މިއަދު މި ގައުމުގެ ހާލަތާއި މެދު ވިސްނާލާ ހަމަ ކޮންމެ މީހެއްގެ ދެލޮލުން ކަރުނަ އޮހިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެ އެވެ. ދިވެހިރައްޔިތުން އުޅެން ޖެހިފައިވާ ބިކަ ހާލުގެ ސަބަބުންނެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ލިބޭ މަދު ފައިސާކޮޅުން ދެކޮޅު ނުޖެހުމުންނެވެ. މިއަދު މި ގައުމުގެ ރައްޔިތުން އެހާވެސް ނިކަމެތިވެ ހާލުގައި ޖެހިއްޖެ އެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރު އައި ފަހުން ތަކެތީގެ އަގުތައް މިވަނީ އިންތިހާއަށް މައްޗަށް އަރައިގެން ގޮސްފަ އެވެ. ދިވެހިންގެ ނިކަމެތިކަން އިހުސާސް ކުރެވެނީ މަގުމަތިން ދިމާވާ ރައްޓެހިންނާއި އެނޫންވެސް ފަރާތްތަކާއި ބައްދަލުވެ ދެކެވޭ ވާހަތަކުންނެވެ. މިގޮތަށް ބައްދަލުވާ ގިނަ މީހުން އުޅެނީ ލިބޭ ފައިސާކޮޅުން ދެކޮޅު ނުޖެހިގެންނެވެ. އަތްމަތި ހުސްވެ، ކޮންމެ ވެސް މީހެއް އަތުން ކުޑަ ލޯނެއް ނަގައިގެންނެވެ. ވިޔަފާރިކުރާ މީހެއް ވިއްޔާ ލާރިކޮޅު ނުލިބި ގޮތް ހުސްވެގެންނެވެ. މިއީ މިހާރު ދިވެހީންގެ އާންމު ހާލަތެވެ. އަނގަޔާއި އަތާއި ދިމާ ނުވާ ވާހަކަ އަކީ މިއަދު އެމީހުންގެ ޝަކުވާތަކެވެ.
އަހަރެންނަށް ވެސް ރަނގަޅު މުސާރައެއް ލިބޭ، ކުރިން އަހަރެންގެ މުސާރައިން ފުދޭ، ހުރިހާ ހަރަދަކަށް ކަނޑާފަ ވެސް ފޮރުވްނަ ވެސް ރަނގަޅު އެއްޗެއް އޮވޭ. އެކަމަކު، މިހާރު މުސާރައިން ނުވެގެން މީހުންގެ އަތުން ވެސް ފަހުން ދޭގޮތަށް ވެސް ނަގަންޖެހޭ.
ދިވެހި ޒުވާނެއް![]()
ބައްދަލުވާ މީހުންނާއި ވާހަކަދައްކާލުމުން އެއީ ހަމައެކަނި އޭނާގެ އިހުސާސެއް ނޫންކަން އެނގެއެވެ. މުޅި އިގުތިސާދު ވެސް ދަށްވީއެވެ. ޑޮލަރެއްގެ އަގު 20 ރުފިޔާއިން މަތިވީއެވެ. އާފަލެއް އަގު 12 ރުފިޔާއާއި 10 ރުފިޔާއާ ދެމެދަށް އުފުލުނީއެވެ. އޮރެންޖެއްގެ އަގު 15 ރުފިޔާއަށް އުފުލުނީ އެވެ. މި ހުރިހާ ކަމެއްގެ ވޭން ތަހަންމަލުކުރަން ޖެހެނީ އާންމު ރައްޔިތުންނެވެ. ނިކަމެތިންނެވެ. އެކަމަކު، ސަރުކާރުން މިކަމާއި އަޅާނުލައި، ފެންނަނީ އެހެން ކަންކަމަށް ފޯކަސް ހުއްޓިފައި ހުންނަ ތަނެވެ.
ދެން އޮތީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކާއި އެނޫންވެސް ވިޔަފާރިތަކުގެ ވާހަކަ އެވެ. ބައެއް ފަރާތްތަކުން ރާއްޖޭގެ ވިޔަފާރިތައް ދައްވެ، ފައިދާއެއް ނުވާކަމަށް ބުނުމުން އެކަމަށް ހަޖޫޖަހާ ވެސް ހަދަ އެވެ. މިއީ ޔޯލަޔޯލައެއް ނޫންކަން ހިސާބު އަކުރުން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. ވިޔަފާރިތައް ދަށްވިކަން މިލިއަން ރުފިޔާއިން އެނގެން އެބަހުއްޓެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހާ ހިސާބަށް ޚަރަދާއި އާމްދަނީގެ ހިސާބުތައް ހާމަކޮށްފައެވެ. އެއިން ވެސް އެކަން އެނގެއެވެ. ވިޔަފާރިތައް ދަށްވެ، ވިޔަފާރީގެ އާމްދަނީން ނަގާ ޓެކުހުން ލިބޭ އާމްދަނީ 649.3 މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ. އެހެންވީމާ، ސަރުކާރުގެ ރަސްމީ ހިސާބުތަކުން ވެސް ވިޔަފާރި ދަށްވާކަން ހާމަވެ އެވެ.
އެގޮތުން މާލެ އާއި ރަށުގައި ހިންގާ ކެފޭތަކާއި ރެސްޓޯރެންޓްފަދަ ތަންތަނުން ވެސް ވިޔަފާރިތައް ދަށްވެ، އެތަންތަން ހިންގުމަށް ވަނީ ދަތިވެފަ އެވެ. އެގޮތުން އެފަދަ ތަންތަނަށް ޚިދުމަތް ހޯދަން ދާ މީހުންގެ އަދަދު މަދުކަން މިއީ އެކަމުގެ ހެއްްކެކެވެ.
މި ފަހަކަށް އައިސް ވަރަށް ބޮޑަށް ވިޔަފާރި ދައްވެއްޖެ. އަހަރެއްހާ ދުވަސް މި ވަނީ މިހެން ވާތާ. ގާތްގަނޑަކަށް ސޭލްސް ހަމަ ވަރަށް ބޮޑުތަން ދައްވެއްޖެ. އަނެއްކާ އިރުއިރުކޮޅުން ތަކެތީގެ އަގަށް އަންނަ ބަދަލާހުރެ ލިބޭ ފައިދާ ވެސް ދުވަހުން ދުވަހަށް ދަނީ ދަށްވަމުން. ވިޔަފާރި މިހާ ދަށް ދުވަސްވަރެއް އަދި ނާދޭ
ދިވެހި ވިޔަފާރިވެރިއެއް![]()
ކުއްލި ގޮތަކަށް ވިޔަފާރިތަކަށް މި އައި ހީނަރުގެ ކަމުގެ ފަހަތުގައިވާ ސަބަބާ ގުޅޭގޮތުން ވިޔަފާރިވެރިންނާއި އާއްމުން ހިމެނޭ ގޮތަށް އެންމެން ވެސް ބުނަމުންގެންދަނީ އެއްވާހަކަ އެކެވެ. އެއީ މި ވެރިކަން އައިފަހުން ރާއްޖޭގައި ޕްރޮޖެކްޓްތައް ނުހިނގުމުން އޭގެ ސަބަބުން އިގުތިސާދާއި އާއްމުންގެ އަތުގައި ފައިސާ ދައުރުވާލެއް މަދުވުން ކަމަށެވެ.
މިކަމުގެ ސަބަބުން ކުރިން ހޮޓާ ރެސްޓޯރަންޓް ތަކުގައާއި ފިހާރަތަކުގައި ކުރިން ތޮއްޖެހޭޖެހުންތައް ވެސް މިހާރު ނެތް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެކަން އޮތީ އެހެންނެވެ. ވިޔަފާރީގެ ދާއިރާގައި އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މާލޭ ބާޒާރުގައި ތަކެތީގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން ވިޔަފާރި އިންތިހާއަށް ވަނީ ދައްވެފަވެ. މިހާ ވިޔަފާރި ދަށް ދުވަސްވަރެއް ނާންނަކަމަށް ވެސް ވިޔަފާރިވެރިން ފާހަގަކުރެ އެވެ.
މިއީ މިއަދު ދިވެހި ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ގައުމުގެ އިގުތިސާދު ނަގަހައްޓަނީ ވިޔަފާރިވެރިންނެވެ. އެ މީހުންނަށް ތަދުވީމާ އަނެއްކާ ވެސް އޭގެ އަސަރުކުރާނީ އާންމުންނަށެވެ. ނިކަމެތިންނަށެވެ. ވިޔަފާރިތަކުން ޚަރަދުކުރާ މިންވަރު މަދުކޮށްލާނެއެވެ. ވަޒީފާތައް މަދުކޮށްލާނެއެވެ. ތަކެތީގެ އަގަށް ވެސް މަޑުމަޑުން އެ އަސަރު ވެސް ފޯރަން ފަށާނެއެވެ. މި ހުރިހާ ކަމެއްގެ ގެއްލުން ވެސް ތަހައްމަލުކުރަން ޖެހެނީ އާންމުންނެވެ.
އެއް ކަމަކީ ވިޔަފާރިވެރިން ވެސް ބުނާފަދައިން މަޝްރޫއުތައް ވެސް ނުހިނގުމެވެ. އެކަމުގެ ސަބަބުން ފައިސާ ދައުރުނުވުމެވެ. އެންމެ ބޮޑު އަނެއް ސަބަބަކީ ލިބޭހާ ޑޮލަރެއް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ނަގަން ޖެހި، ޑޮލަރުގެ އަގު 20 ރުފިޔާއިން މަތިވުމެވެ. ކާށިން ފެށިގެން ހުރިހާ އެއްޗެއް ވެސް އިމްޕޯޓުކުރާ މި ރާއްޖެއަށް ދިމާވާ މައިގަނޑު ދެ ގޮންޖެހުމަކީ އެއީއެވެ.
ފިނޭންސްގެ ރަސްމީ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ނިމެންދާއިރު، މަޝްރޫއުތައް ހިންގަން ޚަރަދުކުރީ 2.7 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާ އަޅައިކިޔާ ނަމަ، 4.2 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ބަޖެޓުކުރި އަދަދުން ބަލާ ނަމަ 78 އިންސައްތަ ފައިސާ ޚަރަދު ނުކުރެއެވެ. މަޝްރޫއުތަކަށް ބަޖެޓުކުރި 12.5 ބިލިއަން ރުފިޔާއިން ޚަރަދުކުރީ އެންމެ 22 އިންސައްތައެވެ.
ޑޮލަރުގެ ތަފާސްހިސާބެއް ބޭނުމެއް ނުވެއެވެ. މާކެޓުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ހުރުން އެކަނި ވެސް ހެއްކަކަށް ފުދެއެވެ. އިތުރު ހެއްކެއް، ގަރީނާއެއް ބޭނުމެއް ނުވެއެވެ. ޑޮލަރެއް ނުލިބެއެވެ. އެކަން ވަރަށް ސާފެވެ.
ހައްދާ ތަކެތީގެ އަގަށް މާ ބޮޑު ބަދަލެއް ނައި ނަމަވެސް، އިމްޕޯޓުކުރާ ބާވަތްތަކުގެ އަގުތައް ބޮޑެވެ. ދިރިއުޅެން ކުރަންޖެހޭ ޚަރަދު ބޮޑުވެއްޖެއެވެ. އާންމުން ވެސް ވިޔަފާރިވެރިން ވެސް ދައްކަނީ އެއް ވާހަކައެކެވެ. ވިޔަފާރިތައް ދަށްވެއްޖެއެވެ. ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެހެއެވެ. އޮރެންޖަކާއި އާފަލެއް ވެސް ނުކެވޭހާ ދިވެހީން ނިކަމެތިވެއްޖެ'އެވެ.
މި ހާލަތުގައި އޮތްއިރު ސަރުކާރުގެ އެއްވެސް ސަމާލުކަމެއް މި ކަމަކަށް ނެތެވެ. ފެންނަނީ، އޭޓީއެމްތައް ހުޅުވުމާއި، މީޑިއާ 'ކޮންޓްރޯލް'ކުރުން ފަދަ، މާ ބޮޑު ފައިދާއެއް ނުނިކުންނާނެ ކަންކަމަށް އެ ބޭފުޅުންގެ ވިސްނުން ހުރި ތަނެވެ. ދަރަންޏާއި، ތަކެތީގެ އަގަށް މިވާ ގޮތުގެ ވާހަކައެއް ނުދައްކައެވެ.
އަންނަ މަހަކީ 500 މިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކަންޖެހޭ މަހެކެވެ. ނޮވެންބަރުގައި އިތުރު ދަރަންޏެއް އެބައޮތެވެ. އަންނަ އަހަރު 1.1 ބިލިއަން ޑޮލަރު އެބައޮތެވެ. ގާތްގަނޑަކަށް 15 ބިލިއަން [15،000 މިލިއަން]ގެ ދަރަންޏެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ޖުލައި މަހު ރިޒާވްގައި ހުރީ 775 މިލިއަން ޑޮލަރެވެ.
އެހެންވީމާ ރިޒާވްގެ ހާލަތު ރަނގަޅެއް ނޫނެވެ. ރަސްމީ ހިސާބުތައް އެ ކަމަށް ހެކިވެއެވެ. ދަރަނިތައް ކަނޑާލާފައި ބޭނުންކޮށްލަން މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ވެސް މިހާރު ނެތެވެ.
އެހެންވެ، ކޮންމެ ދަރަންޏެއް އަދާކުރުމަށް ފަހު، އެއަށް ވުރެ ބޮޑު ދަރަންޏަކަށް ތައްޔާރުވާން ޖެހެއެވެ. އެ ހުރިހާ ނިކަމެތިކަމެއް ތަހަންމަލުކުރަން ޖެހެނީ ނިކަމެތި އާންމު ރައްޔިތުންނެވެ.
ގައުމު މި ހާލަތުގައި އޮތްއިރު ވެސް މި ސަރުކާރުން މާބޮޑު އަޅާލުމެއް ބުހައްޓަ އެވެ. ރައްޔިތުން ނިކަމެތިވާން ދޫކޮށްލާފައި ވެރިން އުޅުއްވަނީ މުޅި އެހެން ކަންކަމައިގެންނެވެ.