ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު މާލެ ވަޑައިގެން ރައީސް މުހައްމަދު މުއިއްޒު އެޅުއްވި އެންމެ ފުރަތަމަ އެއް ފިޔަވަޅެއްގެ ގޮތުން ހޯރަފުށީގައި ކުރިއަށް ދާ ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ހުއްޓާލުމަށް ނިންމައި، އެތަނުގައި ދާއިމީ ވަޒީފާ ތަކުގައި ތިބި މުވައްޒަފުންތައް ވަކިކޮށް ގެޔަށް ފޮނުވާލަން ފަށައިފިއެވެ.
"ހައްޖުގެ މަތިވެރި އަޅުކަމުން ވަޑައިގެން އަޅުގަނޑުމެންނަށް ދެއްވި ބޮޑު ހަދިޔާ އެއް މިއީ،" ބުދަ ދުވަހު ވަޒީފާ އިން ވަކި ކުރި މުވައްޒަފަކު މި ނޫހަށް ވާހަކަ ދައްކަމުން ބުންޏެވެ.
އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ މަޝްރޫއެއް ފަށައި، ސަރުކާރު ބަދަލުވި އިރު މަޝްރޫއުގެ 95 އިން ސައްތަ ވަނީ ނިމުމަކަށް އައިސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދާދި ފަހުން ފެނައިގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ހޯރަފުއްޓަށް ކުރެއްވި ދަތުރެއްގައި ބޮޓްލިން ޕްލާންޓުގެ މުވައްޒަފުންނާ ބައްދަލު ކުރައްވާ ޖޫން މަހުގެ ތެރޭގައި ޕްލާންޓް އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރާ ކުންފުނި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މެނޭޖިންގ ޑިރެކްޓަރ މިހެން ވިދާޅުވިއިރު ސަރުކާރު ބަދަލުވެގެން މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އިތުރު އެއްވެސް މަސައްކަތެއް މި ސަރުކާރުން ކޮށްފައެއް ނުވެއެވެ.
"އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމަށާއި، ތިމަންނާ އަކީ ސިޔާސީ މީހެއް ނޫން ކަމަށް އެމްޑީ ވިދާޅުވި؛" ކަމަށް ވަޒީފާ އިން ވަކި ކުރި މުވައްޒަފަކު ބުންޏެވެ.
ހޯމަ ދުވަހު ފެނަކަ އިން ވަނީ ދާއިމީ 7 މުވައްޒަފުން ވަޒީފާ އިން ވަކި ކޮށް ޗިޓް ފޮނުވާފައެވެ.
"ހޯރަފުށީ ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް މި ކުންފުނިން ހުއްޓުމަކަށް ގެނައުމަށް ނިންމާފައިވާތީ، އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ނިމުކަމަށް ގެނައުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ،" ކަމަށް މުވައްޒަފުންނަށް ފޮނުވި ޗިޓުގައި ބުނެފައިވެއެވެ.
"މީގެ ތެރޭގައި މި ހިމެނެނީ މައިގަނޑު ގޮތެއްގައި އެމްޑީޕީ ފިކުރަށް ތާއީދު ކުރާ އާއިލާތަކަށް ނިސްބަތްވާ މުވައްޒަފުން." ކަމަށް ވެސް އޭނާ އިތުރަށް މިކަމާ ބެހޭ ގޮތުން މައުލޫމާތު ދެމުން ބުންޏެވެ.
ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ކުއްލިއަކަށް ހުއްޓާލާ ކަމަށް ބުނެ މުވައްޒަފުންނަށް ބުދަ ދުވަހު ޗިޓު ހަވާލު ކުރި އިރު، ނިމިދިޔަ މަޖިލިސް އިންތިޚާބަށް މުޅިން އަލަށް 11 މުވައްޒަފުން އެ ޕްލާންޓުގެ ވަޒީފާ އަށް ވަނީ ނަގާފައެވެ.
ހޯރަފުށީ ކައުންސިލުގެ 40 އިން ސައްތަ ހިއްސާ އޮންނަ ގޮތައް ފެށި ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ހުއްޓާލާ ކަމަށް ސަރުކާރުން ބުނި އިރު ކައުންސިލަށް ވެސް އެކަން އަންގާފައެއް ނުވެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލައްވާނެ ކަމަށާއި، ސިޔާސީ މަގާމެއް ގައި ހުރި މީހަކު ނޫނީ ވަޒީފާ އިން ވަކި ނުކުރައްވާނެ ކަމަށް ރައްޔިތުން ގާތު ވިދާޅުވެފައިވެއެވެ.
"ދެން އަޅުގަނޑު ޖުމްލަ ކޮށް ދަންނަވާފައި އޮންނާނެ، އެއްވެސް ނިޔަތެއްގައި މި ސަރުކާރުން އެއީ ސިޔާސީ ވިސްނުމެއްގައި ވިޔަސް އެއްވެސް ރައްޔިތަކަށް ދޭން ބުނި އެއްޗެއް އަތުލުމެއް ނޯންނާނެ ކަން، އެއީ ގޯތި ވިޔަސް ފްލެޓު ވިޔަސް، ސިޔާސީ ވަޒީފާތައް ފިޔަވާ އެހެން ހުރިހާ ވަޒީފާތައް ވިޔަސް ބޮޑު ކުރާނެ ކަމަށް ބުނި މުސާރަ އެއް ވިޔަސް ދޭނެ ކަމަށް ބުނި ލޯނެއް ކަމުގައި ވިޔަސް ފަށަން ބުނެފައި އޮތް މަޝްރޫއެއް ކަމަށް ވިޔަސް ފަށާފައި ހުއްޓާލާފައި ފަށަން ނޭގިފައި އޮތް މަޝްރޫއެއް ކަމަށް ވިޔަސް މިހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނަމޭ،" އާޓިފިޝަލް ބީޗުގައި އޮތް ކެމްޕޭން ޖަލްސާ އެއްގައި މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރަކީ ދޮގު ހެދުމާއި، މަކަރު ހެދުމާއި އޮޅުވާލުމުގެ ސަގާފަތެއް އޮތް ސަރުކާރެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރަމުން ދާއިރު، މިއީ ވެސް އެމޭރުމުން ހިނގި ދަށު ދަރަޖައިގެ ކަމެއް ކަމަށް ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ކިތައް އާއިލާތޯ ބިކަވެގެން އެ ދިޔައީ، އެމީހުންގެ ދަރިންގެ ކިޔެވުމާއި، ދިރިއުޅުން ކިހާ ނިކަމެތި ވެގެންތޯ އެ ދިޔައީ؟" ހޯރަފުށީ ރައްޔިތަކު ބުންޏެވެ.
މިކަމާ ގުޅިގެން ހޯރަފުށިން ވާހަކަ ދެއްކި އެހެން ފަރާތަކުން ބުނީ އޭނާ ދެކޭ ގޮތުގައި މިއީ ސީދާ ސިޔާސީ ކަމެކެވެ. އޭނާ ދެކޭ ގޮތުގައި ވަޒީފާ އިން މީހުން ވަކި ކުރަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ޕީއެންސީ އަށް ވޯޓު ހޯދަން އައު ބަޔަކު ވަޒީފާ އަށް ނެގުމަށެވެ.
"އެއްޗެކޭ ކިޔާފައި ބަޔަކު ވަޒީފާ އިން ވަކި ކުރީ، މިއީ ސީދާ ވަކި ބަޔަކަށް ގެއްލުންދޭން ކުރި ކަމެއް މީގެ ބޭނުމަކީ ކައުންސިލު އިންތިޚާބަށް އެމީހުން ބޭނުން ބަޔަކު ވަޒީފާ އަށް ނަގަން ޖާގަ ހުސް ކުރުން؛" ކަމަށް އޭނާ ބުންޏެވެ.
"މިއީ، މާ ކުރިން ރޭވިގެން ހިނގާ ކަމެއް. ބައެއް ކުދިން ގެންގޮސް ޕީއެންސީ ކަންކަމުގެ އުޅޭ ބައެއް ބޮޑުން އެބަހުރި ބުނެފައި، ކަލޭ ވަޒީފާއިން ވަކި ކޮށްފާނޭ، އަވަހަށް ޕާޓީ އަށް ފޯމު ފުރާލާށޭ، އޭރުން ވަޒީފާ ގައި ހުރެވޭނޭ."
އޭގެ އިތުރުން ޕީއެންސީގެ ކަންކަމުގައި އިސްކޮށް އުޅޭ މީހަކު ވަކިވަކި މުވައްޒަފުންނަށް ގުޅާފައި، އޭނާގެ ވަޒީފާ ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރާ ކަމަށް ބުނާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
މިއީ، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް މަޝްރޫއުތަކުގެ ތެރެއިން ހުއްޓާލަން ސަރުކާރުން ނިންމި ފުރަތަމަ މަޝްރޫއެވެ.