ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަށް ތާއީދެއް ނުކުރަން، ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ތައްޔާރު: ނަޝީދު
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ނިންމި ނިންމުމަށް ތާއީދުކުރައްވައި، އެކަމާ ގުޅޭ ރެފަރެންޑަމްގައި "ނޫނެކޭ" ބުނަން ތައްޔާރަށް ހުންނެވި ކަމަށް. ރާއްޖޭގެ ޑިމޮކްރަސީއަށް ކުރާ ހަރަދު ބޮޑު ނޫންކަން ފާހަގަކުރައްވައި، އިންތިޚާބުތަކުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި.


އެމްޑީޕީން ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. | އެމްޑީޕީ
ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަކަށް ތާއީދު ނުކުރާ ކަމަށާއި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ފެެންނަ ނުފެންނަ (ރެފަރެންޑަމް) ވޯޓަށް ތާއީދު ނުކުރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅު ހަދަން ޕާޓީން ނިންމި ނިންމުމަށް ތާއީދު ކަމަށެވެ.
ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި ޕާޓީގެ ނިންމުމަށް އަޅުގަނޑުވެސް ތާއީދުކޮށް ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ތައްޔާރު.ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖޭގެ ޑިމޮކްރަސީއަށް ކުރާ ހަރަދު ބޮޑެއް ނޫންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ޓެކްސްގެ ނިޒާމު ގާއިމް ކުރެވި، ދައުލަތުގެ އާމްދަނީ އިންތިހާއަށް އިތުރުވުން ކަމަށެވެ. އަދި މިއަދު ޓެކްސްގެ އާމްދަނީ ހުރީ 30 ބިލިއަން އަށްވުރެ މަތީގައި ކަމަށާއި، އިންތިޚާބުތައް ބާއްވާ ރައްޔިތުންގެ ބައިވެރިވުން އިތުރުވުމަކީ ތަރައްގީ އަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަކަށް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ ކަމަށެވެ.
އެމްޑީޕީ އިން ވަނީ ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް އެ ޕާޓީ އިން މަސައްކަތް ކުރަން ނިންމައިފަ އެވެ. އަދި ދެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރެފަރެންޑަމް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލު ކުރުމަށް، އެމްޑީޕީ ގެ ފަރާތުންް ކޯޓަށް މައްސަލަ ވެސް ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން ކުރިއަށް އޮތް މާޗު މަހުގެ 21 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ވެސް އެމްޑީޕީ އިން ވަނީ ނިންމައިފަ އެވެ. އެމްޑީޕީ އިން ބުނެފައިވަނީ ރައްޔިތުންގެ ހައްގުތަކަށް އުނިކަމެއް އަންނަ ކޮންމެ ކަމެއް ގައި އެ ޕާޓީން ތެދުވެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާނެ ކަމަށެވެ.







