ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން މިހާރު ގަބޫލުކުރޭ: އާޒިމް
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް އެޗްޑީސީން ދިނުމުގައި އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ، އެ ޚިދުމަތްތައް ސިޓީ ކައުންސިލާ ހަވާލުކުރުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ޚިދުމަތް ދެވޭނީ އިންތިޚާބީ މަންދޫބުންނަށް ކަމަށް ފާހަގަކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް މޭޔަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަށް "ނޫނެކޭ" ބުނެ، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އާޒިމް ވަނީ އިލްތިމާސްކުރައްވާފައި.


މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިންޓަރވިއުދެއްވަނީ. | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުން ހައްދައިގެން ސަޅިބައިސާ ކަނޑައިގެން ދޮގުހަދައިގެން އުޅޭކަން ރައްޔިތުން ގަބޫލުކުރާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ އުތުރުގައި ދޮރުން ދޮރަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ ކޮންމެ ރެއެއްގައި ވެސް ރައްޔިތުންގެ ނުތަނަވަސްކަން ހުރިވަރު މި ސަރުކާރާ ދޭތެރޭގައި ފާހަގަކުރެވޭ ކަމަށާއި، ހުޅުމާލެ އުތުރު ދާއިރާގެ ކަންތައްތައް ރައްޔިތުންނަށް ނުކޮށްދޭ ވާހަކައާއި، ހުޅުމާލޭގެ ކަންތައްތަކުގައި އިހުމާލުވާ ވާހަކަ އާއި، އެއްވެސް ކަމެއްގައި އެޗްޑީސީއިން އަޅައިނުލާ ކަމަށް ރައްޔިތުން ވަރަށް ބޮޑަށް ބުނަމުންދާ ކަމަށެވެ.
މޭޔަރު ވިދާޅުވީ ތަކުރާރުކޮށް ސަރުކާރުގައި ބުނަމުންދަނީ ހުޅުމާލޭގެ މުނިސިޕަލް ސާރވިސް ކައުންސިލަށް ހަވާލުކުރުމަށް ކަމަށާއި، އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވެފައިވާ ކަމަށެވެ. އެހެންވީމާ ކައުންސިލުން ހަވާލުވާން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މި ސިޓީގެ އަވަށުގައި، މާލެ ސިޓީގެ އަވަށުގައި ދިރިއުޅޭ ރައްޔިތުން ވެސް ގަބޫލުކުރަނީ، މި މީހުންނަށް، މި ދިރިއުޅޭ ރައްޔިތުންނަށް ރަނގަޅު މުނިސިޕަލް ސަރވިސް އެއް ދެވޭނީ މާލެ ސިޓީގެ ކައުންސިލުންނޭ. އެ މީހުން ގަބޫލުކުރޭ ކުންފުންޏަކުން އެކަން ކުރާ ކަމަށް ވަންޏާ ކުންފުނިން ކުރާނީ އެ މީހުންނަށް ބޮޑެތި ފައިދާވާ ގޮތަށް. އެހެންނަމަވެސް، ކައުންސިލުން އިންތިޚާބުވެފައި ތިބި ބަޔަކު ކުރަމުންދާއިރު ކުރާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް. އެއީ އަޅުގަނޑުމެން އިންތިޚާބުތަކުގައި ރައްޔިތުންގެ ކައިރިން އަންނަންޖެހޭ މީހުންނަށް ވާތީވެ، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންނަށް ބޭނުންވާ މިހިރަ މުހިންމު ކަންތައްތަކަށް އަޅުގަނޑުމެން އެޑްރެސްކުރަން އަޅުގަނޑުމެންނަށް މަޖުބޫރުވާނެ.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މޭޔަރު ވިދާޅުވީ ކައުންސިލުން އިންތިޚާބުވެފައި ތިބި ބަޔަކު ކުރަމުންދާއިރު ކުރާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށާއި، އިންތިޚާބުތަކުގައި ރައްޔިތުންގެ ކައިރިން އަންނަންޖެހޭ މީހުންނަށް ވާތީވެ ރައްޔިތުންގެ އަޑުއަހައި މުހިންމު ކަންތައްތަކަށް އެޑްރެސްކުރަން މަޖުބޫރުވާނެ ކަމަށެވެ.
އަދިވެސް މޭޔަރު ވިދާޅުވީ މިހާރު ހުރިހާ އެންމެންގެ ޝުޢޫރު މި ހިރީ މި ސަރުކާރުގެ ވިޔާނުދާ ކަމާއި، ސަރުކާރުން ރައްޔިތުންނަށް އަޅާނުލާ ކަމާއި، ރައްޔިތުންނަށް މިވާ ބޮޑެތި ދަތިތައް ޙައްލުކޮށްދިނުމަށް ކަމެއް ނުކުރާކަން ކަމަށެވެ. މުޅިންވެސް ސަޅިބައިސާ ކަނޑާފައި، މުޅިންވެސް ދޮގުހަދައިގެން ހައްދައިގެން އުޅެވޭނެ ކަމަށް މި ސަރުކާރުން ގަބޫލުކުރަމުންދާ ކަމަށް ރައްޔިތުން މިހާރު ވަރަށް ބޮޑަށް ގަބޫލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑު މި ވަގުތު ރައްޔިތުން ކައިރިން މިއެދެނީ، މި ވަގުތު މި އޮތީ ރައްޔިތުންނަށް ފުރުޞަތު ލިބިފައޭ. މި ދޮގުހަދާ ސަރުކާރަށް، މި އޮޅުވައިލާ ސަރުކާރަށް ފުރުޞަތެއް ރައްޔިތުންނަށް ދެނެއް ނުމެ ދޭނެ. މި ފުރުޞަތުގައި ރައްޔިތުން ހުރިހާ އެންމެ ނުކުމެ، މުޅި ރާއްޖޭގެ އެންމެ ނުކުމެ، ޚާއްޞަކޮށް މާލެ ސިޓީއަށް، މާލެ ސިޓީން ވެސް ބަލައި ހުރިހާ އެންމެން ނުކުމެ، މާލެ ސިޓީ ދަފްތަރުގައި ޖެހިފައި ތިބި ހުރިހާ އެންމެ ނުކުމެ މި ސަރުކާރަށް ނޫނެކޭ ބުނަން ފުރުޞަތުގެ ބޭނުންހިފާށޭ. ތިލަފަތަށް ވޯޓުލައި އަޅުގަނޑުމެން އެންމެން ހޮވައިދެއްވާށޭ.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މޭޔަރު ވިދާޅުވީ މި ވަގުތު ރައްޔިތުންނަށް ފުރުޞަތު ލިބިފައިވާ ކަމަށާއި، މި ދޮގުހަދާ ސަރުކާރަށް ފުރުޞަތެއް ރައްޔިތުންނަށް ދެނެއް ނުދެނެ ކަމަށެވެ. މި ފުރުޞަތުގައި ރައްޔިތުން ހުރިހާ އެންމެ ނުކުމެ، މުޅި ރާއްޖޭގެ އެންމެ ނުކުމެ، ޚާއްޞަކޮށް މާލެ ސިޓީ ދަފްތަރުގައި ޖެހިފައި އޮތް ހުރިހާ އެންމެން ނުކުމެ މި ސަރުކާރަށް ނޫނެކޭ ބުނަން ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފައި ތިލަފަތަށް ވޯޓުލައި އެމްޑީޕީ އެންމެން ހޮވައިދެއްވުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
މޭޔަރު ވިދާޅުވީ އެމްޑީޕީ ސަރުކާރެއް އައުމާއިމެދިގެން ހުޅުމާލޭގައި ކުދިކުދި ފްލެޓްގުޅޭ މީހުންނަށް ހިޔާ ފްލެޓް ދޫކޮށްލުމުން އުތުރުތިލަފަޅުން ގޯތި ލިބޭގޮތަށް ޕޮލިސީ އެކުލަވައިލާފައިވާނެ ކަމަށާއި، ދަފްތަރުގައި ޖެހިފައި ތިބި ބޭފުޅުންނަށް ވެސް އުތުރުތިލަފަޅުން ގޯތި ލިބޭގޮތަށް އެމްޑީޕީ ސަރުކާރުގައި ހައުސިންގ ޕޮލިސީ އެކުލެވިފައިވާ ކަމަށެވެ.








