ކ. މާލެ
|
31 މެއި 2025 | ހޮނިހިރު 10:27
އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮއިޓަރސް
އަލް ނަޞްރު
ރޮނާލްޑޯގެ އެއްބަސްވުން އައު ކުރުމަށް އަލް ނަޞްރުން މަސައްކަތް ކުރަނީ
އަލް ނަޞްރުގެ ޑިރެކްޓަރ ފެނާންޑޯ ހިއެރޯ ވިދާޅުވީ، ރޮނާލްޑޯގެ އެއްބަސްވުން އައު ކުރަން އަލް ނަޞްރުން ބޭނުންވާ ކަމަށެވެ. އަދި އެކަމާ ގުޅުން ހުރި މަޝްވަރާތައް ރޮނާލްޑޯއާ އެކު މިހާރު ވެސް ކުރެވެމުން އަންނަ ކަމަށް ވެސް ހިއެރޯ ވިދާޅުވި އެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް އެ ކުލަބުން ފަށައިފި އެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް، އޭނާ އަލް ނަޞްރަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އައު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ބަދަލުގައި ރޮނާލްޑޯ އަލް ނަޞްރު ދޫކޮށްލާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އޭނާ ހޯދުމަށް ބައެއް ކުލަބުތަކުން ޝައުޤުވެރިކަން ގެން ގުޅޭ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެ ވާހަކަތައް ދެކެވެމުން އަންނަނިކޮށް އަލް ނަޞްރުގެ ޑިރެކްޓަރ ފެނާންޑޯ ހިއެރޯ ވިދާޅުވީ، ރޮނާލްޑޯގެ އެއްބަސްވުން އައު ކުރަން އަލް ނަޞްރުން ބޭނުންވާ ކަމަށެވެ. އަދި އެކަމާ ގުޅުން ހުރި މަޝްވަރާތައް ރޮނާލްޑޯއާ އެކު މިހާރު ވެސް ކުރެވެމުން އަންނަ ކަމަށް ވެސް ހިއެރޯ ވިދާޅުވި އެވެ.

މީގެ އިތުރުން ހިއެރޯ ވިދާޅުވީ ރޮނާލްޑޯ އާއެކު އައު އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކާމިޔާބުވެ، އެކަން ޙައްލު ވާނެ ކަމުގެ އުންމީދު ވެސް އޮތް ކަމަށެވެ. ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ވަރަށް މޮޅު ކުޅުންތެރިޔެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ރޮނާލްޑޯގެ ސަަބަބުން ސައުދީ ލީގަށް ވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބުނު ކަމަށެވެ.

އަލް ނަޞްރަށް ބަދަލުވި ފަހުން ރޮނާލްޑޯ ވަނީ އެ ކުލަބުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިއީ އެ ކުލަބާ އެކު ރޮނާލްޑޯ ހޭދަ ކުރި ތިން ވަނަ ސީޒަނެވެ. އޭނާ ވަނީ މި ތިން ސީޒަންގެ ތެރޭގައި އަލް ނަޞްރަށް ކުޅެދިން 111 މެޗުގައި 99 ލަނޑު ޖަހައިފަ އެވެ. އަލް ނަޞްރާ އެކު ރޮނާލްޑޯ ވަނީ 2023 ވަނަ އަހަރުގެ އަރަބް ކުލަބު ޗެމްޕިއަންސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

މި ނިމުނު ސީޒަންގެ ސައުދީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެސް ރޮނާލްޑޯ އެވެ. އޭނާ ވަނީ ސައުދީ ލީގުގައި އަލް ނަޞްރަށް ކުޅެދިން 30 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން މިދިޔަ ސީޒަންގެ ސައުދީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ވެސް ހޮވުނީ ރޮނާލްޑޯ އެވެ.

ރޮނާލްޑޯގެ މުސްތަޤުބަލާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުން އަންނަ މި ދަނޑި ވަޅުގައި، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދި ފަހުން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ފީފާ ކުލަބު ވޯލްޑް ކަޕްގައި ރޮނާލްޑޯ ފެނިދާނެ ކަމަށެވެ. އަދި މިހާރު ރޮނާލްޑޯ އަންނަނީ ބައެއް ކުލަބުތަކާ އެކު މަޝްވަރާ ކުރަމުން ކަމަށް ވެސް އިންފަންޓީނޯ ބުނެފައިވެ އެވެ.

ރޮނާލްޑޯ އަކީ ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ވެސް ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް