ކ. މާލެ
|
26 މެއި 2025 | ހޯމަ 17:04
ރައީސް މުއިއްޒު ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް އިސްމާއީލް ހަބީބު އައްޔަން ކުރައްވަނީ  - 8 ސެޕްޓެމްބަރ 2024
ރައީސް މުއިއްޒު ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް އިސްމާއީލް ހަބީބު އައްޔަން ކުރައްވަނީ - 8 ސެޕްޓެމްބަރ 2024
ރައީސް އޮފީސް
އިންސާނީ ހައްޤުތަކާބެހޭ ކޮމިޝަން
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
ބޯހިޔާވަހި ކަމުގެ މަޝްއޫރުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ހައްގުތައް ހޯދައިދިނުމަށް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ލިޔެކިޔުން ހޯދަން އުޅެގެން އެ ކަމަށް ވަނީ ހުަރަސް އަޅާފައި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފިއެވެ.

ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހި ކަމުގެ "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގު ހޯދައި ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ ބައެއް ލިޔެކިޔުން ހޯދުމަށް އަމިއްލަ ފަރާތަކުން އެދުމުން އެކަމަށް އެ ކޮމިޝަނުން ވަނީ ހުރަސް އަޅާ އެ މައުލޫމާތު ނުދީފައެވެ.

އެޗްއާރުސީއެމް އަށް ހުށަހެޅި ފަރާތުން އެދިފައިވަނީ އެ ކޮމިޝަނުން މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާ އެކު ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގު ހޯދައިދިނުމަށް ކުރި މަސައްކަތް ތަކުގެ ލިޔެކިޔުންތައް ހޯދުމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެޗްއާރުސީއެމް އިން މައްސަލަ ހުށަހެޅި ފަރާތްތައް ޖަވާބު ދިން އިރު ލިޔެކިޔުންތައް ފޯރުކޮށްދީފައި ނުވާތީ އެކަމާ ހިތްހަމަ ނުޖެހިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އެޗްއާރުސީއެމް އިން ދިން ޖަވާބު ވަނީ އިލްތިމާސް ކޮށްފައެވެ.

މި މައްސަލަ ބެލުމަށްފަހު އިންފޮމޭޝަން ކޮމިޝަރުގެ އޮފީހުން ބުނެފައިވަނީ އެޗްއާރުސީއެމް އާއި މިނިސްޓްރީން މި މަޝްރޫއާ ގުޅޭ ގޮތުން ބޭއްވުނު ބައްދަލުވުންތަކުގައި ބަދަލު ކޮށްފައިވާ ލިޔެކިޔުންތައް ފެންނަން ނެތުމުން، މައުލޫމާތަށް އެދުނު ފަރާތުން ހިތްހަމަ ނުޖެހޭ ކަމަށް ފާހަގަ ކޮށްފައިވީ ނަމަވެސް، އެ ހުށަހެޅުމަށް ގާނޫނޫގެ ދަށުން ޖަވާބު ދޭން ޖެހޭ މިންވަރަށް ޖަވާބު ދީފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

އެހެން ނަމަވެސް އެދުނު މައުލޫމާތު ނުދިނުމުގެ އިތުރުން އެދުނު މައުލޫމާތު އެޗްއާރުސީއެމް ގައި ހުރިކަމެއް ވެސް ނުވަތަ ނެތް ކަމެއްވެސް ބުނެފައެއް ނުވެއެވެ.

އަނެއްކޮޅުން އެ ގާނޫނުގެ ދަށުން މައުލޫމާތެއް ހޯދުމަށް އެއްވެސް ފަރާތަކުން ހުށަހެޅުމުން، އެ ހުށަހެޅުމުގައި ހޯދަން އެދިފައިވާ މައުލޫމާތު އެ އިދާރާ އަކުން ލިބެން ހުރިކަން ނުވަތަ ނެތްކަން މައުލޫމާތު ހޯދަން އެދުނު ފަރާތައް ލިޔުމުން އަންގަން ޖެހޭނެއެވެ.

އެ ގޮތުގެ މަތިން އެ މައުލޫމާތު ހުރިކަން ނުވަތަ ނެތް ކަން އެންމެ ކުޑަމިނުން ބުނެފައި ނުވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މި މައްސަލަ ހިނގި ގޮތް ބެލުމަށް ފަހު 24 އޭޕްރީލު ގައި ނިންމި ނިންމުގައި ބުނެފައިވަނީ، ގާނޫނުގެ 12 ވަނަ މާއްދާ ގެ (ނ) އާ ހިއުމަން ރައިޓްސް ކޮމިޝަނުން ޚިލާފް ވެފައިވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި އެ ލިޔެކިޔުންތައް ކޮމިޝަނުގައި ހުރިކަން ނުވަތަ ނެތް ކަން ރަސްމީ 5 ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް ވެސް އެޗްއާރުސީއެމް އަށް ވަނީ އަންގާފައެވެ.

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އުފައްދާފައިވާ ދައުލަތުގެ މުައައްސަސާތަކުން ގާނޫނާ ޚިލާފުވަމުންދާ މިފަދަ މައްސަލަތައް އިތުރުވަމުންދާއިރު، ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް ހީނަރުވެ، ގާނޫނީ ވެރިކަމުގެ ސިފަތައް ފަނޑުވަމުންދާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު އަންނަނީ ފާޅު ކުރަމުންނެވެ.

- ކޮމެންޓް