އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ބިލްޑިންގ ހުޅުވި ރަސްމިއްޔާތުގައި ސަރުކާރުން ހަވާ އެރުވީ ވޯލްޑް ރެކޯޑް ހެދުމަށް ކަން ހާމަ ވެއްޖެއެވެ.
މުއިއްޒުގެ ސަރުކަރުން މި ހެދި ރެކޯޑަކީ އެންމެ ގިނަ ލޮކޭޝަން ތަކުގައި އެއް ވަގުތެއްގައި ހަވާ އެރުވުމުގެ ރެކޯޑެވެ.
ގިނީސް ވޯލްޑް ރެކޯޑްސް އިން ވަނީ މި ރެކޯޑް ރާއްޖެ އިން ހެދި ކަން އާދިއްތަ ދުވަހު އިއުލާނު ކޮށް މި ރެކޯޑްގެ ޓައިޓްލް މޯލްޑިވްސް އެއަރޕޯޓްސް ކުންފުންޏަށް ހަވާލު ކޮށްފައެވެ.
ގިނީސް ވޯލްޑް ރެކޯޑްސް އިން ބުނީ މިއީ ދުނިޔޭގެ އެއްވެސް ތާކު އަދި އެއްވެސް ބަޔަކު ރެކޯޑެއް ހަދަން މަސައްކަތް ކޮށްފައިވާ ކަމެއް ނޫން ކަމުގައެވެ.
އެހެން ކަމުން ރެކޯޑް ހެދުމަށް އެންމެ މަދުވެގެން 5 ތަނެއްގައި އެއް ވަގުތެއްގައި ހަވާ އަރުވަން ޖެހޭ ގޮތައް މިންގަނޑު ކަނޑައެޅި އެވެ.
ރެކޯޑް ގެ ކަންކަން ބެލެހެއްޓުމަށް ގިނީސް ވޯލްޑް ރެކޯޑްސް އައި އޮފިޝަލަށް، ފަނޑިޔާރުކަން ކުރުމުގައި 32 ފަރާތަކުން އެހީތެރިވެ ދިން ކަމަށް އޭނާ ބުންޏެވެ.
ރެކޯޑު ގައި ބެލި މިންގަނޑު ތައް ކަމަށް އޭނާ ބުނީ ހުރިހާ ތަނެއްގައި އެއް ވަގުތެއް ގައި ފެށުމާއި، ނިންމުމާއި، ހުރިހާ ތަނެއްގައި ވެސް އެއް ގޮތަކަށް ހަވާ އެރުވުމާއި، އަދި މަދުވެގެން 5 މިނެޓް ވަންދެން ހަވާ އެރުވުން ކުރިއަށް ގެންދިއުމެވެ.
ގިނީސް ވޯލްޑް ރެކޯޑްސް ގެ އޮފިޝަލު ބުނީ އެމްއޭސީއެލް އިން އެއް ފަހަރާ 9 ތަނެއް ގައި ހޮނިހިރު ދުވަހުގެ ރޭ ހަވާ އެރުވުމާއެކު ރެކޯޑް ހެދި ކަމަށް ކަނޑައެޅީ ކަމުގައެވެ.
އެހެން ނަމަވެސް އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައި، ޖުމްލަ 19 ސަރަހައްދެއް ގައި ޖުލައި 26 ވަނަ ދުވަހުގެރޭ 6 މިނެޓް ވާންދެން ހަވާއަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ކުރިން ބުނެފައި ވެއެވެ.
ސަރުކާރުން ވަނީ މި އިވެންޓަށް ގިނީސް ވޯލްޑް ރެކޯޑްސް ގެ ފަނޑިޔާރަކު ކުރިއާލާ މި އިވެންޓަށް ރާއްޖެ ގެނެސްފައެވެ.
ގިނީސް ވޯލްޑް ރެކޯޑްސް އިން ދުނިޔޭގެ އެކި ފަރާތްތަކުން މުގުރާ ރެކޯޑްތައް އިއުލާނު ކުރުމުގެ މަސައްކަތް ކުރަމުންދާތާ މި އަހަރަށް 70 އަހަރު ފުރެއެވެ.