އިންޑިއާގެ ސުޕަރ ސްޓާރު ރަޖްނީކާންތު، ފިލްމީ ދުނިޔޭގައި 50 އަހަރު ހޭދަކުރި ވާހަކަ އަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި ދިގު މުއްދަތަކަށް ދެމިހުރި ވާހަކައެއް ނޫނެވެ - އެއީ މެދުނުކެނޑި ދެމިގެންދާ "ރަސްކަމެކެވެ". ތަމަޅަ ފިލްމް އިންޑަސްޓްރީ ގައި އޭނާގެ އެތައް މިލިއަން ސަޕޯޓަރުން ދެކޭ ގޮތުގައި ފަނޑުވުމެއް ނެތް އަލިގަދަ ތަރިއެކެވެ.
1975 ގައި، ޝިވާޖީ ރާއޯ ގައެކްވަދް ނަމަކަށް ކިޔާ ޒުވާނާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔެ އަށް ރަޖްނީކާންތްގެ ނަމުން މަޝްހޫރުވި އެވެ. އޭނާ ފިލްމީ ދުނިޔެއަށް ތައާރުފް ވީ - މަދްރާސް (މިހާރުގެ ޗެންނާއީ) ގެ ފިލްމު ސެޓަކުން "އަޕޫރުވަ ރާގަންގަލް" ފިލްމުގައި، ކުރު ނަމަވެސް ހަނދާންނައްތާ ނުލެވޭ ރޯލެއް އަދާ ކުރި ހިސާބުންނެވެ.
ގާތްގަނޑަކަށް ފިލްމީ ދާއިރާގައި ފަންސާސް އަހަރު ހޭދަކުރި އިރު ރަޖްނީކާންތު ވަނީ 170 ފިލްމު ކުޅެފައެވެ. ރަޖްނީކާންތު ގެ އެންމެ ފަހުގެ ފިލްމު، "ކޫލީ"، 14 އޯގަސްޓު 2023 ގައި ރިލީޒް ކުރެވުނު އިރު، މި ފިލްމުން އޭނާގެ ހަޔާތުގެ ދަތުރު ތަމްސީލު ކޮށްދީފައިވެއެވެ.
އުމުރުން 74 އަހަރުގެ މި ސުޕަރ ސްޓާރަކީ ޚާއްޞަ ޝަޚްޞިއްޔަތެކެވެ - އޭނާއަށް ޓަކައި ގުރުބާންވާ އެތައް ހާސް ސަޕޯޓަރުން އެބަތިއްބެވެ. ފިލްމު ޕްރޮމޯޝަންތަކުގައި އޭނާގެ ޕޯސްޓަރުތައް މަތިންދާބޯޓުގައި ބެހެއްޓިފައި ހުރެއެވެ. ހަމަ އެކަނި އޭނާގެ އުފަން ގައުމަކު ނޫނެވެ. ދުރުން ގޮސް ޖަޕާނުގައި ވެސް އެ ޤައުމުގެ ތަރިންނަށް ލިބޭ ލޯތްބާއި އެއްފަދަ ލޯތްބެއް އޭނާއަށް ލިބެއެވެ.
ރަޖްނީކާންތު ގެ ވާހަކައަކީ ބޭރުން އައި މީހަކު އިންޑިއާ ސިނަމާގެ އެންމެ މަގުބޫލު މީހަކަށް ވުމުގެ ވާހަކައެވެ - ވަރަށް އާދައިގެ އާއިލާ އަކުން އައި އާދައިގެ މީހަކު އެންމެ މަގޫބުލު ބަޠަލެއްގެ ގޮތުގައި ފައިހިތްޕާލި ވާހަކަ އެވެ. އޭނާގެ ކާމިޔާބު އެކި ބަސްބަހުން ވާހަކަ ދައްކާ މީހުންނާއި، އެކި ކަންކޮޅުތަކުގައި އުޅޭ މީހުން ފާހަގަ ކުރެއެވެ. އޭނާގެ ހަޔާތަކީ އާދަޔާ ޚިލާފު ނިކަމެތިކަމުން މުއްސަނދިކަމަށް ކުރި ދަތުރެއްގެ ވާހަކަ އެވެ. އެއީ ފަގީރު ކަމުން ފެށި ދަތުރު އެއްވެސް މީހަކާ އަޅާނުކިޔޭ ވަރުގެ ސުޕަރ ސްޓާރަކަށް ވާސިލުވުމުގެ ވާހަކައެވެ. އޭނާ އަށް އިންޑިއާގެ އެންމެ މަތީ ފިލްމީ އިނާމު ކަމުގައިވާ ދާދާސާހަބް ފާލްކޭ އެވޯޑާއި، އިންޑިއާގެ ދެވަނައަށް އެންމެ މަތީ ސިވިލް އިނާމު ކަމުގައިވާ ޕަދްމަ ވިބްހޫޝަން ލިބިފައިވެއެވެ.
ރަޖްނީކާންތުގެ ފޭނުންގެ އަދަދު މިލިއަނުން ގުނާލެވޭ އިރު، އޭނާ އަށް ޚާއްސަ ކޮށް ހިންގާ 50،000 އަށްވުރެ ގިނަ ފޭން ކްލަބްތައް އެބަހުއްޓެވެ.
އެމީހުންނަށް، އޭނާއަކީ ދެވަނަ އެއް ނެތް ފަދަ މީހެކެވެ. އެމީހުން ބުނަނީ އޭނާގެ ކިބައިގައި އިހްތިރާމް އާއި ލޯބި ދެވޭ ފަދަ ބާރެއް ހުންނަ ކަމުގައެވެ.
2015 ވަނަ އަހަރު ރިންކު ކަލްސީ އަދި ޖޯޔޯޖީތް ޕާލް އުފައްދާފައިވާ "ފޯ ދަ ލަވް އޮފް އަ މޭން" ނަމަކަށް ކިޔާ ޑޮކިއުމެންޓަރީ އެއް ގައި މި ސުޕަރ ސްޓާރަށް މީހުންގެ ހިތުގައި އޮންނަ ލޯބީގެ ފުންމިން ދައްކުވައިދެއެވެ - އޭނާ ގެ ފޭނުން އޭނާ އަށް ޓަކައި ގެދޮރު ރަހުނުކޮށް، އާއިލާގެ ރަން ވިއްކައި، އަދި އޭނާގެ ފިލްމު ރިލީޒްވުން އެއީ ދިރިއުޅުމުގައި އެއްފަހަރު އަންނަ އީދެއްގެ ގޮތުގައި ފާހަގަކުރާ މިންވަރު އެ ޑޮކިއުމެންޓަރީ ގައި ދައްކުވައިދެއެވެ.
ޗެންނާއީ ގައި ހުންނަ އޭނާގެ ގެއަކީ އެތައް ހާސް ފޭނުން ކުޑަ ސިކުންތުކޮޅަކަށް ނަމަވެސް އޭނާ ދުށުމަށާއި، އޭނާގެ ހެޔޮ އެދުން ލިބިގަތުމުގެ އުއްމީދުގައި، ނުވަތަ އަލަށް އުފަންވާ ކުއްޖަކަށް ނަން ދިނުމަށް ޒިޔާރަތްކުރާ މަޤާމަކަށް ވެފައިވެއެވެ. 2016 ވަނަ އަހަރު، އޭނާގެ ފިލްމު "ކަބާލީ" ގެ ރިލީޒާ ގުޅިގެން އެއަރ އޭޝިއާ އެއަރލައިންއިން އޭނާގެ ތަސްވީރު ކުރަހާފައިވާ މަތިންދާބޯޓެއް ތަޢާރަފުކުރިއެވެ.
މި އަހަރު، މި ފާހަގަކުރުންތައް ވަނީ އަދި މާ މަތީ ދަރަޖައަކަށް ގޮސްފައެވެ: މަދުރާއީ ސަރަޙައްދުގައި، އޭނާގެ ފޭނެއް ވަނީ 5،500 އަށްވުރެ ގިނަ ޕޯސްޓަރާއި ފޮޓޯއިން ޒީނަތްތެރިކޮށްފައިވާ މަންދިރެއް އިމާރާތްކޮށްފައެވެ.
ރަޖްނީކާންތުގެ މައިންބަފައިންނަށް ލިބުނު ހަތަރު ދަރިންގެ ތެރެއިން އެކަކު ކަމުގައިވާ ރަޖްނީކާންތު ބޮޑުވީ ނިކަމެތިކަމުގައެވެ. އޭނާގެ ބައްޕައަކީ ފުލުހުންގެ ކޮންސްޓަބަލެކެވެ.
"އަހަރެން ކޮލެޖުން ވަކިވުމުން، އަހަރެންގެ ބައްޕަ އަހަރެން ފޮނުވީ ކޫލީއެއް (ޕޯރޓަރު) ގެ ގޮތުގައި މަސައްކަތްކުރަން،" އޭނާ ކިޔައިދިނެވެ. ފަހުން އާއިލާގެ މެންބަރަކު އޭނާއަށް ބަސް ކޮންޑަކްޓަރެއްގެ ވަޒީފާ ހޯދައިދިނެވެ.
މިހެން އުޅުމުގެ ތެރޭގައި އޭނާގެ ކިބައިގައި އެކްޓް ކުރުމަށް އޮތް ޝައުޤުވެރިކަން ފާހަގަކޮށް، އޭނާގެ ރައްޓެއްސަކު، ފައިސާ އެއްކޮށް އޭނާ މަދްރާސް ފިލްމު އިންސްޓިޓިއުޓުގެ، ސަރުކާރުން ހިންގާ ފިލްމު ސްކޫލަކަށް ފޮނުވިއެވެ. އިންސްޓިޓިއުޓުގައި ހުއްޓައި، ތަމަޅަ ފިލްމު އުފައްދާ ކޭ. ބާލަޗަންދަރު އަށް އޭނާގެ ހުނަރު ފާހަގަ ކުރެވި، 1975 ގައި ފުރަތަމަ ފަހަރަށް ފިލްމަކުން ރޯލެއް ދިނެވެ.
ރަޖްނީކާންތު ގެ ފިލްމީ ކެރިއަރުގައި އޭނާ ވަނީ ތަފާތު ގިނަ ރޯލު ތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި ނުބައި މީހުންގެ ރޯލާއި، ރޮމޭންޓިކް ހީރޯއިންގެ ރޯލާއި، އަދި އެކްޝަން ހީރޯ ގެ ރޯލު ހިމެނެއެވެ. އޭނާގެ ޚާއްޞަ ސްޓައިލާއި، ޑައިލޮގް ކިޔާގޮތާއި، އަދި ސްކްރީނުގައި އޭނާގެ އެކްޓް ކުރާ ގޮތް ވެފައި ވަނީ އެހެން އެއްވެސް ތަރިއަކަށް ނުދެއްކޭނެ ފަދަ މޮޅު ހުނަރުގެ ގޮތުގައެވެ.
އޭނާގެ މަަޝްހޫރުކަން ހަމައެކަނި ތަމިލްނާޑޫ އަށް ނުވަތަ އިންޑިއާގެ ދެކުނުގެ ސަރަހައްދުން ނުނިމެއެވެ. އޭނާގެ ފިލްމުތައް އިންޑިއާގެ އެހެން ބަސްތަކަށް ތަރުޖަމާ ކުރެވި، ބޭރު ޤައުމުތަކުގައި ވެސް ދައްކައެވެ. ޖަޕާނުގައި އޭނާއަށް ލިބިފައިވާ މަޤްބޫލުކަމަކީ ޚާއްޞަ ކަމެކެވެ. އެތާނގައި އޭނާގެ ފިލްމުތަކަށް ބޮޑު ކާމިޔާބެއް ލިބި، ގިނަ އަދަދެއްގެ ފޭނުން ހޯދާފައިވެއެވެ.
ރަޖްނީކާންތު ގެ އަމިއްލަ ދިރިއުޅުމުގައި، އޭނާ ވަނީ ލަތާ ރަންގަނާތަން އާ 1981 ގައި ކައިވެނިކޮށްފައެވެ. އޭނާގެ ދެ އަންހެން ދަރިން، އައިޝްވަރިޔާ އަދި ސައުންދަރިޔާ، ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރެއެވެ. އޭނާ ވަނީ ސިޔާސީ މައިދާނަށް ވެސް ނުކުމެފައެވެ. ނަމަވެސް ފަހުން އޭނާ ނިންމީ ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށެވެ.
ރަޖްނީކާންތު ގެ ދިގު އަދި ކާމިޔާބު ކެރިއަރަކީ އިންޑިއާގެ ފިލްމީ ތާރީޚުގައި ވަރަށް މުހިންމު ބާބެކެވެ. އޭނާގެ ތަފާތު ރޯލު ތަކާއި، ދެމިހުރި މަޤްބޫލުކަމާއި، އަދި ފޭނުން ގެ މެދުގައި އޭނާއަށް ލިބިފައިވާ ލޯތްބަކީ އޭނާގެ ދާއިރާގައި ހޯދާފައިވާ މަތިވެރި މަޤާމުގެ ހެއްކެކެވެ. ފަންސާސް އަހަރުގެ ފިލްމީ ދަތުރަށްފަހު ވެސް، ރަޖްނީކާންތު ގެ ތަރި އަދިވެސް އެހާމެ އުޖާލާކޮށް ދިއްލިފައިވެއެވެ.