Advertisement
ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 15:20
ކިހާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ - 13 އޮގަސްޓް 2025
ކިހާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ - 13 އޮގަސްޓް 2025
ރައީސް އޮފީސް
ބ. ކިހާދޫ
ކިހާދޫ ނަރުދަމާ ނިޒާމު ގެ މަސައްކަތް ހުއްޓި، ލަސްވެފައި އޮތް މައްސަލަ ކައުންސިލުން ރައީސް އަށް ދަންނަވައިފި، ރައީސް ވިދާޅުވީ ބައްލަވާނެ ކަމަށް
ފެރީ ނިޒާމާ ގުޅޭ މައްސަލަތައް ބައްދަލުވުމުގައި މަޝްވަރާކުރެވުނު
ކިހާދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމާއި އިންޖީނުގެ ބަދަލުކުރުމުގެ މައްސަލަ ފާހަގަކޮށްފި
ސްކޫލްގެ ޖާގައިގެ ދަތިކަމާއި ސައިންސް ލެބްގެ ބޭނުން ހުރިކަން ފާހަގަކޮށްފި

ބ. ކިހާދޫ ގެ ނަރުދަމާ ނިޒާމު ގެ މަސައްކަތް ހުއްޓިފައި އޮތް މައްސަލަ އެރަށު ކައުންސިލުން ރައީސް އަށް ދަންނަވައިފި އެވެ.

މި މައްސަލަ ފާހަގަ ކުރީ ރައީސް މުޙައްމަދު މުޢިއްޒު ކިހާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު ބޭއްވެވި ބައްދަލު ވުމުގައެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ބުދަ ދުވަހު ކިހާދޫ ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓި ލަސްވަމުންދިއުމުގެ އިތުރުން، ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށާއި ރަށު އިންޖީނުގެ، މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ބަދަލުކުރުމާއި ރަށު ސްކޫލްގެ ޖާގައިގެ ދަތިކަން ހިމެނެއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި މެންބަރުން ވަނީ، ރަށު ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތުމާއި ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ނިޒާމުގެ ރޫޓު ކިހާދުއަށް ފަހިގޮތަކަށް ބަދަލުކުރުމާއި، ކިހާދޫ ސްކޫލަށް ސައިންސް ލެބެއްގެ ބޭނުންޖެހިފައިވާކަމާއި ޞިއްޙީ މަރުކަޒަށް އެންމިބިއުލަންސެއް ފޯރުކޮށްދިނުމާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

- ކޮމެންޓް