މޯލްޑިވް ގޭސް އިން ކައްކާ ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފި! މިހާރު ވިއްކަނީ އާންމުކޮށް ވިއްކާ މިންވަރުގެ ދެބައިކުޅަ އެއްބައި
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ގޭސް ލިބުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މޯލްޑިވް ގޭހުން ކައްކާ ގޭސް ވިއްކާ މިންވަރު މިހާރު ވަނީ ކޮންޓްރޯލްކޮށްފަ. އެ ކުންފުނިން މިހާރު ނިންމާފައިވަނީ 10 ކިލޯގެ ގޭސް ފުޅިއަކަށް 5 ކިލޯގެ ގޭސް އަޅައިގެން 100 ރުފިޔާއަށް ވިއްކުމަށް. ގޭހުގެ ސްޓޮކަށް ދިމާވެފައިވާ މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވޭ.


މޯލްޑިވް ގޭސް ގެ ގޭސް ޕްލާންޓެއް | ކޯޕަރޭޓް މޯލްޑިވެސް
ރާއްޖެއަށް ގޭސް އެތެރެކޮށް ވިއްކާ ސަރުކާރުގެ މައި ކުންފުނި، މޯލްޑިވް ގޭސް އިން ކައްކާ ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފި އެވެ.
މޯލްޑިވް ގޭސް އިން ކައްކާ ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފައިވާއިރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގިނަ ގައުމުތަކަށް ތެލާއި ގޭސް ލިބުން ވަނީ ދަތިވެފަ އެވެ. ޚާއްސަކޮށް އޭޝިއާގެ ގިނަ ގައުމުތަކަށް މިކަމުގެ އަސަރު ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.
މި ހަނގުރާމަ އާ ގުޅިގެން ރާއްޖެއިން އަސާސީ ކާބޯތަކެއްޗާ ތެލާ ގޭހަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި ވީ ނަމަވެސް މޯލްޑިވް ގޭސް އިން މިހާރު ކައްކާ ގޭސް ވިއްކުން ލިމިޓް ކޮށްފައި ވަނީ މި ވަގުތަށް ގޭހުގެ ޝޯޓެއްޖެ ހުރުމުން ކަމަށް އެ ކުންފުނިން ވަނީ ރާއްޖެއެމްވީ އަށް ބުނެފަ އެވެ.
ރާއްޖެއެމްވީ އިން އެ ކުންފުންޏަށް ގުޅުމުން ބުނެފައި ވަނީ ކައްކާ ގޭސްމިހާރު ވިއްކަމުން ދަނީ 10 ކިލޯގެ ގޭސް ފުޅިއަށް 5 ކިލޯގެ ގޭސް އަޅައިގެން ކަމަށެވެ.
މޯލްޑިވް ގޭސް އިން ބުނީ އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅިއެއްގެ ބަދަލުގައި، އެ އަދަދުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 5 ކިލޯގެ ގޭސް އަޅާފައިވާ ފުޅިއެއް ވިއްކަނީ 100 ރުފިޔާއަށް ކަމަށެވެ.
މިކަމުގެ އިތުރު ތަފްސީލަށް އެދުމުން އިތުރު ތަފްސީލު ދީފައި ނުވާއިރު އެ ކުންފުނީގެ ރަސްމީ ބަހެއް ވެސް ލިބޭގޮތް ވަނީ ނުވެފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ވެސް މޯލްޑިވް ގޭސް އިން ލުއި ފުޅި ހުސްވުމާއި ގުޅިގެން ގޭސް ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފައި ވެ އެވެ. އޭރު އެ ކުންފުނިން ގޭސް ވިއްކާފައި ވަނީ ވެސް އަމިއްލަ ކުންފުންޏެއް ކަމަށްވާ ވިލާ ކުންފުނިން ބޮޑު އަގުގައި ގޭސް ގަނެގެންނެވެ.






