ގާޑިއޯލާ ބުނީ، ސިޓީ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ކަމަށް. އަދި މީހުން ބޭނުން ވަނީ ސިޓީ އިން އޭނާ ވަކި ކުރަންތޯ ސުވާލު އުފައްދައި ގާޑިއޯލާ ބުނީ، އެއީ ހަގީގަތެއް ނޫން ކަމަށް. ހަމަ އެހެންމެ، ސިޓީގައި އޭނާގެ މުސާރަ ވެސް ވަރަށް ބޮޑު ކަމަށް ގާޑިއޯލާ ބުނި.


މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި، އެ ކުލަބުގައި އޭނާ ގެ މުސާރަ ވެސް "ވަރަށް ބޮޑު" ކަމަށް، ސިޓީ އަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީގެ އެއްބަސްވުން އެންމެ ފަހުން ގާޑިއޯލާ އައު ކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ފަހު ކޮޅު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ. ނަމަވެސް، މި ސީޒަންގެ ކުރީ ކޮޅު ސިޓީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވުމާ އެކު، ގާޑިއޯލާގެ މުސްތަޤުބަލާ މެދު އޮތީ ސުވާލު ތަކެއް އުފެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، ސިޓީ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ކަމަށެވެ. އަދި މީހުން ބޭނުން ވަނީ ސިޓީ އިން އޭނާ ވަކި ކުރަންތޯ ސުވާލު އުފައްދައި ގާޑިއޯލާ ބުނީ، އެއީ ހަގީގަތެއް ނޫން ކަމަށެވެ. ހަމަ އެހެންމެ، ސިޓީގައި އޭނާ ގެ މުސާރަ ވެސް ވަރަށް ބޮޑު ކަމަށް ގާޑިއޯލާ ބުންޏެވެ.
މުސްތަޤުބަލާ މެދު ދައްކަމުން އަންނަ ވާހަކަތަކާ ގުޅޭ ގޮތުން ގާޑިއޯލާ ބުނީ، އޭނާ އަށް ހަގީގަތް ނޭނގޭ ކަމެއްގައި ކިތަންމެ ވަރަކަށް ސުވާލު ކުރި ނަމަވެސް، އެކަމުގައި ދޭނެ ޖަވާބެއް ނެތް ކަމަށެވެ. އޭނާ ގެ މުސްތަޤުބަލާ ގުޅޭ ގޮތުން ފަތުރަމުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއްކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، އެކަމަށް ޖަވާބު ދޭން އޭނާ ބޭނުން ނުވާ ކަމަށެވެ.
މީގެ އިތުރުން ދާދި ފަހުން ޗެލްސީގެ ކޯޗު ކަމުން ވަކި ކުރި އެންޒޯ މަރެސްކާއާ ގުޅޭ ގޮތުން ވެސް ގާޑިއޯލާ ވާހަކަ ދެއްކި އެވެ. އެގޮތުން ޗެލްސީގެ ކޯޗުކަމުން މަރެސްކާ ވަކިވެފައިވާއިރު، ސިޓީގެ ކޯޗުކަމާ އޭނާ ހަވާލުވުމުގެ ފުރުސަތު އޮތްތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، އެއީ އޭނާ އަށް އިނގޭ ކަމެއް ނޫން ކަމަށެވެ. އެކަމުގައި އޭނާ އަށް ވުރެ ބޮޑަށް މައުލޫމާތު އިނގޭނީ ނޫސްވެރިންނަށް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
ޗެލްސީގެ ކޯޗުކަމުން މަރެސްކާ ވަކިވުމާ ގުޅޭ ގޮތުން ގާޑިއޯލާ ބުނީ، ޗެލްސީ އަށް ގެއްލެވުނީ "ވަރަށް ވަރަށް" މޮޅު ކޯޗެއް ކަމަށެވެ. ނަމަވެސް، އެ ނިންމުމަކީ ޗެލްސީގެ އެތެރެއިން އައިސްފައިވާ ނިންމުމެއް ކަމަށާއި، އެކަމުގައި އިތުރަށް ބުނާނެ ވާހަކައެއް ނެތް ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ބަޔާން މިއުނިކް އަށް އިރުޝާދު ދިނުމަށް ފަހު، ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ސިޓީ އިން ވަނީ މިހާތަނަށް ވެސް ގިނަ ކާމިޔާބީ ތަކެއް ހޯދައިފަ އެވެ. އެގޮތުން ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ އިން ވަނީ 18 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ އިން ވަނީ އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.
އޭގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގު ހަ ފަހަރު ކާމިޔާބު ކޮށްފައިވާއިރު، ޖެހި ޖެހިގެން ހަތަރު އަހަރު ލީގު ކާމިޔާބު ކުރި އެވެ. މީގެ އިތުރުން އެފްއޭ ކަޕާއި، ކަރަބޯ ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައިވެ އެވެ.