Advertisement
ކ. މާލެ
|
27 އޯގަސްޓް 2025 | ބުދަ 23:01
ކުޅުދުއްފުއްޓަށް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ބައިވެރިވި އެރަށުގެ ކަނބަލެއް
ކުޅުދުއްފުއްޓަށް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ބައިވެރިވި އެރަށުގެ ކަނބަލެއް
ރައީސް އޮފީސް
ހދ. އަތޮޅު
ރައީސް މުޢިއްޒު ހދ. އަތޮޅުގެ 13 ރަށަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންފި
މުއިއްޒު ހދ އަތޮޅުގެ 13 ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ ބުދަ ދުވަހު
ދަތުރުފުޅުގެ ތެރޭގައި އެތައް މަޝްރޫއުތަކެއް ހުއްޓިފައި ވަނިކޮށް އެތައް އައު މަޝްރޫއެއް އިއުލާނު ކުރެވިފައިވޭ
ފާޑު ކިޔާ ފަރާތްތަކުން ބުނަނީ މިއީ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރައްވާ ކެމްޕޭނެއް ކަމުގައި

ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގަންނަވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. މިގޮތުން ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ، މަކުނުދޫ އަދި ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައިވެއެވެ.

މުއިއްޒު ގެ މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވިއެވެ. މި ވަފުދުން ވަނީ ކޮންމެ ރަށެއްގައިވެސް ކުރިއަށްގެންދާ އަދި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާ ކޮށް މުއިއްޒު ވަނީ އެ އަތޮޅަށް ދަތުރު ކުރައްވާފައެވެ. އެ ދަތުރުގައި ރަށްރަށަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ގިނަ ކަންކަން ކުރިއަށް ނުދާކަން ރަށްރަށުން ފާހަގަ ކުރެވިފައި ވަނިކޮށް، މި ދަތުރުފުޅުގެ ތެރޭގައި އަލަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ ގޮތުން ވައިގެބަނދަރުތަކާއި ވިޔަފާރި ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމީ އަދި ސިއްޙީ ދާއިރާ ކުރިއެރުވުމަށް ރޭވިފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ.

ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވި ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު، ކައުންސިލް ތަކުން ވަނީ ހުއްޓިފައިވާ މަޝްރޫއުތަކުގެ ކަންބޮޑުވުން ފާހަގަ ކޮށްފައެވެ. އޭގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލްތައް ހިންގުމަށް ދަތިވެ، ކައުންސިލަރުންގެ އިންތިޚާބީ ހައްގު އޭގެ ސަބަބުން ނިގުޅައިގެންފައިވާކަން ފާހަގަ ކުރިއެވެ.

ފާޑު ކިޔާ ފަރާތްތަކުން ބުނެފައިވަނީ މުއިއްޒު މި ކުރައްވާ ދަތުރުފުޅުތަކަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅުތަކެއް ކަމުގައެވެ.

- ކޮމެންޓް