ކުޅުދުއްފުށި ސިޓީ ކައުންސިލް "ސްމާރޓް ކައުންސިލް" އަކަށް ހެދުމަށް ބޮޑު ހޭދައެއް ކުރަނީ
މި އިންގިލާބީ ނިންމުމާއެކު، ކުޅުދުއްފުށި ސިޓީ ކައުންސިލް ވެގެންދާނީ ޓެކްނޮލޮޖީގެ ރޮނގުން ރައްޔިތުންނަށް އެންމެ ފުރިހަމަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއަކަށް ކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނޭ.


ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ބައްދަލުވުމެއް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އެ ކައުންސިލަކީ "ސްމާރޓް ކައުންސިލް" އަކަށް ހެދުމަށްޓަކައި 5 އަހަރުގެ ތަރައްޤީގެ ޕްލޭންގައި ހިމަނައިގެން ކުރަމުން އަންނަ މަސައްކަތަށް ބޮޑު ހޭދައެއް ކުރުމަށް, އެ ކައުންސިލުން ފާސްކުރި 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
މި ނިންމުމަކީ ކުޅުދުއްފުށި ސިޓީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޒަމާނަށްފެތޭ އަވަސް އަދި ލުއިފަސޭހަ ޚިދުމަތްތަކަކަށް ހެދުމަށްޓަކައި އެކުލަވާލާފައިވާ "ސްމާރޓް ކައުންސިލް" އިނީޝިއޭޓިވްގެ މުހިންމު ބައެކެވެ.
މި މަސައްކަތުގެ ދަށުން ހިދުމަތްދޭން ފަށާފައިވާ އެ ކައުންސިލްގެ ކުންބުޓި ޕޯޓަލް އިތުރަށް ތަރައްޤީކޮށް, ސިޓީ ކައުންސިލުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއަށް ބަދަލުކުރުމާއި، ކައުންސިލް ހިންގުމުގެ އިންތިޒާމުތައް ޒަމާނީކޮށް، ކަރުދާހާ ނުލައި ހިންގުމާއި ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން ކައުންސިލްގެ ވެބްސައިޓް އަޕްގްރޭޑް ކޮށް މަސައްކަތްތަކުގެ ޓްރާންސްޕޭރެންސީ މިހާރަށްވުރެ ވެސް އިތުރުކުރުމާއި، އިދާރީ ހިންގުންމަށް ބޭނުންވާ ޒަމާނީ ސޮފްޓްވެއަރ އަދި ވަސީލަތްތައް އިތުރުކުރުންވެސް ހިމެނެއެވެ.
މި ނިިންމުމުގެ ދަށުން ސިޓީ ކައުންސިލުގެ ބަޖެޓުން މި ކަމަށް ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ބަޖެޓުކޮށްފައިވެއެވެ. އެގޮތުން މި މަސައްކަތްތަކުގެ ތެރެއިން:
- ސަރވަރ އަދި ބެކަޕް ސޮފްޓްވެއަރ ސަޕްލައިކުރުން - 1,839,113.94 ރުފިޔާ
- އައި.ޓީ ޓޫލްސް އަދި ބެކަޕް ސޮފްޓްވެއަރ ސަޕްލައިކުރުން - 1,195,000.00 ރުފިޔާ
- އައި.ޓީ އަދި ކޮމްސް އަށް ބޭނުންވާ ތަކެތި ހޯދުން - 1,734,900.00 ރުފިޔާ
- އެޗް.އަރ.އެމް ސޮފްޓްވެއަރ ސަޕްލައި ކުރުން - 67,392.00 ރުފިޔާ
- އައި.ޓީ ޚިދުމަތްތަކުގެ ސްބަސްކްރިޕްޝަން ފީ އަދި އެހެނިހެން ފީތައް ދެއްކުން- 400,000.00 ރުފިޔާ
- ސައިބަރ ސެކިއުރިޓީ ސޮފްޓްވެއަރ - 80,000.00
- ކޮމިއުނިކޭޝަން ސެކްޝަނަށް ބޭނުންވާ ސްފްޓްވެއަރ - 80,000.00 ރުފިޔާ
- ކޮމިއުނިކޭޝަން ސެކްޝަނަށް ބޭނުންވާ ސޮފްޓްވެއަރ ހޯދުން - 39,720.00 ރުފިޔާ
- އައި.ޓީ އާއި ގުޅޭގޮތުން ހޯދޭ ހަރޑްވެއަރ - 100,000.00 ރުފިޔާ
- ސްޓޮކް އަދި އެސެޓް މެނޭޖްމަންޓް ސޮފްޓްވެއަރ ފޭސް 2 - 50,000.00 ރުފިިޔާ
- ކުންބުޓި ޕޯޓްލް ފޭސް 2 - 200,000.00 ރުފިޔާ
- މީޓިންގ މިނިސްޓް ސޮފްޓްވެއަރ އަދި ހަރޑްވެއަރ - 80,000.00 ރުފިޔާ
- އައި.ޓީ ކޮންސަލްޓެންސީ - 350,515.50 ރުފިޔާ
- ރީޓެއިނަރ އައި.ޓީ ފަރމްއެއް ހަޔަރ ކުރުން - 600,000.00 ރުފިޔާ
- ކައުންސިލް ވެބްސައިޓް ރިޑިޒައިން ކުރުން - 300,000.00 ރުފިޔާ
ބަޖެޓްކޮށްފައިވެއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން, އެ ސިޓީގައި ޑިޖިޓަލް އިޤުތިޞާދެއް ބިނާކުރުމަށް މި ކުރާ ބޮޑު ހޭދަ އަކީ, ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ކައުންސިލުން ފާހަގަ ކުރެ އެވެ. އަދި މި މަސައްކަތްތައް ނިމި ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމާއެކު، ކުޅުދުއްފުށި ސިޓީ ކައުންސިލް ބަދަލުވެގެންދާނީ ރާއްޖޭގެ އެހެނިހެން ކައުންސިލްތަކަށް ނަމޫނާ, ތަރައްޤީވެފައިވާ ޒަމާނީ "ސްމާރޓް" އިދާރާއަކަށް ކަމަށް ޤަބޫލުކުރެވެއެވެ.







