ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި
ފާސީ ވިދާޅުވި ގޮތުގައި ނަތަންޔާހޫގެ އަމަލުތައް ހުއްޓުވައި، އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް އަދި އެމެރިކާގެ މަސްލަހަތުތަކާ އެއްގޮތަށް އޭނާ ލައްވައި މަސައްކަތް ކުރުވުމަކީ ހަމައެކަނި ފޯނު ކޯލަކުން ކުރެވޭނެ ކަމެއް ނޫން. ނަތަންޔާހޫގެ މައްޗަށް ނުފޫޒު ފޯރުވުމަށްޓަކައި އަމަލީ ގޮތުން ވަރުގަދަ ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވި.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ގެޓީ އިމޭޖަސް
އެމެރިކާގެ މަސްލަހަތުތަކަށް ތަބާވުމަށް މަޖުބޫރު ކުރުވުމަށްޓަކައި، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީތެރިކަން ކަނޑާލަން ޖެހޭ ކަމަށް ކުއިންސީ އިންސްޓިޓިއުޓް ފޯ ރެސްޕޮންސިބަލް ސްޓޭޓްކްރާފްޓްގެ ކޯ-ފައުންޑަރ ތްރީޓާ ފާސީ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސަތުތައް ކޮންޓްރޯލް ކުރެއްވުމަށް ކުރައްވަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ފާސީ ވިދާޅުވި ގޮތުގައި ނަތަންޔާހޫގެ އަމަލުތައް ހުއްޓުވައި، އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް އަދި އެމެރިކާގެ މަސްލަހަތުތަކާ އެއްގޮތަށް އޭނާ ލައްވައި މަސައްކަތް ކުރުވުމަކީ ހަމައެކަނި ފޯނު ކޯލަކުން ކުރެވޭނެ ކަމެއް ނޫނެވެ. ނަތަންޔާހޫގެ މައްޗަށް ނުފޫޒު ފޯރުވުމަށްޓަކައި އަމަލީ ގޮތުން ވަރުގަދަ ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މިގޮތުން އިޒްރޭލް އިން ބޭނުންހާ ގޮތަކަށް ކަންކަން ކުރުމަށް އޮތް ފުރުސަތު ހަނިކޮށް، ވަކިން ހާއްސަކޮށް އީރާން އަށް ހަމަލާ ދިނުމަށް އިޒްރޭލް އަށް އޮތް ގާބިލުކަން ނައްތާލުމަށްޓަކައި، ހަރުދަނާ ފިޔަވަޅު ތަކެއް ތަންފީޒު ކުރަން ޖެހޭ ކަމަށް ފާސީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ އެހީތެރިކަމާ ނުލައި، އިޒްރޭލް އަށް މިފަދަ އަސްކަރީ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަށް ފިއްތުންތައް ކުރިމަތި ކުރުވުމަށްޓަކައި އެމެރިކާ އަށް ބޭނުން ކުރެވިދާނެ މުހިންމު ދެ ދާއިރާއެއް ފާސީ ވަނީ ފާހަގަ ކުރައްވާފައި އެވެ. އެއީ އެމެރިކާގެ އިންޓެލިޖެންސް ނުވަތަ ޖާސޫސީ މައުލޫމާތު އިޒްރޭލް އަށް ފޯރުކޮށްދިނުން ހުއްޓާލުމާއި، އެމެރިކާގެ އެހީތެރިކަމާ އެކު ގާއިމު ކޮށްފައިވާ ވައިގެ ދިފާއީ ނިޒާމު އަދި މިސައިލް ދިފާއީ ނިޒާމުގެ އެއްބާރުލުން ކަނޑާލުމެވެ.
އެމެރިކާގެ ހަރަކާތްތެރި އެހީތެރިކަމެއް ނެތި، ނަތަންޔާހޫ އަށް މިހާރު ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ފާސީ ތަކުރާރުކޮށް ވިދާޅުވި އެވެ. އެހެންކަމުން، ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް ނަތަންޔާހޫ އަމަލު ކުރުމަށް މަޖުބޫރު ކުރުވުމަށް އޮތް އެންމެ ފަހި މަގަކީ އެމެރިކާ އިން ދެމުންދާ މިފަދަ އަސްކަރީ އަދި ފަންނީ އެހީތެރިކަން ހުއްޓާލުން ކަމަށް އޭނާ ލަފާ ދެއްވި އެވެ.
މަސްދަރު: އަލް ޖަޒީރާ






