މިއަދު މުޅި ގައުމުގައި އެއް އަޑަކުން ގޮވަމުން ގެންދަނީ އެންމެ ދެ ވާހަކަ އެވެ. އެއީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހިންގަމުންދާ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަތަކާއި އެކަން ފަޅާ އަރުވަމުންދާ ޝޯޝަލް މީޑިއާގެ މަންސަތަކާއީ ނޫސްވެރިންގެ އަނގަ ބަންދުކޮށް ތަޅުއަޅުވާ މީޑިއާ ކޮންޓްރޯލް ގާނޫނުގެ ވާހަކަ އެވެ.
މި ދެ ވާހަކައިގެ ތެރެއިން ފަށާނީ ނޫސްވެރިން ނެތި ކޮށްލުމަށް ރައީސް މުއިއްޒުގެ ސަރުކާރުން މަކަރާއި ހީލަތުން މީޑިއާތަށް އަޅުއެޅުވުމަށް ހަދާފައި އޮތް މީޑިއާ ކޮންޓްރޯލް ގާނޫނުގެ ވާހަކައިން ނެވެ.
މަނިކުފާނެވެ.! ދުނިޔެ މިއަދު ބަދަލުވެއްޖެ އެވެ. 2022 ވަނަ އަހަރު ސްރީލަންކާގެ މަސްރަހަށާއި 2024 ވަނަ އަހަރު ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުން ފެނިގެންދިޔަ މަންޒަރުތައް ހެއްކަކަށް ނުފުދެނީ ހެއްޔެވެ. ދާދި ފަހުން އަވައްޓެރި ނޭޕާލުގެ މަސްރަހުން ފެނިގެން ދިޔަ މަންޒަރުތައް ހެއްކަކަށް ނުފުދެނީ ތޯ އެވެ. ހަމަ ޔަގީނުން ވެސް އަވަށްޓެރި އެ ގައުމުތަކުގައި ހިނގާދިޔަ މި ކަންކަމުން ވެސް ފެނިގެން ދިޔައީ ރައްޔިތުންގެ މައްޗަށް ވެރިމީހާއަށް ގަދަ ބާރު ނުދެއްކޭނޭ ކަމުގެ އަލިގަދަ ހެއްކެވެ.
މާ ދުރުނޫން ހިސާބަކުން އަވައްޓެރި ގައުމުތަކުގައި ހިނގައި ދިޔަ އިންގިލާބީ މިފަދަ ބޮޑެތި ބަދަލުތަުން އިބުރަތް ހާސިލް ކުރަން ޖެހެ އެވެ. ސަބަބަކީ މި ބޮޑެތި އިންގިލާބީ ބަދަލުތައް އެ ގައުމުތަކަށް ގެނެސްފައި ވަނީ ރައްޔިތުން ކަމަށް ވުމެވެ.
ކޮންމެ ހާދިސާއެއް، ކަމެއް، ދިރާސީ ނަޒަރަކުން ބަލައިލީމާ އެއީ ގައުމުތަކުގެ ވެރިންނަށް ލިބޭ އަގުނުކުރެވޭނެ ބޮޑެތި ފިލާވަޅުތަކެވެ.
ދިވެހި ސިޔާސީ ތާރީޚުގައި ވެސް މީހެ ކުރިން އެފަދަ ކަންކަން ހިގާފައި އެބަހުއްޓެވެ. ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން އިންގިލާބުކޮށްލި ގޮތާއި ފަހުން ވެދިޔަ ނުރައްކާތެރި ކަންކަން އެއީ އިހުގެ ފިލާވަޅެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާއި 'ހަތެއް ފެބްރުއަރީގެ ބަޣާވާތް' އެއީ މިހާރުގެ މީހުން ހަނދާން ހުންނަ މާޒީއެވެ. ހައްތަހާ ވެސް އިބުރަތެވެ. ސިޔާސީ ފިލާވަޅެވެ. ތަކުރާރުވާން ނޭދޭ ކަޅު ދުވަސްތަކެކެވެ.
އެހެން ނަމަވެސް މިއަދު ގައުމު މިދާ މިސްރާބުން އެފަދަ ކަޅުވެތި ކަމެއް ވެރިވެދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިއަދު ރައީސް މުއިއްޒު ވެރިކަން ހިންގަވަން ގެންގުޅޭ "ސްޓުރެޓަޖީ" އަކީ ރައްޔިތުންގެ ހިތުގައި ބިރު އުފައްދައިގެން ދޮގު ހެދުން ކަމުގައި މުޅި ގައުމުގެ ރައްޔިތުން ދަނީ ގޮވަމުންނެވެ.
މާސިންގާ ބޮޑެތި ވައްކަންތަކާއި ކޮރަޕްޝަނުގެ އަމަލުތައް މެކުހައް ޖަހާފައިވާ އިރު، މިވާހަކަތައް ތިލަކޮށް ގައުމުގެ ރައްޔިތުންނަށް އެނގޭނޭ ހެން ނޫސްވެރިން ރިޕޯޓް ކުރަން ފެށުމުން އެކަން ވީ މި ސަރުކާރަށް ހަޖަމް ނުކުރެވޭ ވަރުގެ ބޮޑު ކަމަކަށެވެ. އެހެން ކަމުން ދުރާލައި ރާވައިގެން ރައީސް މުއިއްޒުގެ ލަފަޔާއި އެކު، މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ބިލެއް ފާސްކޮށް އެ ބިލު ގާނޫނަކަށް ހަދައި ނިންމާލީ އެންމެ ތިން ދުވަސްތެރޭގަ އެވެ.
ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ އަތްދަށުލުމަށް ފަހު ދެން އޮތް ދައުލަތުގެ ހަތަރު ވަނަ ބާރު ވެސް މިހާރު އެވަނީ އަތްދަށުލާފަ އެވެ. ނޫސްވެރިންގެ އަނގަ ބަންދުކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެކީ އެކަށް ނެތިކޮށްލުމުގެ ބޭނުމުގައި އެވެ.
މަނިކުފާނެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން ވަރަށް ރަނގަޅު ވާހަކައެއް ބުނެލަން ހެއްޔެވެ. ވެރިކަމުގައި ތިއްބަވައިގެން ތިޔަ ހިންގަވާ ޖަރީމާތަކުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ އުނދަގުލާއި ދުއްތުރާތައް ޖެހެން ފެށުމުން އެ ވާހަކަތައް ލިޔެ ނޫސްވެރިން ހާމަ ކުރާނެ އެވެ. އަދި ރައްޔިތުންގެ ހޮޅުއަށި ތަކުގައި އެވާހަކަތަކުގެ އަޑުތައް އިތުރަށް ގަދަ ވާނެ އެވެ. މި ޒަމާނަށް ބުނާނަމަ ޝޯޝަލް މީޑިއާގައި ވެސް އުތުރި އެއަރަނީ ރައްޔިތުންގެ ޝުއޫރުތަކެވެ. އަނދަގޮނޑި ޖަހައި އެކޮޅުކޮޅުން ނަގާފައި ބޭއްވިޔަސް ފަރުވާލެއް ނެތެވެ.
ރައްޔިތުންގެ ދޫ ބަންދު ކުރާނަމޭ ހިތާ މަކަރާއި ހީލަތުން، ސަރުކާރުން ކުރާ ވައްކަންތައް ފޮރުވަން ގާނޫނެއް ހެދިޔަސް ހިޔާލުފާޅުކުރުމުގައި ދެނެއް ތަޅެއް ނޭޅުވޭނެ އެވެ. އެއީ އަދި ދައުލަތުގެ ތިޖޫރީއާއި ބަޑި ގުދަނުގެ ތަޅު ދަނޑިފަތި ލިބިގެން ވެސް ނުވާނެ ކަންކަމެވެ.
ނޫސްވެރިކަމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ވަރަށް ފުޅާ ހައްގެކެވެ. ދައުލަތާއި ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީކުރުވައި، ފާރަވެރިވާން އޮތް ޑިމޮކްރަސީގެ ހަތަރު ވަނަ ބާރެވެ. އެ ބާރު ހަނިކުރަން ކުރެވޭ ކޮންމެ ކަމެއް ވާނީ އަވައްޓެރި ގައުމުތަކުގައި ދާދިފަހުން ފެނިގެން ދިޔަ އިންގިލާބީ ބަދަލު ގެނައުމަށް ކުރެވޭ މަސައްކަތް ފެށުމުގެ ފުރަތަމަ ފިޔަވަޅަކަށެވެ. މުއިއްޒު ވެރިކަމުގެ ކޮރަޕްޓް ވާހަކަތައް ރިޕޯޓް ކުރުމުން އެކަންކަން ހުއްޓުވޭނެ ކަމަށް މުއިއްޒުގެ ބޮޓުންތައް ގަބޫލު ކުރުމަކީ ހިޔަންޏަށް މުޑިނެގުމެވެ.
މުއިއްޒު ސަރުކާރުގެ ސިޔާސީ މީހުންގެ ދޮގުތަކާއި އެ ދޮގުތަކުގައި ދިވެހި ރައްޔިތުން ޖެއްސި ދާނެ ކަމަށް ބަލާ، ދައުލަތް ލޫޓުވާލާއިރު ބަހެއް ނުބުނެ، ދިވެހިން ކުޅި ބަލަން ތިބޭނެ ކަމަށް ހީކުރުމަކީ ކުރެވޭ ވަރަށް ބޮޑު ކުށްހީ އެވެ.
މަކަރުވެރި ހީލަތްތެރި ރޭވުމުގެ ދަށުން އުފަންކުރި މީޑިއާ ކޮންޓްރޯލް ގާނޫނުން ފެންނަން އޮތީ މުއިއްޒުގެ އަދިރި ދައުލަތް ދިގު މުއްދަތަކަށް ދަންމާލަން ދިވެހިންގެ ލޮލުގައި އަޅުވާ ފިސާރި ކުލަ ގަދަ އަނދުނެކެވެ.
މުއިއްޒު ޖައްސަވާހާ ބެރަކަށް ނައްޓަވަމުން ގެންދަވާ އެމަނިކުފާނުގެ ބޮޓުން ދައުލަތެއްގެ ހިންގުމުގެ ނިޒާމަށް ފަރިތަ ނޫނަސް މިއަދު ދިވެހި ގައުމުގައި ހަރަކާތްތެރިވާ ގިނަ ނޫސްވެރިންނަކީ ފާއިތުވި ގިނަ ވެރިކަންތަކުގައި ވެރިން ކަންކުރެއްވި ގޮތުގެ ވައްޓަފާޅިއަށް ފަރިތަ ބައެކެވެ. އެ ނޫސްވެރިންގެ ތަޖުރިބާއިން މީޑިއާ ނެތިކޮށްލާ ބިލު އެއީ އިސްލާހު ކުރޭ ވަރަށް ވުރެ ގޯސްކޮށް އޮތްއެއްޗެއް ކަމަށް އެބުނަމުން ދިޔައީ ދެން ނަގަން އޮތް "ގޯސް" ނޫސްވެރިންގެ ލެންސަށް އަރާތީ އެވެ.
އާއެނކެވެ. މިއަދު އޮޅު ހިޔާ ފެސިލިޓީއިން ފާސްކޮށް، ރައީސް މުއިއްޒު ތަސްދީގު ކޮށްފައި އޮތް މީޑިއާ ކޮންޓްރޯލް ގާނޫނުގެ މަގުސަދު ދިވެހި އެންމެހާ ރައްޔިތުންނަށް ވަރަށް ސާފެވެ. ރައީސް މުއިއްޒުގެ މަކަރުވެރި ކަމުގެ ދަށުން ތަސްދީގުކޮށް މީޑިއާ މަރާލުމަށް އުފެއްދި ގާނޫނަކަށް ބަދަލުކުރުން ވެގެންދާނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސަބަބުން ތަތްތެޅިފައިވާ ކަޅު އަދިރި މާޒީގެ ސަފުހާތަށް އިތުރަށް ހާމަވެ ފަލީހަތް ވުމެވެ. ގާނޫނީ ގޮޅިއަކަށް ފައްތާލި ނަމަވެސް ނޫސްވެރިން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ.
ވިސްނާލާށެވެ. ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރިކޮށް ހުދުމުހުތާރުކޮށް ވެރިކަން ކުރަމުން އަންނަ މުއިއްޒުގެ ވެރިކަމަކީ މިއަދު ދިވެހިންނަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. އެހެނީ މި ސަރުކާރަކީ ދޮގުހެދުމާއި ދޮގު ފެތުރުމާއިއެކު، ވަގުން ހިމެނޭހެން ހީލަތްތެރިން ގިނަ ރައްޔިތުންނަށް އަނިޔާވެރިވަމުން އަންނަ ފާސިގުން ގިނަ ބައިގަނޑެކެވެ.
މުއިއްޒުގެ ވެރިކަމަކީ މިނިވަން ޝަރުއީ ނިޒާމަށް ހުރި ބޮޑު ހުތުރެކެވެ. އަނިޔާވެރި ޑިކްޓޭޓަރެއްގެ ހީލަތްތެރި ރޭވުމުގައި ގައުމު ބީވެގެންދާއިރު ބަލަން ތިބުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ގައުމުގެ ދިފާއުގައި ކުރެވެން އޮތް ގޮތަކަށް ކޮންމެ ރައްޔިތަކު ވެސް މަސައްކަތް ކުރަން ޖެހެ އެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް މިހާރު ދަށަށް ގޮސްފައިވާއިރު މުއިއްޒުގެ ވެރިކަމަކީ އިސްލާހު ކުރޭވޭ ވަރަށް ވުރެ ނުބައިވެ ފުޅަ އަޅައިފައިވާ ސަރުކާރެކެވެ. ސްރީލަންކާ، ބަންގަލްދޭޝް، އަދި ނޭޕާލް ފަދަ ގައުމުތަކުން ފެންނަ ފަދަ ގުޑްގަވަނާންސް ނެތް ކޮރަޕްޝަނުގެ ހާއްޔެކެވެ.