ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން
ޕެންޝަން ފަންޑުގައި ހުރި ބޮންޑުތަކެއް މަރުކަޒީ ބޭންކަށް ވިއްކައިގެން 2.4 ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުއާމަލާތަކީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ކުރީގެ ރައީސް ނަޝީދާއި އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކޮށްފައިވޭ. މި މުއާމަލާތާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑު ޗެއާމަން ހިމެނޭހެން އިސް ބޭފުޅުންތަކެއް އިސްތިއުފާ ދެއްވާފައިވާއިރު، މިއީ ރާއްޖޭގެ މާލިއްޔަތު ހަލާކުވެ އިގްތިސާދީ ބޮޑު އަނދަވަޅަކަށް ގައުމު ވެއްޓިދާނެ ކަމެއްގެ ގޮތުގައި ނަޝީދު ވަނީ ސިފަކުރައްވާފަ. އެހެންކަމުން، ރައްޔިތުންގެ ރައްކާތެރިކަމަށް ހުރި ފައިސާ ސަރުކާރުގެ ރިކަރަންޓް ޚަރަދުތަކަށް ބޭނުންނުކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ.


ކުރީގެ ރައީސް، މުޙައްމަދު ނަޝީދު | ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މި ސަރުކާރަށް ގޮވާލައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހީލަތްތެރި ގޮތަކަށް ފައިސާ ޗާޕުކުރުމުގެ ގޮތުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތަށް ޕެންޝަން އޮފީހުގެ ބޯޑުން މިހާރު ވަނީ ރުހުން ދީފަ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑެއް އުފެއްދީ ވަކި ޚާއްސަ ބޭނުމެއް ފުއްދަން ކަމަށެވެ. އެއީ ވަޒީފާ އަދާކުރާ މީހުންގެ މުސާރައިގެ 14 އިންސައްތަ ފަންޑަށް ޖަމާ ކުރަން ކަމަށާ އެ އަދަދާ އެކު ވަޒީފާ އަދާކުރާ މީހާ ދޭ 7 އިންސައްތަ އާ ވަޒީފާ ދޭ މީހާ 7 އިންސައްތަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭގެ ބޭނުމަކީ އެ ފައިސާ ރައްކާކޮށް ދޮށީ އުމުރުގައި ޕެންޝަނެއްގެ ގޮތުގައި ދިނުން ކަމަށެވެ. މިއީ އިޖްތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާ ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ކޮންމެ މަހަކު ވެސް ޕެންޝަނަށް ދޭ ފައިސާ ކެނޑުމަށްފަހު ބާކީ ފައިސާ ޖެހޭނީ ފައިދާވާ ރަނގަޅު ކަމަކަށް އިންވެސްޓް ކުރަން ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓް ޚަރަދަކަށް ފައިސާ ޚަރަދު ކޮށްގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެން ކަމުން ނަޝީދު މި ސަރުކާރަށް ގޮވާލައްވާފައި ވަނީ ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރުމަށެވެ. އަދި ވިދާޅުވީ މި ގައުމު މި ދަނީ ކަނު ބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެމުން ކަމަށެވެ.
ޕެންޝަން އޮފީހުން ފައިސާ ހޯދަން ނިންމާފައި ވަނީ ކުރިން ގަނެފައިވާ ބޮންޑުތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ވިއްކާލައިގެންނެވެ. އެމްއެމްއޭ އިން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓު ކުރާނީ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށެވެ.
މި މުއާމަލާތުން ދައުލަތަށް އިޔާދަ ނުކުރޭ ވަރުގެ ބޮޑު އިގްތިސާދީ ގެއްލުން ލިބޭނެ ކަމަށް ބުނެ، އެކަމާ ދެކޮޅު ހައްދަވައި ޕެންޝަން ބޯޑުގެ ޗެއާމަން، ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވަނީ ހޯމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އިނާޒް ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ގިނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދިފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އިނާޒްގެ އިތުރުން ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުގައި އިންނެވި އަހުމަދު ސަރުވަޝް އާދަމް އަދި ސީއެފްއޯގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ޕެންޝަން ފަންޑުގައި 2.4 ބިލިއަން ރުފިޔާ ނެތްއިރު، އެމްއެމްއޭ އިން ފައިސާ ހޯދައިގެން މިކަން ކުރާ ނަމަ ކުރެވޭނީ ފައިސާ ޗާޕުކޮށްގެން ކަމަށް މީގެ ކުރިން ޕެންޝަން ބޯޑުގައި ހުންނެވި ސަރުވަޝް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް މިއީ ފައިސާ ޗާޕު ކުރުން ނޫން ކަމަށް ބުނެ ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލަން ބުހުތާނު ދޮގުތަކެއް ހަދަމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. މި މުއާމަލާތުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށް ދިގު މުއްދަތުގައި ބޮޑެތި ނޭދެވޭ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން އިގްތިސާދީ ތަޖުރިބާކާރުން ފާޅުކުރަމުން ގެންދެ އެވެ.







