގައި ރާއްޖެ އަށް މިހާތަނަށް ލިބުނު އެންމެ މަތީ ސްކޯ 2020 ގައި ލިބިފައިވާއިރު، އެ ސްކޯ ނުދެމެހެއްޓި ދަށަށްދާކަން ފާހަގަ ކުރެވިއްޖެއެވެ.
އދ އިން އާންމު ކުރި 2026 ވަނަ އަހަރުގެ ދެމެހެއްޓެނިވި ތަރައްގީގެ ރިޕޯޓު (ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ރިޕޯޓް) ގައި 2025 ވަނަ އަހަރު ދިވެހިރާއްޖެއިން 100 އަކުން 73.3 ގެ ސްކޯއެއް ހޯދައި، ދުނިޔޭގެ 169 ގައުމުގެ ތެރެއިން 63 ވަނަގައި ވަނީ ހިމަނާފައެވެ. މިއީ އިރުމަތީ އަދި ދެކުނު އޭޝިއާ ސަރަހައްދުގެ އެވްރެޖް ސްކޯ ކަމަށްވާ 70.5 އަށްވުރެ މަތީ ނަތީޖާއެކެވެ. އެހެން ނަމަވެސް 2024 ވަނަ އަހަރާ ބަލާއިރު 2025 ގައި ރާއްޖޭގެ ޖުމްލަ ސްކޯ އަށް ކުރި އެރުމެއް އައިސްފައިނުވާކަން ފާހަގަ ކުރެވެއެވެ. ރާއްޖެ އަށް މިހާތަނަށް ލިބުނު އެންމެ މަތީ ސްކޯ އަކީ 2020 ގައި ލިބުނު 74.19 ކަން ފާހަގަ ކުރެ އެވެ. ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) ގެ ގޮތުގައި 17 ދާއިރާ އެއް ހިމެނޭ އިރު ބައެއް ދާއިރާތައް އެސެސް ކުރުމުގައި އެކަށީގެންވާ މައުލޫމާތާއި ތަފާސް ހިސާބު ރާއްޖެ އިން ލިބިފައެއް ނުވެއެވެ.

އެސް.ޑީ.ޖީ ރިޕޯޓުން ހާމަވާ ގޮތުގައި، ދެމެހެއްޓެނިވި ތަރައްގީގެ މައިގަނޑު ދެ ލަނޑުދަނޑިއެއް ކަމަށްވާ ފަގީރުކަން ނައްތާލުމާއި، ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އަމާޒު ރާއްޖެއިން ވަނީ ރަސްމީކޮށް ހާސިލްކޮށްފައެވެ. އަދި މި ދެ ދާއިރާއިން ލިބިފައިވާ ކުރިއެރުން ދެމެހެއްޓުމަށް ރާއްޖެއިން ދަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް، ދުވާލަކު 3 ޑޮލަރާއި 4.20 ޑޮލަރަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ ނިސްބަތް ރާއްޖޭގައި ސުމަކާ ގާތްކުރާއިރު، އާބާދީގެ ގާތްގަނޑަކަށް 100 އިންސައްތަ މީހުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބެއެވެ. މީގެ އިތުރުން، ދުޅަހެޔޮ ސިއްހަތާއި މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމުގައިވެސް ރާއްޖެ އަންނަނީ ކުރިއެރުން ހޯދަމުންނެވެ. އެގޮތުން ރާއްޖޭގެ މީހުންގެ އެވްރެޖް އުމުރު 81.5 އަހަރަށް އަރާފައިވާއިރު، ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ ނިސްބަތް ހުރީ ކޮންމެ އެއްލައްކަ މީހަކަށް 31.8 ގައެވެ.
މި ކުރިއެރުންތަކާއެކުވެސް، މިންތީގެ ހަމަހަމަކަން ގާއިމްކުރުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ރިޕޯޓުން ހާމަވެއެވެ. މިންތީގެ ހަމަހަމަކަމަށް ބަލާއިރު، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ހިއްސާއަކީ އެންމެ 3.2 އިންސައްތައެވެ. އަދި ވަޒީފާގެ ބާޒާރުގައި ފިރިހެނުންނާ އަޅާބަލާއިރު އަންހެނުން ބައިވެރިވާ މިންވަރުވެސް ދަނީ ދަށްވަމުންނެވެ.
އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ ދާއިރާއިން ރާއްޖޭގެ ހާލަތު ފެންނަނީ އެއްވަރެއްގައި ހިފެހެއްޓިފައި ނުވަތަ ކުޑަ ކުރިއެރުމެއް ލިބެމުންދާ ތަނެވެ. ރާއްޖޭގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް 4.7 އިންސައްތައިގައި ހިފެހެއްޓިފައިވާއިރު، މުޅި ރާއްޖެއަށް ކަރަންޓުގެ ޚިދުމަތް ވަނީ ފޯރުކޮށްދެވިފައެވެ. ނަމަވެސް، ބޭނުންކުރާ ހަކަތައިގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ ހިއްސާއަކީ އެންމެ 0.7 އިންސައްތައެވެ. ސިނާއަތްތަކާއި، އީޖާދުތަކާއި، އުމްރާނީ ތަރައްގީގެ ލަނޑުދަނޑިތަކަށް ބަލާއިރު، އިންޓަނެޓް ބޭނުންކުރާ މީހުންގެ ނިސްބަތް 85.2 އިންސައްތައިގައި ހުރުމާއި، އީ-ގަވަރމަންޓް އޮންލައިން ސަރވިސަސް އިންޑެކްސްގައި 0.6 ގެ މަތީ ސްކޯއެއް ލިބިފައިވުމާއެކު، މި ދާއިރާއިން އަންނަނީ މެދުމިންވަރެއްގެ ކުރިއެރުންތަކެއް ލިބެމުންނެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފާއިތުވި އަށް އަހަރުގެ ތެރޭގައި ތަފާސްހިސާބުތައް ބެލެހެއްޓުމުގެ ދާއިރާއިން ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ރާއްޖޭގެ "ސްޓެޓިސްޓިކަލް ޕަރފޯމަންސް އިންޑެކްސް" 2016 ވަނަ އަހަރު 49.8 ގައި ހުރުމަށްފަހު، 2024 ވަނަ އަހަރު ވަނީ 64.4 އަށް އުފުލިފައެވެ. ގައުމީ ފެންވަރުގައި މިއީ ބޮޑު ކުރިއެރުމެއް ނަމަވެސް، އިރުމަތީ އަދި ދެކުނު އޭޝިއާ ސަރަހައްދުގެ އެވްރެޖް ކަމަށްވާ 68.5 އަށްވުރެ ރާއްޖެ އަދިވެސް އުޅެނީ ފަހަތުގައެވެ. އަދި އޯ.އީ.ސީ.ޑީ ގައުމުތަކުގެ އެވްރެޖް ކަމަށްވާ 89.2 އާ އަޅާބަލާއިރު ރާއްޖެ އުޅެނީ މާ ފަހަތުގައެވެ. މިއީ ތަރައްގީގެ މަސައްކަތްތައް މޮނިޓަރ ކުރުމަށް ބޭނުންވާ އިތުބާރު ހުރި ތަފާސްހިސާބު ފޯރުކޮށްދިނުމުގެ ގާބިލުކަން ވަޒަންކުރާ މިންގަނޑެކެވެ.
މުއައްސަސާތައް ބިނާކުރުމުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު، މި ދާއިރާގެ ކުރިއެރުން ވަނީ މަޑުޖެހިފައެވެ. ކޮރަޕްޝަންގެ ހާލަތު ބަލާ "ކޮރަޕްޝަން ޕަރސެޕްޝަންސް އިންޑެކްސް" ގައި ރާއްޖެއަށް 100 އަކުން ލިބިފައިވަނީ 39 ގެ ދަށް ސްކޯއެކެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި 49.2 ގެ ސްކޯއަކާއެކު ރާއްޖޭގެ ހާލަތު ދަނީ ދަށްވަމުންނެވެ.
މީގެ އިތުރުން، ހިލޭ އެހީ ނުހިމަނައި ސަރުކާރަށް ލިބޭ އާމްދަނީ 2021 ވަނަ އަހަރު ވަނީ ޖީ.ޑީ.ޕީގެ 24.8 އިންސައްތައަށް ދަށްވެފައެވެ.
ރިޕޯޓުގެ ހޯދުންތަކުން ހާމަވާ ގޮތުގައި، އިންސާނީ އަސާސީ ބޭނުންތަކާއި ފަގީރުކަން ނައްތާލުމުގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް، މުއައްސަސާތައް ހަރުދަނާކުރުމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި، ކަރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރުމަކީ ދެމެހެއްޓެނިވިި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ކުރިއަށް އޮތް ތަނުގައި ސިޔާސަތުތައް އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ދާއިރާތައް ކަމެވެ.







