ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އާންމު ކޮށްފައި ވާއިރު އެ ބަޔާންތަކުގައި ހާމަ ކޮށްފައިވާ މައުލޫމާތު ތަކާ ބެހޭ ގޮތުން އާންމުން ގެންދަނީ ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ. މެމްބަރުންނަށް ބޮޑެތި އަދަދުތަކުން ލިބިފައިވާ "ހަދިޔާ" ތަކާއި، އިމާރާތްތަކުގެ ވާހަކަ އިން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ. ތަކެތީގެ އަގު ބޮޑުވެ، ދިރިއުޅުމުގެ އަގުތައް އިންތިހާ އަށް މައްޗަށް ގޮސްފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ އަނގަޔާއި އަތާ ދިމާ ނުވެ ނިކަމެތި ހާލުގައި ރައްޔިތުން ތިއްބާ ބައެއް މެމްބަރުންގެ ތަނަވަސް ކަމާއި މުއްސަނދިކަން ހާމަވުމާއެކު ބައެއް މީހުން ބުނެފައިވަނީ ހައިރާންވެސް އަންތަރީސް ވާ ކަމަށެވެ. އަދި އެންމެ ބޮޑު ހައިރާން ކަމެއް ލިބޭ ކަމަކީ އެހާ ބޮޑެތި އަދަދުތައް ކުރު މުއްދަތެއްގެ ތެރޭގައި ހޯދާ ގޮތް ކަމުގައި ވެސް ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ.
މި ކަންކަން މިހެން ހުރި އިރު، މެމްބަރުން ހާމަ ކޮށްފައިވާ މާލީ ބަޔާންތަކުގައި ދެކޮޅު ނުޖެހޭ އަދި ސުވާލު އުފެދޭ އެތައް ކަމެއް ވެސް ވަނީ ފާހަގަ ކުރެވިފައެވެ.
ބައެއް މުއްސަނދި މެމްބަރުންގެ މާލީ ބަޔާން ތަޖުރިބާކާރެއްގެ ނަޒަރުން ދިރާސާ ކޮށްލުމުން ޖަވާބު ހޯދަން ޖެހޭ އެތައް މުހިންމު ސުވާލެއް ވަނީ ފެންމަތިވެފައެވެ.
މި ސުވާލުތަކާ ގުޅިގެން ރާއްޖޭގެ ތަޖުރިބާކާރު އޮޑިޓަރަކު ބައެއް މެމްބަރުންގެ މާލީ ބަޔާންތަކުގެ އޮޑިޓެއް ވަނީ މި ނޫހަށް ހައްދަވާދެއްވާފައެވެ. އެ ގޮތުން ފާހަގަ ކުރެވޭ ބައެއް މުހިންމު ނުކުތާތައް މި ސިލްސިލާގައި ފާހަގަ ކޮށްލަމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ އިތުރަށް، ރެޑްވޭވް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކަމާއި އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުން ޝުޖާއު އަށް އަހަރު ދުވަހުގެ ތެރޭގައި ލިބުނު މުސާރައިގެ ޖުމްލަ 1،808،603 ރ. އަށް އަރާ ކަމަށް އޭނާގެ މާލީ ބަޔާނުގައި ބުނެފައިވެއެވެ.
މި އަދަދު ލިބިފައިވާ ނަމަ ޓެކްސް ގާނޫނު ބުނާ ގޮތުން އޭނާގެ އަތުން %12 އިންކަމްޓެކްސް ގެ ގޮތުގައި ކަނޑަން ޖެހޭނެކަން އޮޑިޓަރު ފާހަގަ ކުރިއެވެ.
ގެދޮރު ކުއްޔަށް ދީގެން އޭނާ އަށް 210،000 ބަޔާން ކޮށްފައި ވާތީ، މި ކުއްޔަކީ މީރާގައި ރަޖިސްޓްރީ ކުރި ކުއްޔެއްތޯ ބަލަން ޖެހޭނެކަން ވެސް އޮޑިޓަރ ފާހަގަ ކުރެއެވެ.
މެމްބަރު ޝުޖާއު ގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން 2022 ން 2024 ށް ޖުމްލަ 9.94 މިލިޔަން ދަރަނީގެ ގޮތުގައި އޭނާ ނަގާފައިވެއެވެ.
ކުންފުނިތަކުގެ ހިއްސާ އަށް ބަލާއިރު، އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑްގައި އޭނާގެ %50 ހިއްސާ 2017 އިން ފެށިގެން އޮންނަ ކަމަށާއި އަދި ސްވޯން ފެމިލީ ޕްރައިވެޓް ލިމިޓެޑްގައި އޭނާގެ %40 ހިއްސާ 2022 އިން ފެށިގެން އޮންނަ ކަމަށް ބަޔާން ކުރެއެވެ. މި ކުންފުންޏަކީ އިބްރާހިމް ޝުޖާޢުގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ ދަށުގައި އިތުރު 4 ހިއްސާދާރުން ހިމެނޭ ކުންފުންޏެކެވެ. މި ކުންފުނީގެ ފިހާރަ، ކެފޭ ރަޖިސްޓަރީ ކޮށްފައި ވަނީ ހއ. ބާރަށުގައެވެ.
2024 ވަނަ އަހަރު 9.48 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ހުޅުމާލެ އިން "ޑޭޒީހޯމް" ކިޔާ ބިމެއް ޝުޖާއު ގަނެފައި ވާއިރު، އަދި މި ބިމަށް ފައިސާ ދައްކާފައި ވަނީ ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން ކަމަށް ބަޔާން ކުރާއިރު، 2024 ވަނަ އަހަރު ލޯނުގެ ގޮތުގައި ބޭންކް އޮފް ސިލޯނުން 4.5 މިލިޔަން ރުފިޔާ އަދި އޭނާގެ ކުންފުނި އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް އިން 5 މިލިޔަން ރުފިޔާ ނެގި ކަމަށް ދައްކާ ހިސާބު ދިމާކުރަން މަސައްކަތް ކޮށްފައިވާކަން އޮޑިޓަރު ވަނީ ފާހަގަ ކޮށްފައެވެ.
2023 ވަނަ އަހަރު ހުޅުމާލެ އިން "ރެއިންޕާލް" ފްލެޓް 7.28 މިލިޔަން ރުފިޔާ ދީފައި ގަނެފައިވާ ކަމަށް ބަޔާން ކުރާއިރު، 2022 ން 2023 ށް 2 ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ކަމަށް ބުނެފައިވެއެވެ. އެއީ ޖުމްލަ 440،000ރ އެވެ. މީގެ އިތުރު އެހެން ލޯނެއް ނަގާފައިވާ ކަމަށް ބުނެފައެއް ނެތެވެ.
2022 ވަނަ އަހަރު ހއ ބާރަށު "ސީވިއު" ގަތުމަށް 3 ލައްކަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމާއި އެ ފައިސާއަކީ ވެސް ލޯނުގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށް ބަޔާން ކޮށްފައި ވެއެވެ.
2015 ވަނަ އަހަރު "ރޯހައުސް" އެއް ހުޅުމާލެ އިން 3.53 މިލިޔަން ރުފިޔާ އަށް ހޯދާފައި ވަނީ، ވަޒީފާ އަދާ ކުރަމުންދާ ކުންފުނިން ހަދިޔާގެ ގޮތުގައި ދިން ފައިސާ އިން ކަމަށް ބަޔާން ކޮށްފައި ވެއެވެ.
މަތީގައި ބަޔާންކުރި 4 ބިމާއި އިމާރާތުގެ ތެރެއިން 3 ބިމަކާއި އިމާރާތެއް ގަތުމަށް 21.26 މިލިޔަން ރުފިޔާ ޚަރަދު ކުރި ކަމަށް ބަޔާންކުރި ނަމަވެސް، 2022 ން 2024 ށް ލޯނުގެ ގޮތުގައި ނަގާފައި ވަނީ 9.94 މިލިޔަން ރުފިޔާކަން އޮޑިޓަރު ފާހަގަ ކުރެއެވެ. ވީމާ، މި ހިސާބުގައި ހިމެނޭ މަޢުލޫމާތު ތަކުން 11.32 މިލިޔަން ރުފިޔާގެ އަސްލު ސާފު ނުވާކަމަށް އޮޑިޓަރު ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރަށް 2017 ވަނަ އަހަރު 7.05 މިލިޔަން ރުފިޔާ ދީފައި މަސްދޯންޏެއް ގަނެފައިވާ ކަމާއި، މި ދޯނި ގަނެފައި ވަނީ އަމިއްލަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ އިން ކަމަށާއި އަދި އަނބުރާ ދައްކަންޖެހޭ ދަރަނީގެ ގޮތުގައި ފައިސާ ނަގައިގެން ކަމަށް މާލީ ބަޔާނުގައި ބަޔާން ކުރެއެވެ.
އިބްރާހިމް ސުޖާޢުގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ ދަށުގައި އޭނާ ލޯނު ނަގާފައިވާ ކަމަށް ބަޔާން ކުރާ ކުންފުންޏަކީ، ސިފައިންގެ ވެލްފެޔަރ ކޯޕަރޭޓިވް އިން 10 ޑިސެމްބަރ 2023 ގައި 13 މިލިޔަން ރުފިޔާ ޖަމާކުރި އޮފިޝަލް އިވެންޓްސް އެވެ. އަދި އެ ރިޕޯރޓުން އެނގޭ ގޮތުގައި ލަގްޒަރީ އެޕާރޓްމެންޓް ގަންނަން އޭގެން 8 މިލިޔަން ރުފިޔާ އޭނާ ޚަރަދު ކުރިއެވެ. އަދި ޝުޖާޢުގެ އެކައުންޓަށް އޭގެން 1.89 މިލިޔަން ރުފިޔާ ޖަމާކުރި ކަމަށް އެ ރިޕޯރޓްގައި ބަޔާން ކުރެއެވެ.
މީގެ އިތުރުން، ކުއިކް ޝުއާ ނަމަކަށް ކިޔާ މި މެމްބަރާއި ގުޅުން ހުރި ފަރާތެއްގެ ކުންފުންޏަށް 2022 ން ފެށިގެން 2024 ޖެނުއަރީގެ ނިޔަލަށް 26.5 މިލިޔަން ރުފިޔާ ޖަމާވެފައި ވުމުން، މި ހިސާބުގައި ބަޔާން ކުރާ ކަންކަމަށް ބަލައިގެން ޓެކްސް އޮތޯރިޓީ އިން އިންކަމްޓެކްސް އަދި ޓެކްސް އިން ރެކުމަށްޓަކައި ހިލޭ އެހީ ލިބުނު ކަމަށް ދެއްކުމުގެ ޢަމަލެއް ކުރިތޯ ބެލުން މުހިންމު ކަން އޮޑިޓަރު ފާހަގަ ކުރިއެވެ.
އޮޑިޓަރުގެ ނަޒަރުން، މިކަން ބެލުމުން ފުލުހުން ބަލަމުންދާ އެމްއެމްއޭ ގެ އެފް.އައި.ޔޫ ރިޕޯރޓުގެ ތަހުގީގަށް އިތުރު އަލިކަމެއް ލިބޭނެއެވެ. އަދި އޮޑިޓަރ ޖެނެރަލް މި ހިސާބު ބައްލަވާއިރު، އިބްރާހިމް ޝުޖާޢު އަކީ 18 ވަނަ މަޖިލިސްގެ މެމްބަރަކަށް ވާތީ އެ ދައުރުގެ ތެރޭގައި ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި 2017 ވަނަ އަހަރުގައި ހިންގި ކަމަށް ބަޔާން ކުރާ މުޢާމަލާތްތައް ލިޔެފައިވޭތޯ ބެލުން މުހިންމު ކަމުގައި ވެސް އޮޑިޓަރ ފާހަގަ ކުރެއެވެ.
އިބްރާހީމް ޝުޖާޢު އަކީ އެމްއެމްޕީއާރސީ ގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރާ ލިސްޓްގައި ހިމެނޭ 18 ވަނަ މަޖިލީހުގައި ވެސް އުޅުއްވި މެމްބަރެކެވެ.