ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ގއ.ވިލިނގިލި، ވައިޖެހޭގެ އަލްފާޟިލް ޔަޒްމީދު މުޙައްމަދު، އާދިައްތަ ދުވަހު ޢައްޔަން ކުރައްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ އާދިއްތަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުކަމުން، ރ.އިނގުރައިދޫ، ހިތްވަރު އަލްއުސްތާޛު މުޙައްމަދު ސަމީރު ވަކިކުރައްވާފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އަލްފާޟިލް ޔަޒްމީދު މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އަލްފާޟިލް ޔަޒްމީދު މުޙައްމަދަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އަލްފާޟިލް ޔަޒްމީދު މުޙައްމަދާ ވަނީ ޙަވާލުކުރައްވާފައެވެ.