"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން"
ހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދެ. އެގޮތުން ކުށެއް ކޮށްފިނަމަ އަދަބު ދިނުމުގައާ އަދި ރަގަޅު ކަންކަމަށް ތައުރީފުކުރުމުގައިވެސް އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ.


ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން | ރާއްޖެ އެމްވީ
ކޮރަޕްޝަން ޓޮލަރޭޓް ނުކުރާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެކި އެކި ޖަލްސާތަކުގައި އަޑު ހަރުކޮށް ދެއްކެވި ވާހަކަފުޅު އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. އަދި ތަކުރާރުކޮށް ވިދާޅުވާ އެއް ޖުމްލަ އަކީ ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިންގ ޑިރެކްޓަރުން ތިއްބަވާ ގުރޫޕް އަކް މުޢިއްޒު ފޮނުވި މެސެޖެއްގައި އޮންނަނީ، އެއްވެސް ބޭފުޅަކު ގައިވައިދާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން މަގުފަހިވާގޮތަށް ކަމެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
ހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދެއެވެ. އެގޮތުން ކުށެއް ކޮށްފިނަމަ އަދަބު ދިނުމުގައާ އަދި ރަގަޅު ކަންކަމަށް ތައުރީފުކުރުމުގައިވެސް އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެއެވެ.
ދިވެހި ގާނޫނު އަސާސީގައި އެއްވެސް ރައްޔިތަކު ތަފާތުނުކުރަން އޮންނަ އުސޫލުގެ ތެރެއިން ވެރިންނާ ރައްޔިތުންގެ މެދުގައިވެސް ކުރިން ދެންނެވުނު ފަދައިން އަދަބު ލިބިގަތުމުގައާ އަދި ތައުރީފު ލިބިގަތުމުގައިވެސް ތަފާތު ކުރުން އޮވެގެންނުވާނެ އެވެ.
ރައީސް މުޢިއްޒު ކޮރަޕްޝަން ޓޮލަރޭޓު ނުކުރައްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ އަކީ ކަނޑާލެއްވި ފޮންޏެއް ހެއްޔެވެ. ނޫނީ ރައްޔިތުންގެ ލޮލުގަ ކުލަ ގަދަކޮށް އަޅުއްވާލެއްވި އަނދުނެއް ހެއްޔެވެ. ރައީސް މުޢިއްޒު އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިއްބާވާ ވެރިން ކީއްކުރަންހެއްޔެވެ. ހުދު މަނިކުފާނަކީ ވެސް ކޮރަޕްޓު ވެފައިވާ ވެރިއެއް ކަމަށް ރައްޔިތުން މިހާރު ގަބޫލުކުރެ އެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފެންނަމުން ދަނީ ވަކި ބައެއްގެ މައްޗަށް އަމުރު ހިންގާ ސަރުކާރެއްގެ ގޮތުގަ އެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ފެންނަމުންދަނީ ރައްޔިތުންގެ ބައިތުލްމާލުން ވެރިންގެ އެދުން ފުއްދައި އެއިން ވައްކަންކޮށް ބިމާ ގޯތިންވެސް ވައްކަން މިހެން ގޮސް ކިޔާފައި ނުކިޔާނެ އެއްޗެއް ނެތެވެ.
އިހަކަށް ދުވަހު މިގައުމު ސިއްސުވާލީ ކޭޕާކް އެޕާޓްމަންޓްސްތަކެއް ވިއްކާލުމަށް ފަހު އެޕާޓްމަންޓުތައް ހަވާލުނުކޮށްގެން އެކަމުގައި ޝާމިލުވާ މީހުންނަށް ހުކުމްކުރިއިރު އިއްވި ހުކުމުގެ ދިގު މިނުންނެވެ. 300 އެތައް އަހަރަކަށް އަހުމަދު މަމްދޫހުގެ މައްޗަށް ހުކުމް ކުރިއިރު އޭނާއަކީވެސް މި ސަރުކާރު ގެނައުމަށް ނުހަނު ފައިސާ ޚަރަދުކޮށް ހޭދަކުރި ވިޔަފާރިވެރިއެކެވެ. އެޗްޑީސީގެ ކުރިގެ އެމްޑީ އިބްރާހިމު ފަޒުލް ރަޝީދުއެކޭ ހަމަ އެއް ފަދައިންނެވެ. ބާރަށު ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމު ޝުޖާއުއެކޭ ވެސް އެއްފަދައިންނެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަކީ ވެސް މަމްދޫހު އެކޭ އެއްފަދައިން މަސައްކަތް ކޮށް މިއަދު ކޮރަޕްޝަނާއި ރައްޔިތުންގެ ފައިސާ ލޫޓުވުމުގައި އަރާހުރި ބޭފުޅެކެވެ.
ގައުމުގެ ކޮންމެ ހިސާބަކުން ވެސް ފެންނަނީ ވައްކަމާ ކޮރަޕްޝަން ތަކެވެ. ޝުޖާއު އާ ފަޒުލްމެންގެ ވައްކަމުގެ ވާހަކަ އަކީ މިއަދު މުޅި ގައުމު ދަންނަ ބޮޑު ސިއްރަކަށްވާއިރު އެކަމުގައި މިއަދާ ހަމައަށްވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނެތެވެ. ފިޔަވަޅު ނޭޅޭނެ އެއްވެސް ސަބަބެއް ނެތެވެ. ނޫނީ ރައީސް މީހާވެސް އެކަމުގައި ކޮމްޕްރޮމައިޒްވާތީ ފިޔަވަޅެއް އެޅެން ނެތީ އެވެ. ފަޒްލުގެ ގެއިން ކަޅު ދަބަހެއްގައި ނެރެގެން ގެންދިޔަ އެއްޗެއް ހަމަ އެނގޭނީ ހެއްދެވި ފަރާތާ ދެން އެގެންދިޔަ މީހަކަށެވެ. ބަހާލި ގޯތިތަކާ ފުލެޓު ތައްވެސް އޮތީ އެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ ދައުވާއެއް ކުރަން އުޅުނުކަން ދެއްކުމަށް ފަހު އަނބުރާ ދައުވާކުރުން ފޮނުވާލީ ހެކި ނެތް ކަމަށް ބުނެ އެވެ. ހެކި ހެއްކަށް ނުވުމާއި ހަގީގަތް އޮޅުވާލުމަކީ މި ސަރުކާރުން ކަންކަން ފޫބައްދަން ގެންގުޅޭ އަވައްޓެރިއެކެވެ. ޕީޖީ އަށްވެސް ފެންނަށް ހުރި ކަންކަން ފެންނަކަމަށް ވެސް ހަދަނީއެއް ނޫނެވެ. މިއީ އެބުނާ ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ގޮތް ބާވަ އެވެ.
އެނޫން ތަނެއް އެނޫން ބައެއް މި ސަރުކާރުގައި ހަމަ ނެތީ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމުގެ ތުހުމަތު އޮތް ފަރާތްތަކަށް ފުރުސަތު ދެމުންދާކަން އެއީ ފެންނަން ހުރި ކަންކަމެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ނަމަކީ މިފްކޯ އަދި ފަހުން ސްޓެލްކޯގެ އެމްޑީކަން ފުރުއްވި އަޙްމަދު ޝަމާހު ރަޝީދެވެ. ރައްޔިތުންގެ ލޯ ކުރިމަތީ ހަދަނީ ހަދާނެ އެއްޗެކެވެ. ކާނެ ވަރަކަށް ކާން ދޫކޮށްލަފައި ތިބި ވެރިން ގިނަވެއްޖެވެ. އެއްކޮށިން ބަނޑު ފުރައިގެން އަނެއް ކޮށްޓަށް ބަދަލު ކުރަނީ އަލަކަށް ނޫނެވެ. ހަމަ ޔަގިނުންވެސް ވެރި މީހާ އަށް ބައި ނާޅާ ކުރިއަކަށް ނުދާނެ އެވެ. ކޮންމެސް ހިސާބަކުން ކޮންމެސް އެއްޗެއް ދޭން ޖެހޭނެ ކަން އެންމެވެސް ގަބޫލުކުރެ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ޝަމާހު އައްޔަންކުރީ މިފްކޯ މާލީ ގޮތުން ބޮޑު އަނދަވަޅެއްގައި އޮއްވައެވެ. ނަމަވެސް، މަގާމާ ހަވާލުވުމަށްފަހު ކުންފުނީގެ ހާލަތު ރަނގަޅުކުރުމުގެ ބަދަލުގައި، އޭނާގެ މައްޗަށް ކުރެވުނީ ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ސީރިއަސް ތުހުމަތުތަކެކެވެ. ރައްޔިތުންގެ ފައިސާ އަށް އިހުލާސްތެރިވުމުގެ ބަދަލުގައި ކުންފުނިތަކުގެ ވެރިން ހިޔާނާތްތެރިވާ ކަން ހެއްކާއެކު ފެންނައިރުވެސް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެމީހުން ހިމާޔަތްކޮށް ޕްރޮމޯޓު ކުރުމަކީ މި ސަރުކާރުން ފެށުނީއްސުރެވެސް ކުރާ ކަމެކެވެ.
މިފްކޯގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް އެނގި ތިބެ، އަލުން ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏެއްގެ ޒިންމާ ޝަމާހުއާ ހަވާލުކުރުމަކީ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް ސަރުކާރުން ދިން ފުރުސަތެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރުމަކީ މިއީ ކަމަށް ވަންޏާ ފައްފަށުން ޝުކުރެވެ.







