ކ. މާލެ
|
29 މެއި 2025 | ބުރާސްފަތި 09:49
އެމްޑީޕީ ސަރުކާރުގެ ކުޅިވަރު ވަޒީރުކަން ކުރެއްވި އަޙުމަދު މަޚްލޫފް
އެމްޑީޕީ ސަރުކާރުގެ ކުޅިވަރު ވަޒީރުކަން ކުރެއްވި އަޙުމަދު މަޚްލޫފް
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރު ވުޒާރާ
ހަތް އަހަރު ފަހުން އޮޑިޓް ރިޕޯޓު ނެރުމުން މަޚްލޫފްްގެ ސުވާލުތަކެއް
576 ޕްރޮޖެކްޓުގެ ތެރެއިން މައްސަލައެއް އޮތް ކަމަށް އޮތީ، އެންމެ ދެ ޕްރޮޖެކްޓުގައި

އޮޑިޓާ ޖެނަރަލްގެ އޮފީހުން، ކުޅިވަރު ވުޒާރާގެ އޮޑިޓް ރިޕޯޓު ހަތް އަހަރު ދުވަސް ފަހުން ނެރުމުން ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް ގިނަ ސުވާލުތަކެއް އުފައްދަވައިފި އެވެ.

މަޚްލޫފް މިހެން ވިދާޅުވީ، އޮޑިޓާ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ކުޅިވަރު ވުޒާރާގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން 2018 ވަނަ އަހަރުން 2023 ވަނަ އަހަރަށް ކުޅިވަރު ވުޒާރާގެ އޮޑިޓް ރިޕޯޓު އާންމުކޮށްފަ އެވެ. އެ ރިޕޯޓުކޮށްފައިވާ ގޮތުން، ކުޅިވަރު ވުޒާރާ އިން އެސޯސިއޭޝަންތަކަށް ދޫކޮށްފައިވާ ފައިސާ ބޭނުން ކޮށްފައިވާ ގޮތުގެ ލިޔެކިޔުންތައް ފެންނަން ނެތުމާއި، ވުޒާރާ އިން އެކަން ރަނގަޅަށް މޮނިޓާކޮށްފައި ނުވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ކުޅިވަރު ވަޒީރުކަން ކުރެއްވި މަޚްލޫފް ވިދާޅުވީ، 2023 ވަނަ އަހަރުގެ އެންމެ ފަހު ބައްދަލުވުމުގައި ވެސް، ބޮޑެތި މައްސަލަތަކެއް ނެތް ކަމަށް އޮޑިޓަރުން މިނިސްޓްރީގެ އިސްވެރިންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މަޚްލޫފް ވިދާޅުވީ ވަޒީރު ކަމުގައި އޭނާ ހުންނެވިއިރު، ކޮންމެ އަހަރަކު ވެސް ބަރާބަރަށް އޮޑިޓް އޮފީހުން އެ މިނިސްޓްރީ އޮޑިޓް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ ފަސް އަހަރުގެ ތެރޭގައި އެންމެ ފަހަރަކު ވެސް ކަމެއް އިސްލާޙު ކުރުމަށް ރަސްމީ ގޮތުން އަދި ނުރަސްމީ ގޮތުން ވެސް ލަފާ ދީފައި ނުވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ހަތް އަހަރު ދުވަސް ފަހުން އޮޑިޓް ރިޕޯޓު ނެރުމާ ގުޅިގެން މަޚްލޫފް ވިދާޅުވީ، އޮޑިޓް ރިޕޯޓަކީ އަހަރުން އަހަރަށް ނެރެން ޖެހޭ އެއްޗެއެް ކަމަށެވެ. ނަމަވެސް، އެކަން އެހެން ނުކުރެވުނީ އޮޑިޓް އޮފީހުގެ ބަޖެޓު ނެތިގެން ކަމަށް ވެދާނެ ކަމަށް މަޚްލޫފް ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގައި އެންމެ ގިނަ މަޝްރޫއުތައް ހިންގި އެ މިނިސްޓްރީ އަކީ ކުޅިވަރު ވުޒާރާކަން ފާހަަގަ ކުރައްވައި މަޚްލޫފް ވިދާޅުވީ، 576 ޕްރޮޖެކްޓު ހިންގި މިނިޝްޓްރީގެ އޮޑިޓް ރިޕޯޓު ހަތް އަހަރު ފަހުން ނެރޭ ނަމަ، ކަމެއް އިސްލާޙު ކުރުމުގެ ފުރުސަތު ވެސް ނުލިބޭނެ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ވެސް، ނުވަތަ މިނިސްޓްރީގެ ވަޒީރަށް ވެސް ފިޔަވަޅެއް އަޅާނެ ފުރުސަތު ނުލިބޭނެ ކަމަށް ފާހަގަ ކުރެއްވި އެވެ.އަދި ރިޕޯޓު ނިންމާއިރު މައުލޫމާތު ދޭން ތިބޭނީ އަލަށް އުފެދޭ ސަރުކާރެއްގެ ބައެއް ކަމުން، އެންމެ ފުރިހަމަ މައުލޫމާތު ދޭނެ ކަމަށް މަޚްލޫފް ގަބޫލެއް ނުކުރައްވަ އެވެ. އަދި ލިޔެ ކިޔުންތައް ފުރިހަމަ ކޮށްދޭނެ ކަމަށް ނުދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.

މަޚްލޫފް ވިދާޅުވީ އެ ރިޕޯޓަކީ ކުރީފެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، ކުރީގެ ރައީސް ޞާލިހު އަދި މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެސް ހިމެނޭހެން ނެރެފައިވާ ރިޕޯޓެއް ކަމަށެވެ. އަދި ވަރަށް ބޮޑެތި އޮޅުން އަރާ ފަދަ މައުލޫމާތުތައް ވެސް ރިޕޯޓުގައި ހުރިކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ފުޓުބޯޅަ ސްކޫލާ ގުޅޭ ގޮތުން މަޚްލޫފް ވިދާޅުވީ އެއީ އެމްޑީޕީގެ ސަރުކާރު އުފެދުނު އިރު ވެސް، ފަށާފައިވާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއަކީ ކުޅިވަރު ވުޒާރާ އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ރައީސް އޮފީސް ގުޅިގެން 2018 ވަނަ އަހަރު، ރައީސް ޔާމީންގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއެކެވެ.

އޮޑިޓް ރިޕޯޓުގައި ދެން ފާހަގަ ކޮށްފައި ވަނީ ކުޅިވަރު ވުޒާރާ އަށް ގަނެފައިވާ ވެހިކަލެއްގެ ވާހަކަ އެވެ. އެކަމާ ގުޅިގެން މަޚްލޫފް ވިދާޅުވީ ކޮންޓްރެކްޓަރު އޮޅުވާލައިގެން އައު ވެހިކަލެއްގެ ގޮތުގައި ވިއްކާފައިވާތީ، ކޮންޓްރެކްޓަރުގެ މައްސަލަ މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމުގައި ވެސް މިނިސްޓްރީގެ މައްސަލަ އެއް ނެތް ކަމަށް ފާހަގަ ކުރެއްވި އެވެ.

މަޚްލޫފް ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ދެން ފާހަގަ ކޮށްފައި ވަނީ ރަނގަޅު ކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހަށް ފެންނަ ކަންތައްތައް ކަމަށެވެ. އަހަރުން އަހަރަށް އޮޑިޓް ރިޕޯޓު ނެރޭ ނަމަ، އިސްލާޙު ކުރަން ޖެހޭ ކަންކަން އިސްލާޙު ކުރުމަށް ފަސޭހަ ވާނެ ކަމަށް ވިދާޅުވި އެވެ.

ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތުގެ ސަބް ބޭސް އަދި ޓާފުގެ މަސައްކަތް ވަކި ވަކިން އިއުލާން ކޮށްގެން މަސައްކަތް ކޮށްފައި ވާނީ، ވަކި ވަކިން މަސައްކަތް ކުރުމަށް ޤާނޫނުން އެ ޖާގަ ލިބޭ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ދެ މަސައްކަތް އެއްކޮށް ކުރަން އިއުލާނު ކުރުމުން ލިބުނު އަގަށް ވުރެ، ހެޔޮ އަގުގައި ދައުލަތަށް ފައިދާވާ ގޮތަށް ވަކިވަކިން މަސައްކަތް ކުރެވޭ ކަމަށް ފާހަަގަ ކުރެއްވި އެވެ.

މީގެ އިތުރުން، އެހެން މަސައްކަތް ކުރުމުގެ ސަބަބުން ގިނަ މަސައްކަތްތަކެއް އަވަހަށް ކުރެވޭކަން ފާހަގަ ކުރައްވައި މަޚްލޫފް ވިދާޅުވީ، މި ސަރުކާރުން ވެސް ވަކި ވަކިން އެމަސައްކަތް ކުރިއަށް ގެންދަނީ އެސަބަބާ ހެދި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އިތުރަށް މަޚްލޫފް ވިދާޅުވެފައި ވަނީ ކުޅިވަރު ސާމާނަކީ ލިޔުމުން ކައުންސިލު ތަކަށް ނުވަތަ ކުލަބު ޖަމިއްޔާ އަކަށް ހަވާލުކޮށް، އެފަރާތުން އަންގާ ފަރާތަކާ ހަވާލުކުރާ ސާމާނު ކަމަށެވެ. އަދި އެކަން ކޮށްފައިވާ ގޮތުގެ ފޮޓޯ ވެސް ނަގާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ޔޫތު ސެންޓަރުތައް ނުބެލެހެއްޓޭ ކަމަށް ފާހަގަ ކޮށްފައިވާ އިރު، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއެކު ޔޫތު ސެންޓަރުތައް ހިންގަނީ ކައުންސިލްތަކާ ހަވާލުކޮށްގެން، ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކުޅިވަރު އެސޯސިއޭޝަން ތަކަށް ކޮށްފައިވާ ހަރަދުތަކަކީ، އެމްޑީޕީ ސަރުކާރުގެ ކުރީގެ ހަރަދު ތަފްސީލު ކަމަށް މަޚްލޫފް ވިދާޅުވި އެވެ. އަދި ކުޅިވަރު ވުޒާރާ އިން ޤައުމީ ކުޅިވަރު އެސޯސިއޭޝަން ތަކަށް ފައިސާ ދޫކުރަމުން ގެންދިޔައީ، ހަރަދުގެ ތަފްސީލު މިނިސްޓްރީ އަށް ހުށައަޅާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ތަފުސީލު ލިޔުމުން ފެންނަން ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ބައެއް ފިކްސްޑް އެސެޓްސް ގެއްލިފައިވާ ކަމަށް ބަޔާން ކޮށްފައިވާއިރު، އެއީ މި ސަރުކާރުން ސްޕޯޓްސް އަދި ޔޫތު މިނިސްޓްރީ ވަކި ކުރިއިރު ގެއްލިގެން މީޑިއާ ގައި ރިޕޯޓުކޮށްފައިވާ ބައެއް ސާމާނު ކަމަށް މަޚްލޫފް ފާހަގަ ކުރެއްވި އެވެ.

އެ ޕޯސްޓުގައި މަޚްލޫފް ވިދާޅުވީ ވަރަށް ބާރަށް، 576 ޕްރޮޖެކްޓު ކުރިއަށް ގެންދިޔައިރު، އިސްލާހު ކުރަން ޖެހޭ ކަންކަން ހުންނާނެކަން ކަށަވަރުވާ ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް އޮތް ނަމަ، ތަޙުގީގު ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ގިނަ ޕްރޮޖެކްޓު ހިންގި އެއް މިނިސްޓްރީ އަށް ވެފައި، ތަހުގީގު ކުރަން ޖެހޭ އަދި އެއީ މަޚްލޫފްމެންނާ ގުޅުމެއް ވެސް ނެތް އެންމެ ދެ މައްސަލަ ކަމަށް ވުމަކީ، މިނިސްޓްރީގެ މުވައްޒަފުން ވަރަށް ރަނގަޅު މަސައްކަތް ތަކެއް ކޮށްފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް