ކ. މާލެ
|
25 އޯގަސްޓް 2025 | ހޯމަ 18:56
މުހައްމަދު އަސްފާމް އަދި އޭނާގެ އަނބިމީހާ ރަށުގެ އެއާޕޯޓް ސަރަހައްދުގައި
މުހައްމަދު އަސްފާމް އަދި އޭނާގެ އަނބިމީހާ ރަށުގެ އެއާޕޯޓް ސަރަހައްދުގައި
ފޭސްބުކް
ވަޒީފާގެ ބިރުދެއްކުން
ހޯރަފުށީ އެއަރޕޯޓް މެނޭޖަރަށް މުއިއްޒު ސަރުކާރުން ކުރި އަނިޔާ - ޖެއްސުމާއި އެކަހެރިކުރުމުގެ ދެ އަހަރަށް ފަހު، ރަށުން ފޮނުވާލީ އަނބި މީހާ ވިހަން ކައިރިވެފައި ހުއްޓާ!
މާބަނޑު ދުވަސްވަރު އުފާވެރި ދުވަސްތަކަކަށް ވާންވީ ހިނދު، ސަރުކާރުގެ އަނިޔާވެރި ޢަމަލުތަކުން ހޯރަފުށީ އެއަރޕޯޓުގެ މެނޭޖަރުގެ މަގާމުގައި ހުރި އަޝްފާމް ގެ އަންހެނުން ޝިފާނާޒް އަށް ލިބިފައި ވަނީ ބޮޑު މާޔޫސްކަމެކެވެ. ތިން ކުދިންގެ މަންމައެއްގެ ގޮތުގައި ހުރި ޝިފާނާޒްގެ ހަތަރުވަނަ ދަރިފުޅު ވިހެއުމުގެ ދުވަސް ކައިރިވެފައި ވަނިކޮށް ފިރިމީހާގެ ވަޒީފާ ކުއްލިއަކަށް އެހެން ރަށަކަށް ބަދަލުކޮށްލައި، ރަަށުން ފޮނުވާލީ ފިރިމީހާގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫނެވެ. މިއަށް އަނިޔާ ނޫން ދެން ކިޔާނީ ކޮން އެއްޗެއް ހެއްޔެވެ؟

މާބަނޑު ދުވަސްވަރަކީ ކޮންމެ މަންމައަކަށް ވެސް ތަފާތު ތަޖުރިބާ އެއް ކުރަން ޖެހޭ ދުވަސްކޮޅެކެވެ. ޖިސްމާނީ ބޮޑެތި ބަދަލުތަކެއް އައުމާއި، ނާޒުކު ޖަޒުބާތުތަކުގެ ކޮންމެ މީހަކަށް ވެސް މާބަނޑު ދުވަސްވަރު ވެގެން ދަނީ ހަނދާން ހުންނާނެ ފަދަ ދުވަސްވަރަކަށެވެ. ނާޒުކު ޖަޒުބާތުތަކާއި، ޚިޔާލާއި ފިކުރުތައް އެ ދުވަސްވަރު ވީހާވެސް ފައްސިވޭތޯ ކޮންމެ ދެމަފިރިއަކު ވެސް މަސައްކަތް ކުރާނެއެވެ.

އެކަމަކު ސަރުކާރެއްގެ ފުރައްސާރައިގެ ސަބަބުން މާބަނޑު ދުވަސްވަރު ބޮޑު ތަކުލީފަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އެއްވެސް މީހަކު ހީކޮށްފާނެހެން ހިއެއް ނުވެއެވެ. އެކަމަކު މިއީ ހއ.ހޯރަފުށީ، ފާތިމަތު ޝިފާނާޒް އަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ހިތް ދަތި ހަގީގަތެވެ.

ތުއްތު ތިން އަންހެން ދަރިންނާ އެކު ދިރިއުޅުމުގެ ކަންކަން ތަރުތީބުކުރުމަށް މަސައްކަތް ކުރަމުންދާ ޝިފާނާޒް ތައްޔާރު ވަމުން ދަނީ އޭނާގެ އާއިލާ އަށް ހަތަރު ވަނަ މެމްބަރަކަށް މަރުހަބާ ކިޔުމަށެވެ. ރަށުގައި ޒިންމާދާރު ވަޒީފާ އެއް އަދާކުރަމުންދާ ޝިފާނާޒް ވިހަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، މި ސަރުކާރުގެ ސަބަބުން އޭނާ އަށް ކުރަން ޖެހިފައި ވަނީ ހިތްދަތި ތަޖުރިބާއެކެވެ. ރަށު އެއާޕޯޓު ގެ މެނޭޖަރުގެ މަގާމުގައި ހުރި އޭނާގެ ފިރިމީހާ، މުހައްމަދު އަޝްފާމްގެ ވަޒީފާ މުޅިން އެހެން ރަށަކަށް ބަދަލުކޮށްލީ އައި ފޯނު ކޯލަކުންނެވެ.

އަނބިމީހާގެ އަސަރު ގަދަ ޕޯސްޓެއް : ސަރުކާރުގެ އަނިޔާވެރިކަމާއި މެދު ޝުއޫރުތައް ބަންޑުން!

މީގެ އެއް ދުވަސް ކުރިން މީސްމީޑިއާގައި ދައުރުވި ޝިފާނާޒްގެ ފޭސްބުކް ޕޯސްޓުގައި އޭނާ އަށް ދިމާވި ހިތްދަތިކަމުގެ ވާހަކަ ނިހާޔަތަށް ތަފްސީލްކޮށް ކިޔާދީފައިވެއެވެ. އެ ޕޯސްޓް ފަށަމުން ހިއްސާކޮށްފައި ވަނީ މައެއްގެ ހަށިގަނޑުގައި މާބަނޑު ދުވަސްކޮޅު އަޅާ ވޭނުގެ ވާހަކައެވެ. އަދި އެ ވޭން ތަހައްމަލް ކުރަނީ ލޯބިވާ ދަރިންނަށްޓަކާއި ކަން އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

ވަޒީފާގެ ބަުރަ މަސްއޫލިއްޔަތުތަކާއި، ކުޑަ ތިން ދަރިންގެ ސްކޫލް ކަންކަމާއި ގޭތެރޭގައި މަސައްކަތް ކުރަމުން، އަދި ހަތަރު ވަނަ ދަރިފުޅަށް ބަޑަށް އަށް މަހަށް ވެފައިވަނިކޮށް، ފިރިމީހާ ކައިރީގައި ހުންނަށް އެދޭ އިރު، އޭނާ އެ ރަށަކަށް ކުއްލި ގޮތަކަށް ފޮނުވާލުމަކީ މާބނަޑު އަންހެނަކަށް ދެވޭނެ ކުޑަ އަނިޔާއެއް ނޫނެވެ.

ޝިފާނާޒްގެ ޕޯސްޓުން ބައެއް

މާބަނޑު ދުވަސްވަރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވޭ ދުވަސްވަރެކެވެ. ޖިސްމާނީގޮތުން އެތަށް ބަދަލުތަކެއް ހަށިގަނޑަށް އައިސް...

Posted by Fathimath Shifanaz on Saturday, August 23, 2025

ޝިފާނާޒްގެ ޕޯސްޓުގައި އެ އިޝާރާތް ކުރާ ވާހަކަ އަކީ އޭނާގެ ފިރިމީހާ މުހައްމަދު އަޝްފާމް، ހޯރަފުށީ އެއާޕޯޓްގައި މަސައްކަތް ކުރާ ވަޒީފާ އިން ކުއްލި ގޮތަކަށް މ. އަތޮޅު މުއްޔަށް ބަދަލު ކުރި ވާހަކައެވެ. އެ ޕޯސްޓުގައި ވަނީ މައެއްގެ ތުރާލުގެ ވާހަކައެވެ. އެންމެ ބޮޑަށް އެހީ ބޭނުންވި ދުވަހު ސިޔާސީ ބޭނުމެއްގައި ރަށުން "ފައްސާލި" ފިރިމީހާ، ކައިރީގައި ނެތުމުގެ ވޭނާއި ހިތްދަތިކަމުގެ ވާހަކައެވެ. ސަރުކާރުގެ މި އަމަލު ޝިފާނާޒް ސިފަކުރަނީ އަނިޔާވެރި އަމަލެއްގެ ގޮތުގައެވެ.

މުޖުތަމުޢުގައި ބާރުވެރިކަމާއި ޕާޓީތަކުގެ ވާދަވެރިކަމުގައި ހުރަސް އެޅެނީ ޅަދަރިން މުސްތަގުބަލަށް ނޫންތޯ ސުވާލު ކުރަން މީސްމީޑިއާ އަށް އޭނާ އަންނަން ޖެހުމުން އޭނާ އަށް ގޮތް ހުސްވެފައިވާ މިންވަރު އިހުސާސްކޮށްލެވެއެވެ. ސިޔާސީ ނުފޫޒާއި ހުރެ އެ ދަރިން އާއިލާގެ ލޯބިން މަހުރޫމު ކުރުވުމަކީ އަނިޔާވެރިން މަޤާމަށް ކުފޫ ހަމަނުވާކަމުގެ ނިޝާނެއް ކަމަށް، އަސަރާއި އެކު އޭނާ ހިއްްސާކުރި ޕޯސްޓްގައިވެއެވެ.

ކޮންމެ ފޯރަމްތަކުގައި އަޑަށް ބާރުލައި އަނިޔާވެރިކަމަކީ މާތް الله ޒާތުފުޅުގައި ވެސް ހަރާމްކަމެކޭ ބުނެވޭ އިރު، އެފަދަ ބާރުވެރިކަމެއް ލިބޭއިރު ކޮންމެ ބަޔަކު ކުރަނީ އަނިޔާއެވެ. މާތް الله މިފަދަ ކޮންމެ ނުބައި ރޭވުންތަކާއި އަނިޔާއިން މިކުޑަ މުޖުތަމައު ސަލާމަތް ކުރައްވާ، އަނިޔާވެރިންގެ އަމަލުތަކުގައި ސިއްކަ ޖައްސަވާށި!! އާމީން

ޝިފާނާޒްގެ ޕޯސްޓުން ބައެއް

އެ ޕޯސްޓް އިސާހިތަކު މުޅި މީސްމީޑިއާ އަށް ފެތުރިގެން ދިޔައެވެ. އެންމެ 5 ގަޑި އިރު ތެރޭގައި 140 އަށް ވުރެ ގިނަ ޝެއަރ މި ޕޯސްޓަށް ލިބުމުން ވަޒީފާގެ ބިރުވެެރިކަމާއި، އެކަމުގެ ސަބަބުން އާއްމުންނަށް ކުރާ އަސަރުގެ ބޮޑުކަން ހާމަވެއެވެ. އެ ޕޯސްޓަށް ކޮށްފައި ހުރި ކޮމެންޓްތަކުގައި ދައްކަނީ ހައްތަހާ ވެސް ވަޒީފާގެ ބިރުވެރިކަން އޮތް މިންވަރުގެ ވާހަކައެވެ.

ޝިފާނާޒްގެ ޕޯސްޓު، ލިޔަން ޖެހުނު ސަބަބަށް ދެން ޖެހިލާނަމެވެ.

ވެރިކަން ފެށުނީއްސުރެ ކުރީ ޖެއްސުން، މަޤާމު ދަށް ނުކުރި އަސް ބާރު ކަނޑުވާލި!

މުހައްމަދު އަޝްފާމް އަކީ މި ސަރުކާރު ވެރިކަމަށް އައި އިރު ވެސް ހޯރަފުށީ އެއާޕޯޓުގެ އެންމެ އިސް މަގާމުގައި ހުރި ފަރާތެވެ. އެހެން ނަމަވެސް މަޖިލީސް އިންތިޚާބުގެ ވެސް ކުރިން އޭނާގެ މައްޗަށް ބަސްކިޔާނެ އިތުރު މީހަކު ލާ އޭނާގެ ބާރު އެ ތަނުން ކަނޑުވާލަން މަސައްކަތް ކޮށްފައިވާކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ.

އެގޮތުން ސަރުކާރު ބަދަލުވުމާއެކު ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، އާރްއޭސީއެލްގެ އުސޫލާއި ޚިލާފަށް އަޝްފާމްގެ ޒިންމާތަކާއި އޭނާ އާއި ދުރުކޮށްފައިވެއެވެ. އަދި މަސްޢޫލިއްޔަތުތަކުން އެއްކޮށް އެކަހެރިކޮށް ތަފާތު އެކި ގޮތްގޮތުން އޭނާ އަށް ފިއްތުންތައް ކުރިމަތިކުރުވިކަން ރާއްޖެއެމްވީ އަށް ވަނީ އެނގިފައެވެ. އިށީންނާނެ ގޮނޑިމޭޒު ނެތި ތަނުގައި "ބޭކާރު" މީހަކަށް ހަދާލި އެވެ. އެއްވެސް ކުށެއް ކޮށްގެންނެއް ނޫނެވެ.

މި މައްސަލައިގައި އާރްއޭސީއެލްގެ އުސޫލުތަކާއި ޚިލާފަށް ހޯރަފުށީ އެއާޕޯޓް ހިންގާތީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހޯރަފުށީ ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު ސަލީމް ވަނީ، އެކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސިޓީ އެއް ވެސް ހުށަހަޅާފައިވެއެވެ. އެހެން ނަމަވެސް މަޖިލީހުގެ އެ ދައުރު ނިމިގެން ދިޔަ އިރު ޝަކުވާގެ އެސިޓީ އަށް ސަރުކާރުން ޖަވާބެއް ދީފައެއް ނުވެއެވެ.

ވަޒީފާ ބަދަލުކުރާކަން އެންގީ ފޯނުކޯލަކުން: އަންހެނުން އިނީ ބަލިވެކަން ކުންފުންޏަށް އެނގޭ!

މިކަން ހިނގާދިޔަ ގޮތުގެ މައުލޫމާތު އެނގޭ ހޯރަފުށީގެ ޒިންމާދާރު މަގާމެއް ގައި ހުރި މީހަކު މި ނޫހަށް ކިޔާދިން ގޮތުގައި އަޝްފާމް ހޯރަފުށީ އެއާޕޯޓުން ބަދަލު ކުރާކަން އޭނާ އަށް އަންގާފައި ވަނީ ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެކަން އޭނާ އަށް އަންގާފައި ވަނީ ފޯނު ކޯލަކުންނެވެ. ވަޒީފާ އެހެން ރަށަކަށް ބަދަލުކުރަން ބުނުމުން، އޭނާގެ އަނބި މީހާ ހުރީ ވިހަން ކައިރިވެފައި ކަމަށާއި އެ ހާލަތުގައި ހޯރަފުށީ އެއާޕޯޓުން އެހެން ތަނަކަށް ބަދަލުކުރުމަކީ ބޮޑު ތަކުލީފަކަށް ވާނެކަން އަޝްފާމް ވަނީ އާރްއޭސީއެލް އާއި ހިއްސާކޮށްފައެވެ. ނަމަވެސް "އެހެން ގޮތެއް ނޯންނާނެ" ކަމަށް ބުނެ، އެ ވާހަކަތަކަށް އެއްވެސް ބެލުމެއް ނެތި އޭގެ ދެތިން ދުވަސް ފަހުން އޭނާ މ.މުއްޔަށް ބަދަލު ކުރާކަން ލިޔުމުން އަންގާ، އޭނާ އަށް ޓިކެޓް ވަނީ ފޮނުވާފައެވެ.

ރާއްޖެއެމްވީ އިން ވަނީ އަޝްފާމް އާއި އޭނާގެ އަނބިމީހާ އަށް ގުޅުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ އެ ދެމީހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެންކަމުން އަޝްފާމް ހޯރަފުށީ އެއަރޕޯޓުން ބަދަލުކުރާ ސަބަބު އެ ދެ މީހުންގެ ފަރާތުން ސާފުވާ ގޮތެއް ނުވެއެވެ.އެހެން ނަމެވެސް އެ ރަށު މީހަކު ރާއްޖެއެމްވީ އަށް ކިޔާދިން ގޮތުގައި އަޝްފާމް އަށް އެކި ފަހަރު މަތިން ޕީއެންސީ އަށް ވަނުމަށް ހުށަހަޅާފައިވެއެވެ. ޕީއެންސީ އަށް ފޯމު ފުރާލާ މެމްބަރާ ބައްދަލުކޮށް ވާހަކަ ދައްކާލުމުން ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ ކަމަށް ޕީއެންސީގެ ބައެއް އިސް ހަރަކާތްތެރިން އަޝްފާމް ގާތުގައި ވަނީ ބުނެފައެވެ.

ވަޒީފާ ބަދަލުކުރީ ވެސް އަންނަ ކައުންސިލް އިންތިހާބުގައި ޕީއެންސީ ޓިކެޓްގައި ވާދަކުރުމަށް އެދުމުން އެކަމަށް ފުރަގަސް ދިނުމުން އޭނާ އަށް ފިއްތުންތައް ކުރިމަތިކުރުވުމަށް ކަމަށް ވެސް ތުހުމަތު ކުރެވެއެވެ. އަދި އެމްޑީޕީގެ ފަރާތުން އިންތިޚާބަށް ކުރިމަތިލާން ކެމްޕޭން ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އަޝްފާމް އަކީ ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމާއި މެދު ފާޅުގައި އަޑު އުފުލާ، މީސްމީޑިއާގައި ވެސް އެ ކަމާއި މެދު އަޑު އުފުލާ މީހެއް ކަމަށް މި ނޫހާއި ވާހަކަ ދެއްކި މީހާ ވަނީ ފާހަގަކޮށްފައެވެ.

މެމްބަރާއި ބައްދަލު ކުރި: ދިނީ މަލާމާތުގެ ޖަވާބެއް!

އަޝްފާމްގެ ގާތް މީހަކު މި ނޫހަށް ކިޔައިދިން ގޮތުގައި، ކުއްލިއަކަށް އެހެން ރަށަކަށް ވަޒީފާ ބަދަލުކުރުމަށް ނިންމުމުން، ގޮތް ހުސްވެ އަޝްފާމްގެ ގާތް މީހަކު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ އާއި ވެސް ބައްދަލުކޮށްފައެވެ. ނަމަވެސް އޭނާގެ ފަރާތުން އަޝްފާމަށް ލިބުނީ ވަރަށް މާޔޫސް ކުރުވަނިވި ޖަވާބުތަކެކެވެ.

އެ ގޮތުން މިހާ ދުވަހު ވެސް ސަރުކާރުން ވަޒީފާ ގައި ބަހައްޓާފައި ހުރީ ސަރުކާރުގެ ރަނގަޅުކަން ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވަނީ މި މައްސަލައިގައި ވާހަކަދައްކަވާފައެވެ.

"ބައެއް މީހުންގެ ކައިރީގައި އަލީ މޫސާ އެބަހުރި އަޝްފާމް ފޮނުވާލީ ސީދާ އޭނާގެ ނުފޫޒުން ކުރި ކަމެއް ކަމަށް ދޭހަވާ ގޮތައް ވެސް ވާހަކަ ދައްކާފައި،" ރަށުން ވާހަކަ ދެއްކި ފަރާތަކުން ބުންޏެވެ.

އަލީ މޫސާގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.

މެމްބަރު ވިދާޅުވީ ދެ އަހަރު ވަންދެން ބޮޑު މުސާރަ ދީފަ ހުރީތާ އޭ. ސަރުކާރާއި ދެކޮޅަށް މީޓިން ތަކުގައި ބަސްބުނާ ވާހަކަ ވެސް ބުނި. ދެން ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔާކަމަށް ބުނި. އެމްޕީ އާއި ބައްދަލުކޮށްފަ، ވާހަކަ އެއް ނުދައްކައޭ ވެސް ބުނި. އެމްޕީ ބޭނުންވީ ހުރިހާ ކަމެއްގައި އެމްޕީގެ އަރިހަށް ދާން. ދެން ވިދާޅުވި ތިމަންނާ އަށް ވޯޓު ދޭން ތިބި މީހުން ނުރުހޭ ކަމަށް އެކަމާއި. ވޯޓު ހޯދަން ދާން ޖެހެނީ އެމީހުން ކައިރި އަށް ކަމަށް ވެސް ބުނި.

އަޝްފާމްގެ ގާތް މީހެއް
އަޝްފާމް މާލެ އިން މުއްޔަށް ކަނޑުމަގުން ފޮނުވާލަނީ

އަޝްފާމް މަޤާމުން ބަދަލުކުރުމުގައި މެމްބަރުގެ ނުފޫޒު ބޮޑު ކަމަށް މީސްމީޑިއާގައި ކޮމެންޓް ކުރި ހޯރަފުށީގެ ރައްޔިތުން ވެސް ވަނީ ފާހަގަކޮށްފައެވެ. ފަހަކަށް އައިސް ސަރުކާރުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާ އިން ކަނޑާލުމުގެ ކަންކަން އާންމު ވަމުންދާ ކަމަށް ބުނެ ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. ހޯރަފުށިން އެކަނި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާ އިން ވަކި ކުރި ވާހަކަ ދާދި ފަހުން ނޫސްތަކުގެ ސުރުޚީތަކުން ވަނީ ފެނިފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ސަރުކާރުގެ ވަޒީފާ ގައި ތިބި މުވައްޒަފުން ސަސްޕެންޑް ކުރުމާއި، ފިޔަވަޅު އެޅުމާއި، ވަކި ކުރުމާއި އެހެން ރަށްރަށަށް ވަޒީފާ ބަދަލު ކުރުން މިއަދު ވަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިވޭ ވާހަކަތަކަށް ވެފައެވެ.

- ކޮމެންޓް