'ނިމުމެއް ފެންނާކަށް ނެތް': އީރާނާ ދެކޮޅަށް އެމެރިކާ އިން ކުރާ ހަނގުރާމަ އާ މެދު ޑިމޮކްރެޓުން ކަންބޮޑުވަނީ ކީއްވެ؟
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ މަގުސަދާއި ލަނޑުދަނޑިތައް ސަރުކާރުން ސާފުކޮށްދީފައި ނުވާތީ، ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދަނީ ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުން. މި ހަނގުރާމައަށް ހިނގާ ބޮޑު ޚަރަދާއި ސިފައިންގެ ފުރާނައަށް އޮތް ނުރައްކަލާ ގުޅޭގޮތުން ސުވާލު އުފައްދަމުންދާއިރު، ކޮންގްރެސްގެ ހުއްދަ ނެތި ރައީސް ޓްރަމްޕް އަމަލުކުރައްވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބައެއް މެންބަރުން ތުހުމަތުކުރޭ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން މި ހަމަލާތަކަކީ ގައުމީ ސަލާމަތަށްޓަކައި ކޮންމެހެން ދޭންޖެހޭ ހަމަލާތަކެއް ކަމަށް ބުނެ ސަރުކާރުގެ ސިޔާސަތަށް ތާއީދުކުރޭ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ދައްކަވާ ވާހަކަފުޅުތައް އަޑުއައްސަވަނީ. | ރޮއިޓާސް
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ މަގުސަދަކީ ކޮބައިކަމާއި، އެކަން ކުރިއަށްދާނީ ކިހާ މުއްދަތަކަށް ކަން ވައިޓް ހައުސްއިން ސާފުކޮށްދީފައި ނުވާ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވިދާޅުވެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުންގެ ފަރާތުން ސިއްރު މައުލޫމާތުތަކެއް ސާފުކުރުމަށްފަހު، އެމެރިކާގެ ސެނެޓްގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދަނީ މި ހަނގުރާމައާ ގުޅޭގޮތުން އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތަކެއް ބޭއްވުމަށް ބާރުއަޅަމުންނެވެ.
މި ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނީ ކީއްވެގެން ކަމާއި، ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ކޮބައިކަން ވައިޓް ހައުސްއިން ސާފުކޮށްދީފައި ނުވާ ކަމަށް މެންބަރުން ވިދާޅުވެއެވެ. މިވަގުތު ސެނެޓްގެ އަޣުލަބިއްޔަތު އޮތީ ރިޕަބްލިކަން ޕާޓީ އަށެވެ. އެއީ 53 ގޮނޑިއާއެކުގައެވެ. ޑިމޮކްރެޓުންގެ އަތުގައި އޮތީ 47 ގޮނޑިއެވެ. އެހެންކަމުން، ބަހުސްކުރާނެ ބިލްތަކާއި މައްސަލަތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު އޮތީ ރިޕަބްލިކަން ޕާޓީ އަށެވެ.
ސިއްރުކޮށް ބޭއްވި އެންމެ ފަހުގެ ބައްދަލުވުމަށްފަހު ބައެއް ޑިމޮކްރެޓުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އީރާނަށް އެމެރިކާގެ އެއްގަމު ސިފަައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ރައީސް ޓްރަމްޕް ވަނީ މީގެ ކުރިން އިޝާރާތް ކުރައްވާފައެވެ.
"މި ހަނގުރާމައާ ގުޅޭގޮތުން ދެ ގަޑިއިރަށް ކުރިއަށްދިޔަ ސިއްރު ބައްދަލުވުމަކުން އަޅުގަނޑު މި ނުކުތީ. މި ބައްދަލުވުމުން އަޅުގަނޑަށް ޔަގީންވީ ސަރުކާރުގެ މި ސިޔާސަތަކީ އެއްވެސް ތަރުތީބެއް ނެތް، އޮޅުންބޮޅުން ބޮޑު ސިޔާސަތެއްކަން،" ކޮނެކްޓިކަޓް ސްޓޭޓްގެ ސެނެޓަރު ކްރިސް މާފީ އަންގާރަ ދުވަހު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި ހަނގުރާމައަށް ހުއްދަ ހޯދުމަށް ރައީސް ކޮންގްރެސްއަށް ވަޑައިގެންނެވި ނަމަ، އެ ހުއްދަ ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. ސަބަބަކީ އެމެރިކާގެ ރައްޔިތުން އެކަމާ ދެކޮޅަށް ވޯޓު ދިނުމަށް މެންބަރުންގެ ކިބައިން އެދޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް އެނގެނީ ކޮން ކަންތައްތަކެއް؟
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ކޮންގްރެސްގެ މެންބަރުންނާ ބައްދަލުކުރައްވައި، ހަނގުރާމައިގެ ކުރިއެރުންތަކާ ބެހޭ މައުލޫމާތު ދެއްވާފައެވެ.
މި ބައްދަލުވުންތަކަކީ ސިއްރު ބައްދަލުވުންތަކަކަށް ވާތީ، އެ ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތައް އާންމުކުރުމުގައި މެންބަރުންނަށް ގާނޫނީ ހުރަސްތަކެއް ހުރެއެވެ.
ޑިމޮކްރެޓުން ބުނަނީ ކީކޭ؟
ޑިމޮކްރެޓިކް ޕާޓީގެ ބައެއް ސެނެޓަރުން ވިދާޅުވީ، ބައްދަލުވުންތަކުން ނުކުތީ ވަރަށް ބޮޑަށް މާޔޫސްވެފައި ތިބެގެން ކަމަށެވެ. އެއީ ހަނގުރާމައިގެ މަގުސަދާއި، އެކަން ނިމޭނެ ދުވަހަކާއި، އަދި ދުރު ރާސްތާގެ ސިޔާސަތާ ގުޅޭގޮތުން ސަރުކާރުން ސާފު ޖަވާބެއް ދީފައި ނުވާތީއެވެ. މި ހަފުތާގެ ކުރީކޮޅު ޑިމޮކްރެޓިކް ހަ ސެނެޓަރަކު ވަނީ އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މިނާބްގައި ހުރި އަންހެން ކުދިންގެ ސުކޫލަކަށް ދިން ހަމަލާ ތަހުގީގު ކުރުމަށް ގޮވާލާފައެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާގެ ބައިވެރިވުން އޮތް އެ ހަމަލާގައި 170 އަށްވުރެ ގިނަ މީހުން މަރުވިއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.
"މިކަމުގެ ނިމުމެއް ފެންނާކަށް ނެތް،" ސެނެޓަރު ރިޗަޑް ބްލޫމެންތަލް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމަ މިހާރު ނިމެނީ ކަމަށް ރައީސް ވިދާޅުވާއިރު، އަނެއްކޮޅުން ހަނގުރާމަ އަދި ކިރިޔާ ފެށުނީ ކަމަށް ވެސް ރައީސް ވިދާޅުވާ ކަމަށާއި، މިއީ ފުށުއަރާ ވާހަކަތަކެއް ކަމަށެވެ.
މެސެޗުސެޓްސްގެ ސެނެޓަރު އެލިޒަބަތު ވޮރެން ވަނީ ހަނގުރާމައަށް ހިނގާ ޚަރަދާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"ސިއްހީ އިންޝުއަރެންސް ގެއްލުނު 15 މިލިއަން އެމެރިކާ ރައްޔިތުންނަށް ދޭނެ ފައިސާއެއް ނެތްއިރު، އީރާނަށް ބޮން އެޅުމަށް ދުވާލަކު ބިލިއަން ޑޮލަރު ޚަރަދުކުރާކަން މިވަނީ ސާފުވެފައި،" އަންގާރަ ދުވަހު ވޮރެން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކޮންގްރެސްއަށް ލިބިގެންވާ ބަޖެޓް ކަނޑައެޅުމުގެ ބާރުގެ ބޭނުންކޮށްގެން މިފަދަ އަމަލުތައް ހުއްޓުވޭނެ ކަމަށެވެ.
އެހެން ބައެއް މެންބަރުން ކަންބޮޑުވަނީ އެއްގަމު މަގުން އީރާނަށް ސިފައިން ފޮނުވަފާނެތީއެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ އީރާނުގެ ބިމަށް އެމެރިކާގެ ސިފައިން ފޮނުވުމުގެ މަގަށް ކަންކަން ދާ ތަން،" ކޮނެކްޓިކަޓްގެ ސެނެޓަރު ބްލޫމެންތަލް ނޫސްވެރިންނަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަނގުރާމައަށް ހިނގާ ޚަރަދާއި، ސިފައިންގެ ފުރާނައަށް އޮތް ނުރައްކަލާއި، އަދި ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމުގެ ފުރުސަތާ ބެހޭގޮތުން ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށްވުރެ ގިނަ މައުލޫމާތު އެނގުމުގެ ހައްގު އެމެރިކާގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށެވެ.
ރިޕަބްލިކަނުން ބުނަނީ ކީކޭ؟
ކޮންގްރެސްގެ ދެ މަޖިލީހުގެ ވެސް ކުޑަ އަޣުލަބިއްޔަތެއް އޮތް ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުން ދަނީ ޓްރަމްޕްގެ މި ހަނގުރާމައަށް ފުރިހަމައަށް ތާއީދުކުރަމުންނެވެ. މިކަމާ މެދު ޝައްކު ތަފާތު ވިސްނުމެއް ގެންގުޅުއްވަނީ އެ ޕާޓީ އަށް ނިސްބަތްވާ މަދު މެންބަރުންކޮޅެކެވެ.
ރިޕަބްލިކަން ޕާޓީގެ ބައެއް އިސްވެރިން ވިދާޅުވާ ގޮތުގައި، އީރާނުގެ އަސްކަރީ ގާބިލްކަމާއި، މިސައިލް ޕްރޮގްރާމާއި، ސަރަހައްދީ ނުފޫޒު ކުޑަކުރުމަށް މި ހަމަލާތަކަކީ ކޮންމެހެން ދޭންޖެހޭ ހަމަލާތަކެކެވެ.
އަދި މިއީ ވަކި ދާއިރާތަކަކަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެއް ކަމަށާއި، މީގެ ބޭނުމަކީ އެ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނާއި ބައިވެރިންނަށް އީރާނުން ދޭ ނުރައްކާ ކުޑަކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު، ފްލޮރިޑާގެ ރިޕަބްލިކަން މެންބަރު ބްރަޔަން މާސްޓް ވަނީ އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުއްވީތީ ޓްރަމްޕަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ އީރާނުގެ ފަރާތުން ކުރިމަތިވެފައިވާ "ވަގުތުން ކުރިމަތިވެދާނެ ނުރައްކަލުން" އެމެރިކާ ދިފާއުކުރުމަށް ރައީސް ބޭނުންކުރައްވަނީ ގާނޫނުއަސާސީން ލިބިދޭ ބާރު ކަމަށެވެ.
ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސައުތު ކެރޮލައިނާގެ މެންބަރު ނޭންސީ މޭސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާއެކު ކުރާ ހަނގުރާމައަކަށް ސައުތު ކެރޮލައިނާގެ ދަރިން ފޮނުވަން ބޭނުންފުޅު ނުވާ ކަމަށެވެ.
ކެންޓަކީގެ ރިޕަބްލިކަން ސެނެޓަރު ރޭންޑް ޕޯލް ވަނީ ޓްރަމްޕްގެ ސަރުކާރުން ހަނގުރާމައިގެ ސަބަބުތައް ކޮންމެ ދުވަހަކު ބަދަލުކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
"އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަންޖެހޭ އާ ސަބަބުތައް އަޅުގަނޑުމެންނަށް މިދަނީ އިވެމުން. އެކަމަކު އޭގެ ތެރެއިން އެއްވެސް ސަބަބަކީ ގަބޫލުކުރެވޭ ފަދަ ސަބަބެއް ނޫން،" އޭނާ އެކްސްގައި ލިޔުއްވާފައިވެއެވެ. "އަނިޔާ ލިބޭ މީހުން މިނިވަންކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އިވިދާނެ، އެކަމަކު މީގެ ނިމުމަކީ ކޮބައި؟ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭތާ އެތައް އަހަރެއް ވެއްޖެ ކަމަށް އަޅުގަނޑުމެން ގާތު ބުނާތާ އެތައް އަހަރެއް ވެއްޖެ. ހަނގުރާމައަކީ އެންމެ ފަހު ފިޔަވަޅަށް ވާންޖެހޭނެ. ފުރަތަމަ ފިޔަވަޅަކަށް ނޫން."
މި ބަހުސް މުހިންމުވަނީ ކީއްވެ؟
މި ޚިޔާލުތަފާތުވުންތަކާއެކު، ރައީސަށް ލިބިދޭ ހަނގުރާމަ ކުރުމުގެ ބާރުތަކާ ބެހޭގޮތުން ވޮޝިންޓަންގައި ކުރެވޭ ބަހުސް ވަނީ އަލުން ހޫނުވެފައެވެ.
އެމެރިކާގެ ގާނޫނުއަސާސީ ބުނާގޮތުން ހަނގުރާމަ އިއުލާންކުރުމުގެ ބާރު އޮންނަނީ ކޮންގްރެސް އަށެވެ. ނަމަވެސް ފަހުގެ ތާރީޚުތަކުގައި ރައީސުން ދަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، ކޮންގްރެސްގެ ހުއްދަ ނެތި އަސްކަރީ ހަމަލާތައް ދެމުންނެވެ.
ގާނޫނު ބުނާގޮތުން ކޮންގްރެސްގެ ހުއްދަ ނެތި 60 ދުވަހުގެ މުއްދަތަށް ސިފައިން ފޮނުވުމުގެ ބާރު ރައީސަށް އޮވެއެވެ. އަދި ކޮންގްރެސްއިން ހުއްދަ ނުދީފިނަމަ، ސިފައިން އަނބުރާ ގެނައުމަށް 30 ދުވަހުގެ މުއްދަތެއް ލިބެއެވެ.
ބައެއް ގާނޫނީ މާހިރުން ބުނާގޮތުގައި އީރާނު ހަނގުރާމައިން އެނގެނީ އަސްކަރީ ފިޔަވަޅުތަކުގެ މައްޗަށް ކޮންގްރެސްގެ ބާރު މިހާރަށްވުރެ ވަރުގަދަ ކުރަންޖެހޭ ކަމެވެ.
ހެމްލިން ޔުނިވާސިޓީގެ ޕްރޮފެސަރު ޑޭވިޑް ޝުލްޓްޒް ވިދާޅުވީ، 1970 ގެ އަހަރުތަކުގައި އެކުލަވާލި 'ވޯ ޕަވަރސް ރިޒޮލިއުޝަން' ގެ ދަށުން ރައީސަށް ލިބިދެނީ ވަރަށް މަދު ބާރުތަކެއް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ރަސްމީކޮށް ހަނގުރާމަ އިއުލާންކޮށްފައި ނުވާތީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ބުނެވިދާނެ ކަމަށެވެ. ނުވަތަ އެއީ ކޮމާންޑަރ-އިން-ޗީފްގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ބޭރުން ކުރާ ކަމެއް ކަމަށް ވެސް ބުނެވިދާނެ ކަމަށެވެ.
"އެހެންކަމުން، ގައުމީ ފެންވަރުގައި ރައީސްގެ މި އަމަލުތަކަކީ ގާނޫނާ ޚިލާފު އަދި ގާނޫނުއަސާސީއާ ފުށުއަރާ ކަންތައްތަކެއް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތް،" ޝުލްޓްޒް ވިދާޅުވިއެވެ.
ޓްރަމްޕްގެ ސަރުކާރުން ބުނަމުންދަނީ ފެބްރުއަރީ 28 ގެ ހަމަލާތަކަކީ "ވަގުތުން ކުރިމަތިވެދާނެ ނުރައްކަލަކަށް" ދިން ރައްދު ހަމަލާތަކެއް ކަމަށެވެ. މިއީ ކޮންގްރެސްގެ ހުއްދަ ނެތި ހަމަލާ ދިނުމަށް ރައީސުން އާންމުކޮށް ބޭނުންކުރާ އުޒުރެކެވެ.
ނަމަވެސް، ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ބުނެފައިވަނީ، އެމެރިކާއަށް ނުވަތަ މެދުއިރުމަތީގައި ހުރި އެމެރިކާގެ ތަންތަނަށް އީރާނުން ވަގުތުން ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.






