މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ ވޯޓުލުން ޖޫން 13ގައި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި ޕީއެންސީ އާއި އެމްޑީއޭގެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު އަލުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި. މިގޮތަށް ނިންމީ ބާތިލު ވޯޓެއްގެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެން ދެ ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރުވުމުން. މީގެ އިތުރުން ތިމަރަފުށީގެ ވޯޓުފޮއްޓެއް އަލުން ގުނުމަށާއި، ވޭވަށު ކައުންސިލް ގޮނޑީގެ ނަތީޖާއަށް ބަދަލު އަންނަ ގޮތަށް ވެސް ހައިކޯޓުން ވަނީ ހުކުމްކޮށްފައި.


އިލެކްޝަން ކޮމިޝަން | ސޯޝަލްމީޑިއާ
ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން ބާއްވާ އިންތިޚާބު އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލަތަކެއް ޖެހިގެން މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލްގެ ރައީސްގެ މަގާމު އެމްޑީއޭގެ ކެންޑިޑޭޓަށް ޔަޤީންވުމާއެކު، ޕީއެންސީގެ ކެންޑިޑޭޓު ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ހައިކޯޓުގައި މި މައްސަލަ ނިންމެވި ފަނޑިޔާރުން ވަނީ ޕީއެންސީގެ ކެންޑިޑޭޓު އެދިފައިވާ ގޮތަށް ބާތިލު ބަންޑަލީގެ 17 ވަނަ ވޯޓަކީ ސައްޙަ ވޯޓެއްކަމަށް ކަނޑައަޅުއްވާފައެވެ. އެހެންވެ އޭނާއާ އެމްޑީއޭގެ ކެންޑިޑޭޓުގެ ވޯޓުގެ ނަތީޖާ ވަނީ އެއްވަރުވެފައެވެ. އެހެންކަމުން އިންތިޚާބުގެ ރަސްމީ ނަތީޖާ އަލުން އިސްލާހުކޮށް އިއުލާނު ކުރުމަށް ކޯޓުން ވަނީ އަންގާފައެވެ.
ހައި ކޯޓުގެ މި އަމުރާއެކު ދެ ކެނޑިޑޭޓުންގެ ވޯޓު އެއްވަރުވެފައިވާތި އަލުން އިންތިޚާބު ބާއްވަން ޖެހެއެވެ. އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރާނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ދ. މީދޫ / ދިލްޝާދުގެ، ސުހާ އިބްރާހީމްއާއި، އެމްޑީއޭގެ ކެންޑިޑޭޓް، ދ. މީދޫ / މުޝްތަރީވިލާ، މުޙައްމަދު ޝާހިދެވެ.
ދ.މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރު ބުރުގެ ވޯޓު ނެގުން އޮންނާނީ، 2026 ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސްއިން މައުލޫމާތުދެއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ ޖޫން 14ގައި އިއުލާން ކުރާނެ ކަމަށްވެސް އީސީން ފާހަގަކޮށްފައިވެއެވެ.
ކައުންސިލް އިންތިޚާބާ ގުޅިގެން ހައިކޯޓަށް ހުށަހެޅި އެހެން މައްސަލަތަކަށް ބަލާއިރު، . ތިމަރަފުށީ ކައުންސިލްގެ އިންތިޚާބުގެ މައްސަލަ ދިމާވި، އަމީނިއްޔާ ސްކޫލުގައި ހުރި ފޮށީގެ ވޯޓު އަލުން ގުނައިދިނުމަށް، އިންތިޚާބުން ނާކާމިޔާބުވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އިމާދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލަވެސް ނިމިފައިވަނީ އޭނާއާ އެއްކޮޅަށެވެ. އެގޮތުން އެ ވޯޓު ކަރުދާސްތައް އަލުން ގުނައި، އެ ވޯޓު ފޮށީގެ ނަތީޖާ އަލުން ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށުގައި ބެހެއްޓުނު ފޮށީގެ ނަތީޖާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަވެސް ނިމިފައިވަނީ ޕީއެންސީ ކެންޑިޑޭޓާ އެއްކޮޅަށެވެ. އެގޮތުން އެމްޑީޕީއަށް ލިބިފައިވާ 3 ވޯޓު ބާތިލުކަމަށް ކަނޑައެޅުމާއެކު، ޕީއެންސީ ކެންޑިޑޭޓު ވަނީ ވޯޓުން ކުރިހޯއްދަަވާފައެވެ.







