ރަމަޟާން މަހު ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑު ނުވެ ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ގޮތަށް ކަންކަން އިންތިޒާމް ކުރާނެކަމަށް ސަރުކާރުން ބުނެފައިވީނަމަވެސް، މިހާތަނަށް އައި އިރުވެސް ބައެއް ތަކެތީގެ އަގުތައް ތިރިނުވެ އަދިވެސް މޭވާ އާއި ތަރުކާރީ އަތްފޯރާފަށަށް އަގުހެޔޮކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ދުރާލާ ސުވާލުތައް އެއްކޮށް، ބޭނުންފުޅުވާ ސުވާލަކަށް ޖަވާބު ދެއްވާގޮތަށް ރެކޯޑް ކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ އަމާޒެއް ކަނޑައަޅުއްވާފައި ވާނޭ ކަމަށެވެ. އެ އަމާޒަށް ވާސިލުވުމުގެ ތެރެއިން، ބޭރުން ރާއްޖެއަށް ގެންނަ މޭވާ އާއި ތަރުކާރީ ރާއްޖޭގައި އުފެއްދޭނޭ ކަމަށާއި، އެއާއެކު އެތަކެތީގެ އަގުހެޔޮވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް މި ފަދަ ތަކެތި އިމްޕޯޓްކުރާ މައި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް، އެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނޭ އިންތިޒާމު ހަމަޖެއްސުން ފަދަ ފިޔަވަޅުތައް މެދުވެރިކޮށްވެސް، މޭވާ އާއި ތަރުކާރީގެ އަގުހެޔޮ ކުރެވިދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންތިޒާމުތައް ކުރެވެމުންދާ ވަރަކުން، މި މަސައްކަތްތަކުގެ ތަފްޞީލުތައް ހާމަކުރައްވަމުންގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް މި ރަމަޟާން މަހަށް ދުރާލާ ތައްޔާރުވެ، ތަކެތީގެ އަގުތައް ބޮޑުނުވާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، ރޯދަ މަސް ފެށި އިރު ލުބޯ ކިލޯއެއްގެ އަގު ހުރީ 40 ރުފިޔާއިން މަތީގައެވެ. އަދި މި އަގު ދަށްކުރުމަށް އެސްޓީއޯއިން ލުނބޯ ގެނައި ނަމަވެސް އަގުތައް ދަށްވެފައި ނުވެއެވެ. އެސްޓީއޯއިން ވެސް ލުނބޯ ވިއްކަމުންދިޔައީ އެ އަގުގައެވެ.
މީގެ އިތުރުން ކާށި ލިބުން ދަތިވެ އެސްޓީއޯއިން 5 ރުފިޔާއަށް ކާއްޓެއް ވިއްކި ނަމަވެސް، އެކަންވެސް ނުކުރެވި ބާޒާރުގައި ކާއްޓެއްގެ އަގު 60 ރުފިޔާއަށް އުފުލިގެންދިޔައެވެ. އަދި މި ރޯދަ މަސް ނިމެން ކައިރިވެފައިވާ އިރުވެސް މިހާތަނަށް އައި އިރު ކާށީގެ އަގު ދަށްވެފައި ނުވެއެވެ. ފަހުން އެސްޓީއޯއިން ބޮލަކަށް ކާއްޓެއްގެ ރޭޓުން ވިއްކާ، އެފަހުން ކިލޯ ކިލޯއަށް ވިއްކަން ފެށިއެވެ.
އަދި މި ރޯދަ މަހު ލޮނުމެދުގެ އަގުވެސް އިންތިހާއަށް މައްޗަށް އުފުލިގެން ދިޔައެވެ. 140 ރުފިޔާއިން މައްޗަށް ލޮނުމެދު ކިލޯއެއްގެ އަގު އުފުލިގެން ދިޔަ އިރު، މި ރޯދަ މަހުގެ މިހާތަނަށް ލޮނުމެދު ކިލޯއަކުން ދަށްވީ 30 ވަރަކަށް ރުފިޔާއެވެ. ސަރުކާރުން ދުރާލާ ޕްލޭންކޮށްގެން އެސްޓީއޯއިން ލޮނުމެދު ގެނައި ނަމަވެސް، މާރުކޭޓުގެ އަގަށް ބަދަލެއް ނުގެނެވި އެންމެ ފަހުން ބޮލަކަށް ކިލޯއެއްގެ ލޮނުމެދު ވިއްކަން ފެށިއެވެ.
އިކޮނަމިކް މިނިސްޓްރީން މީގެ ކުރިން ދުރާލާ ރާވައިގެން ބާޒާރުގައި އަގުބޮޑު ތަކެތި އަގު ހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާ އިރު، މި އަހަރުގެ ރޯދަ މަސް ފެނިގެން ދިޔައީ ޖުމްލަކޮށް ތަކެތީގެ އަގު ބޮޑު، ސަރުކާރުން އެކަމަށް މާބޮޑު ފަރުވާލެއް ނުބެހެއްޓި މަހެއްގެ ގޮތުގައެވެ.
މޭވާ އާއި ތަރުކާރީ އަތްފޯރާފަށަށް އަގުހެޔޮކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމުގައި ރައީސް ވިދާލުވި ނަމަވެސް މިހާތަނަށް އައި އިރު ސަރުކާރުން އަގު ދަށްކުރަން އުޅުނު އެއްވެސް ބާވަތެއްގެ އަގު ދަށްވެފައި ނުވެއެވެ.