ބ. އަތޮޅު ކުޑަރިކިލުގައި އަލަށް ޤާއިމް ކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައި ދެއްވައިފިއެވެ.
ގައުމެއްގެ ރައީސް އަކު ވައިގެ މަގުންނާއި ކަނޑުގެ މަގުން ދިގު ދަތުރުފުޅެއް ކުރައްވާ ވަޑައިގެން މި ފަދަ ކަމެއް ކުރައްވަނިކޮށް މަދުން ނޫނީ ދުނިޔޭން ނުފެންނާނެ ކަމަށް ފާޑު ކިޔާމީހުން ބުނެފައިވެއެވެ.
ސޯޝަލް މީޑިއާ ގައި މި ޚަބަރަށް ފާޑު ކީ ފަރާތަކުން ބުނެފައިވަނީ މިއީ "ސަރުކާރުން ހިންގާ މެގަ ޕްރޮޖެޓެއް" ކަމުގައެވެ.
ރާއްޖޭގެ ރަށްރަށުގައި އޭޓީއްމެ ބަހައްޓަން ފެށިތާ އެތައް ޒަމާނެއް ވެފައިވާއިރު، އަދި މި ސަރުކާރު އައި އިރުވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި އޭޓީއެމް ގެ ޚިދުމަތް އަންނަނީ ދެމުންނެވެ.
ރައީސުލް ޖުމްހޫރިއްޔާ ފެންވަރުގައި ރާއްޖޭ ގައި އޭޓީއެމް ހުޅުއްވައި ދެއްވަން މި ފަހަުގެ ތާރީޚުގައި ރަށްރަށަށް ބޮޑު ޚަރަދު ކުރައްވައިގެން ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރުގެ ވެރިން އަރިހުގައި ގެންދަވައިގެން ގައުމުގެ އެންމެ އިސް ވެރިޔަކު މި ކަން ކުރެއްވި ކަމެއް ފެންނާކަށް ނެތެވެ.
އަނެއްކޮޅުން މިހާތަނަށް އޭޓީއެމް މެޝިން ބެހެއްޓުމާއި، ބޭންކުގެ ޚިދުމަތްތައް ރަށްރަށުގައި ފަށާފައިވަނީ ސިޔާސީ އިސް ފަރާތްތައް އެކަންކަމުގައި ޝާމިލު ނުކޮށްކަން ބޭންކުން ހިންގާ ހަރަކާތެއްގެ ގޮތުގައި ކަން ފާހަގަ ކުރެވެއެެވެ. އެހެން ނަމަވެސް މުއިއްޒުގެ ވެރިކަމާ އެކު ބީއެމްއެލްގެ މި ސިޔާސަތު ބަދަލުވެ، ބައެއް ރަށްރަށަށް ސިޔާސީ މީހުން ގެންގޮސްގެން އޭޓީއެމް މަޝްރޫއު ފެށުމާ ނިންމުން ވަނީ އާންމު ކަމަކަށް ވެފައެވެ.
"މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް" ނަމުގައި ޕްރޮގްރާމް އެއް ފެށީ ރައީސް އޮފީހުގައި ބޭއްވި ޚާއްސަ އިވެންޓެއްގައި 07 ނޮވެމްބަރު 2024 ގައެވެ.
މި ޙަފްލާގައި ޤައުމީ ފެންވަރުގެ މަޝްރޫޢެއް ތަންފީޒު ކުރުމަށްޓަކައި ބޭންކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު އެމްއޯޔޫއެއްގައި ސޮއިކުރިއެވެ. މި މަޝްރޫޢުގެ ފެށުމުގެ ގޮތުން އއ. ހަންޏާމީދޫ އަދި އޮމަދޫގައި ދެ އޭޓީއެމް އަލަށް ހުޅުވިއިރު، ބީއެމްއެލް އިން ބުނީ. "އޮމަދޫގައި އަޅުގަނޑުމެންގެ އޭޓީއެމް ހުޅުވުމަކީ ބޭންކަށް ވަރަށް މުހިންމު ކާމިޔާބީއެކެވެ. އެއީ އަޅުގަނޑުމެންގެ ނެޓްވޯކުގެ 150 ވަނަ އޭޓީއެމް ކަމަށްވާތީއެވެ."
ސަރުކާރުން ބުނަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށެވެ. އެހެން ނަމަވެސް ރައީސް ގެ ވައުދު އައި އިރުވެސް ގިނަ ރަށްރަށުގައި އޭޓީއެމް މެޝިން ހުރީ ބަހައްޓާފައެވެ. އަދި މިހާރު އޮންލައިން ބޭންކިންގެ ޚިދުމަތް ފަސޭހަ ކަމާ އެކު ލިބެމުންދާ އިރު މިހާރު އޭޓީއެމް އަަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ވަނީ ކުޑަވެފައެވެ.
ރައީސް މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުޑަރިކިލަށް ވަޑައިގެން އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް މުއިއްޒު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި ބީއެމްއެލް ގެ 39 ބްރާންޗ އާއި 121 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އާއި 179 އޭޓީއެމް އާއި އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތް ބީއެމްއެލް އިން ގެންދަނީ ދެމުންނެވެ.
އޭޓީއެމް މެޝިން ބެހެއްޓުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ޖެހޭ ކަމެއް ނޫނެވެ.