ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު
އެންޓި-ޑިފެކްޝަން ގާނޫނުގެ ސަބަބުން މެންބަރުންގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ސޯލިހު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ގޮނޑި ކަށަވަރުވާނެ ކަމުގެ ޔަގީންކަން ލިބިއްޖެ ނަމަ، ޕީއެންސީގެ ބައެއް މެންބަރުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅާ ގުޅެން ތައްޔާރަށް ތިބިކަން އެމަނިކުފާނު ހާމަކުރެއްވި. މީގެ އިތުރުން، މިއަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު ވަނީ ދެއްވާފައި.


ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި "ސޯބެ ޖަލްސާ"ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. | އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ނަމަވެސް އެ ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވާ ނަމަ، ޕީއެންސީ ދޫކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި "ސޯބެ ޖަލްސާ"ގައި ރައީސް ސޯލިހު ވަނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވި ނަމަވެސް އެގޮތަށް ފާސް ކުރަން ނުޖެހޭ ކަމަށާއި، ރަނގަޅަށް އެ ބިލެއް ދިރާސާ ކުރަން ޖެހޭ ކަމަށެވެ. ޕާޓީއަކުން ކުރިމަތިލާ މެންބަރުން ކުރިމަތިލަނީ މެނިފެސްޓޯއަކާ އެކުކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ އިދާރާއެއްގެ ކަންކަން ކުރުމަށް ވައުދުވާ ކަމަށާއި، ނަމަވެސް ސަރުކާރުން އެކަންކަން ނުކޮށްދޭ ކަމަށްވާނަމަ ޕާޓީން ވަކިވުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށެވެ. އަދި މެންބަރުން ތަޅު އަޅުވައިގެން ފަސް އަހަރު ވަންދެން ގެންގުޅުމަކީ މި ސަރުކާރުން ގެނެސްފައިވާ ވަރަށް ނުރަނގަޅު ބަދަލެއް ކަމަށާއި، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ޕީއެންސީ މެންބަރެއް އެމަނިކުފާނަށް ގުޅުއްވި ކަމަށެވެ. އަދި މިވަގުތު ވެސް ޕީއެންސީ ދޫކޮށްފައި އިދިކޮޅާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަން ބޭނުންވާ ޕީއެންސީ މަޖިލިސް މެންބަރުން އެބަ ތިއްބެވި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުގެ ގޮނޑި ގޭއްލޭއިރު، އެ ގޮނޑި އަލުން އަނބުރައި ހޯދައިދޭނެ ކަމުގެ ޔަގީންކަން އެ މެންބަރުން ބޭނުންވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އަޅުގަނޑަށް މީގެ ދެ ދުވަސް ކުރިން ގުޅި. ޕީއެންސީގެ މަޖިލިސް މެމްބަރެއް. ތިމަންނައާ އެކު އެބަތިއްބޭ އެތައް މިތަށް މެމްބަރުން. މިއީ ހަމަ ސަރީހަ ތެދު ވާހަކައެއް އަޅުގަނޑު މިދައްކަނީ. މިވަގުތު ވެސް މިތިބީ ޕީއެންސީ ދޫކޮށްފައި ނުކުމެ، މި ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތްކުރަން ތައްޔާރަށޭ، ޔަގީންކަން ދެއްވާށޭ. އަޅުގަނޑު ގާތުގައި ވިދާޅުވީ ތިމަންމަމެންނަށް ޔަގީން ކަމެއް ތިބޭފުޅުން ދެއްވަބައްލަވާށޭ. އެ އިޝާރާތް ކުރީ އަޅުގަނޑަށާއި، ރައީސް ނަޝީދަށްށާއި، ރައީސް ޔާމީނަށް. ތި ތިން ބޭފުޅުން މަސައްކަތްތަކެއް ފައްޓަވާފީމެއްނުންހޭ. ތިމަންނަމެން ޕާޓީ ދޫކޮށްފަ ނުކުތީމަ ގޮނޑި ގެއްލުނީމަ އެގޮނޑި ތިމަންނަމެންނަށް ހޯދައިދިނުމަށް އަޅުގަނޑުމެން ތިން މީހުން މިއަދު އެއްބަސްވިޔަސް ތިމަންނަމެން މިތިބީ މިސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނުކުންނަން ތައްޔާރައްށޭ.ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މިހާރު ތިލަފަތަށް ބަރުވަމުންދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާހެން، މިއަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވާނެ ކަމަށާއި ނުވަތަ އެ މަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ވެރިކަން ދޫކުރަށްވައި ވަޑައިގަންނަވަން ކަމަށެވެ.







