Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2025 | ބުރާސްފަތި 17:51
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު: ފެނަކައިގައި ހުންނެވިއިރު ހަތަރު މިލިއަން ރުފިޔާގެ ނަގުދު ފައިސާއިން ލޯނަކަށް ފައިސާ ދެއްކި މައްސަލައެއް ވަނީ ފެންމަތިވެފަ
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު: ފެނަކައިގައި ހުންނެވިއިރު ހަތަރު މިލިއަން ރުފިޔާގެ ނަގުދު ފައިސާއިން ލޯނަކަށް ފައިސާ ދެއްކި މައްސަލައެއް ވަނީ ފެންމަތިވެފަ
ރާއްޖެއެމްވީ
މުއާޒު މުޙައްމަދު ރަޝީދު
ފެނަކަ އެމްޑީކަމުގައި މުއާޒު ހުންނެވި އިރު، ހަތަރު މިލިއަން ރުފިޔާގެ ނަގުދު ފައިސާއިން ލޯނަކަށް ފައިސާ ދެއްކި މައްސަލައެއް ފެންމަތިވެއްޖެ
ފެނަކައިގެ ކުރީގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދުގެ ލޯނު އެކައުންޓަށް 2024 ވަނަ އަހަރު ކޭޝްގެ ގޮތުގައި ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ
މި ފައިސާ ޖަމާކުރި ގޮތާ މެދު ސުވާލު އުފެދިފައިވުމާއެކު މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ތަހުގީގުކޮށްފަ
އެ ފައިސާ ލިބުނީ އޭނާގެ އެޕާޓްމަންޓެއް ކުއްޔަށް ދީގެން ކަމަށް ވަނީ ވިދާޅުވެފަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މުއާޒު މުހައްމަދު ރަޝީދު ހުންނެވިއިރު، އޭނާ ނަގާފައިވާ ލޯނެއް ދެއްކީ އެކި ގޮތް ގޮތުން ނަގުދު ފައިސާ ހޯދައިގެންކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވެފައި ވަނީ އޮންލައިން ނޫސް އަދަދަށް ލިބުނު ކަމަށް ބުނާ ލިޔެކިޔުން ތަކަކަންނެވެ.

އަދަދު ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން ހާމަވެފައިވާ ގޮތުގައި ޖެނުއަރީ، 2024، އިން ފެށިގެން އެ އަހަރުގެ ޖުލައި މަހުގެ 24 އާ ހަމައަށް ގުޅުން އޮންނަ ފަރާތެއްގެ ބޭންކު އެކައުންޓާއި އޭޓީއެމް ޑިޕޮސިޓުގެ ގޮތުގައި މުއާޒުގެ ލޯނު އެކައުންޓަކަށް ހަތަރު މިލިއަން ރުފިޔާ ކޭޝްގެ ގޮތުގައި ޖަމާ ކުރި އެވެ. އަދި މި މައްސަލަ މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ތަހުގީގުކޮށްފަ އެވެ.

އެ ޑޮކިއުމެންޓުތަކުން އެނގޭ ގޮތުގައި މުއާޒްގެ ނަމުގައި އޮތް ލޯނަކަށް ފައިސާ ދެއްކުމަށް ނަގުދު ފައިސާ ޖަމާކޮށްފައިވަނީ އަބްދުﷲ ރިޒްވާން ކިޔާ މީހެއްގެ އެކައުންޓަށެވެ.

އެގޮތުން 2024 ވަނަ އަހަރުގެ ޖެނުއަރީ 23 އިން އެ އަހަރުގެ ޖޫން މަހުގެ 7 އާއި ދޭތެރޭ ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައި ހުރި އޭނާގެ އެކައުންޓަށް އެކި ފަހަރުމަތިން 1،816،000 ދިވެހި ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މި ފައިސާ ކޭޝްކޮށް މާލެ ސަރަހައްދުގެ އެކި އޭޓީއެމްތަކަށް ޖަމާކުރީ ތަފާތު 34 ޓްރާންސެކްޝަނަކުން ކަން ލިޔެކިޔުންތަކުން އެނގެ އެވެ.

އެ މުއްދަތުގެ ތެރޭ ރިޒްވާންގެ އެކައުންޓުން މުއާޒުގެ ލޯނު އެކައުންޓަށް ތަފާތު 16 ޓްރާންސްފަރއެއް ކޮށްފައިވާއިރު، އެ ޓްރާންސްފަރ ތަކުގެ ޖުމްލަ އަދަދަކީ 1،798،519.81 ދިވެހި ރުފިޔާ އެވެ.

މި ފައިސާގެ ތަފުސީލުތައް ދިނުމަށް ބޭންކުން އެދުމުން ރިޒްވާން ބުނެފައިވަނީ މިއީ ލޯނު ދެއްކުމަށް މުއާޒު އޭނާއާ ހަވާލުކުރި ފައިސާ ކަމަށާއި އެ ފައިސާ ލިބުނީ "ލިންކަސް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކަށް މުއާޒުގެ އެޕާޓްމަންޓެއް ކުއްޔަށް ދީގެން ކަމަށް ވަނީ ބުނެފަ އެވެ. މުއާޒު ވެސް ބޭންކަށް މައުލޫމާތުދީފައިވާ ގޮތުގައި އެ ފައިސާ ލިބުނީ އެގޮތަށް ކަމަށެވެ. އަދި ފައިސާ ލިބުނީ ކޭޝްކޮށް ކަމަށް ވެސް މުއާޒު މައުލޫމާތު ދީފައިވެ އެވެ.

ރެނާޓަސް އިތާމުއި ގައި ހުންނަ އެ އެޕާޓްމަންޓު ކުއްޔަށް ދިން އެގްރީމެންޓު ވެސް އޭނާ ބޭންކާ ހިއްސާކޮށްފައިވާ އިރު، މީގެ ކުރިން 2018 ގައި މުއާޒު މި ފުލެޓު ގަތް މައްސަލަ 2019 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރި އެވެ.

ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ބޭންކަށް ދިން އެގްރީމެންޓުގައި ހަ ވަނަ ފަންގިފިލާގައި ހުރި އެ އެޕާޓްމަންޓު ކުއްޔަށް ދިނީ ގޯޑައުން އެއްގެ ގޮތުގައި ބޭނުންކުރުމަށް ރާއްޖެއަށް ހެވީ ވެހިކަލްސް އެތެރެކޮށް ކުއްޔަށް ދޭ ކުންފުންޏަކަށެވެ. އަދި އެޕާޓްމަންޓު ކުއްޔަށް ދިނީ މަހަކު 15،000 ގެ މަގުން 15 އަހަރަށް ވާ ކުލީގެ ފައިސާ އެއް ފަހަރާ އަޕްފްރަންޓުކޮށް ދައްކަންޖެހޭ ގޮތަށެވެ.

ކުރިން ބުނި މުއްދަތުގައި ލިންކަސް ކުންފުނީގެ އެކައުންޓުތަކުން އެއްވެސް ވަރަކަށް ނަގުދު ފައިސާ ނަގާފައި ނުވާކަން ފާހަގަކޮށްފައިވާއިރު، ދެވަނަ މީހަކު މެދުވެރި ނުވެ ވެސް މުއާޒުގެ ލޯނު އެކައުންޓަށް 2024 ގެ ޖޫން އަދި ޖުލައި މަހު ޖުމްލަ 2.3 މިލިއަން ރުފިޔާ، ކޭޝްކޮށް ޖަމާކޮށްފައިވެ އެވެ. އަދި ޖުމުލަ 41 ފަހަރު މަތިން މި ފައިސާ ޖަމާކޮށްފައިވަނީ ވެސް މާލެ ސަރަހައްދުގައި ހުރި ބީއެމްއެލްގެ އޭޓީއެމް ތަކަށެވެ.

ނިމިދިޔަ 2024 ވަނަ އަހަރު ތެރޭ މުއާޒުގެ ލޯނު އެކައުންޓަށް ޖަމާކުރި ފައިސާގެ ޖުމްލަ އަދަދު 4،908،519ރ. އަށް އަރަ އެވެ. އެހެން ނަމަވެސް އަދަދު ނޫހަށް މުއާޒު މައުލޫމާތު ދީފައިވާ ގޮތުން މިފަދަ މައްސަލައެއް އޮތް ކަމުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިފައިނުވެއެވެ. ފައިސާ ލިބުނު ގޮތުގެ ތަފުސީލު ބޭންކާ ހިއްސާކޮށްފައިވާނެ ކަމަށް މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވި ގޮތުން ބޭންކަށް މައުލޫމާތު ދިން ގޮތަށް އެ ފައިސާ ލިބުނީ އޭނާގެ އެޕާޓްމަންޓު ކުއްޔަށް ދީގެންނެވެ. އެހެން ނަމަވެސް، ހުށަހެޅި އެގްރީމެންޓާއި ހިލާފަށް އެޕާޓްމަންޓު ކުއްޔަށް ދިނީ ގޯޑައުން އެއް ހިންގަން ނޫން ކަމަށާއި އެ ތަން ކުއްޔަށް ދިނީ ދިރިއުޅެން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް އެ ލޯނު ނެގީ ކޮން ބައެއްގެ އަތުން ކަމެއް އަދި ކޭޝްކޮށް ފައިސާ ޖަމާކުރަމުންދިޔަ ސަބަބެއް މުއާޒު ސާފުކޮށެއް ނުދެއްވަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ގެ މަގާމަށް މުއާޒު އައްޔަން ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 3 ގަ އެވެ.

މުއާޒު ފެނަކައިގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމުން ދެމެހެއްޓެެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ ކަމަށް ވިދާޅުވެ އެވެ.

- ކޮމެންޓް