ބޮޑު ޗުއްޓީއަށްފަހު، 90،000 ށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އަހަރުގެ ކިޔެވުން ފަށައިފި އެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުމަށް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ސްކޫލުތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
ހޯމަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާފައިވާއިރު، އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ގްރޭޑް އެކަކަށް 2،000ށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވާ ކަމަށާއި، މުޅި ރާއްޖެއިން 5،000 އަށްވުރެ ގިނަ ދަރިވަރުން ގްރޭޑް އެކަކަށް އަލަށް ވައްދާފައިވާ ކަމަށެވެ.
މި ދިރާސީ އައު އަހަރު އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1،200 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި އެއް ސްކޫލުން އަނެއް ސްކޫލްއަށް 500ށްވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ. އަދި 90،000 ށްވުރެ ގިނަ ދަރިވަރުންނާއެކު ކިޔެވުން ފަށާފައިވާއިރު،ސަރުކާރު ސްކޫލުތަކުގައި ޖުމްލަ 84،000ށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ އެހެން އަހަރުތަކާއި އެއްގޮތަކަށް މި އަހަރުވެސް މާލެ ސަރަހައްދުގައި ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކަމަށާއި، މި އަހަރު ކިޔަވާ ދަރިވަރުންގެ 33 އިންސައްތަ ދަރިވަރުން ކިޔަވަނީ މާލެ ސަހަރައްދުގެ ސްކޫލުތަކުގައި ކަމަށެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވީ ދިރާސީ އަހަރަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް މިނިސްޓްރީން ވެފައިވާ ކަމަށެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ ޖުމްލަ ގޮތެއްގައި ދަރިވަރުންނަށް ދޫކުރަންޖެހޭ ފޮތްތައް ދޫކުރުމާއި، ވައުޗަރ ތަކާއި، ސްޓޭޝަނަރީތައް ދޫކޮށްފައިވާ ކަމަށެވެ. އަދި ސްކޫލުތަކަށް މުދައްރިސުން ވެސް ހަމަވާނެ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
ބޭރުގެ ގިނަ މުދައްރިސުން ގެންގުޅޭކަން ފާހަގަކުރައްވައި މިނިސްޓަރު ޝަފީއު ވިދާޅުވީ 1800ށްހާ ބިދޭސީ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރުގެ ވެސް ޗުއްޓީއާއެކު ވަރަށް 14 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިވެފައިވާ ކަމަށާއި، ބަދަލުގައި އެހެން މުވައްޒަފުން ހަމަޖެއްސުމަށް ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.
މިނިސްޓްރީން މިހާރު ވަނީ ނިމިފައި. ޖުމްލަ ގޮތެއްގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރަކީ ވެސް ވަސީލަތް ހަމަ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތް، މައިގަނޑު ގޮތެއްގައި ފޮތްތަކާ މުދައްރިސުން އަދި ސްކޫލަށް ބޭނުންވާ އަސާސީ އެންމެހާ ކަންތައްތައް ފުރިހަމަ ވެފައިވާ އަހަރެއްގެ ގޮތުގައި މިއަހަރު ވެސް ﷲ ގެ ރަހުމަތުން ފެށިގެން މިދަނީ. ދެން އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަކީ ވަރަށް ބޮޑު ބިދޭސީ މުވައްޒަފުންގެ ފޯސް އެއް ގެންގުޅޭ ބައެއް. ގާތްގަނޑަކަށް 1800 އެއްހާ މުވައްޒަފުން އަޅުގަނޑުމެން އެބަ ގެންގުޅެން. ފަހަރުގައި ލަސްކޮށްލާފައި މިސާލަކަށް މިއަދު ވެސް އަޅުގަނޑަށް މައުލޫމާތު ލިބުނީ މިހާ ހިސާބަށް ޗުއްޓީ ނިމުނު ފަހުން 14 ވަރަކަށް މުވައްޒަފުން ރިސައިން ކުރި ވާހަކަ. އެހެންވެއްޖެއްޔާ އެފަދަ ރިސިގްރޭޝަންނަށް ކުޑަ ވަގުތު ކޮޅެއް ނަގާފާނެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު![]()
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުގެ ސްކޫލްތަކުގައި 10،000 ށްވުރެ ގިނަ މުދައްރިސުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ބިދޭސީ މުދައްރިސުން ދާއިރާއަށް ދިވެހި ތަމްރީން މުދައްރިސުން ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އޭޕްރީލު މަހުގެ ހަތް ވަނަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު، ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ޗުއްޓީއަށް ދާނެއެވެ. އެއަށްފަހު އައު ދިރާސީ އަހަރު ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ 27 ގައެވެ.