ދިވެހި ރާއްޖޭގެ ދަރަނި ބޮޑުވީ އެއްވެސް ސަރުކާރެއްގެ ކުށަކުން ނޫން ކަމަށާއި އެކަން އެހެންވީ، ޑިމޮކްރަސީ އާއި ރައްޔިތުންގެ ސަބަބުން ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަން ކުރުމަށް ޒިޔާރަތްކުރި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ވަފްދާ އެކު ރައްޔިތުންގެ މަޖިލީހުގައި ބުދަ ދުވަހު އޮތް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިހެން ވިދާޅުވުމުގެ އިތުރުން ދަރަނީގެ މައްސަލަ ބޮޑުވެގެން އައި ސަބަބާ ބެހޭ ގޮތުން ގާސިމް ވަނީ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.
މަޖިލީހުގެ މާލިއްޔަތު އަދި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ރިޔާސަތުގައި އިންނަވާ، ރާއްޖޭގެ މާލީ ހާލަތު ކިޔައިދެއްވަމުން ގާސިމް ދެއްކެވި ވާހަކައިގައި ދިވެހި ރައްޔިތުންނަކީ އާންމު ގޮތެއްގައި ވަރަށް ފަގީރު ބައެއް ކަމަށް ވިދާޅުވިއެވެ.
ގާސިމު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތައް ގިނަ ކަމުން އެކަންކަން ކޮށްދިނުމަށް ސަރުކާރުތަކުން ކުރި މަސައްކަތުގެ ސަބަބުން ސަބްސިޑީ ވެސް ދިޔައީ މައްޗަށް ކަމުގައެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ފިލަންތްރޮޕީއޭ، އެކަމަކު ސަބްސިޑީއޭ ބުނަން އަޅުގަނޑު ބޭނުމެއް ނޫން. ފަހަރެއްގައި ސަބްސިޑީ ކަމަށް ވެދާނެ، ... ވަރަށް ބޮޑެތި ސަބްސިޑީތަކެއް އަޅުގަނޑުމެން ދެމުން އައި. އެއީ އާންމުކޮށް މީހުން ވަރަށް ފަޤީރު ހާލަތުގައި ތިބޭތީ. އެމީހުންނަކަށް ދިރިއުޅުން ދެމެހެއްޓޭނެ ގޮތެއް ނޯވޭ. އެހެންވީމާ ކޮންމެ ސަރުކާރަކުންވެސް އެކަން ކުރަން މަޖުބޫރުވޭ." ގާސިމް ވިދާޅުވިއެވެ.
ގާސިމު އައިއެމްއެފް ގެ ވަފުދަށް ސާފު ކޮށްދެއްވި ގޮތުގައި ރާއްޖޭގައި ޑިމޮކްރަސީ ގާއިމުވެގެން ދިއުމަކީ ވެސް ޚަރަދު ބޮޑުވެ ދަރަނި މައްޗަށް ދިޔަ ސަބަބެކެވެ. އެ ގޮތުން ކޮންމެ ސަރުކާރަކުންވެސް އަނެއް ސަރުކާރަށްވުރެ މަޝްހޫރުވާން މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ.
"މިއީ ޑިމޮކްރަސީގެ މައްސަލައެއް ޙަޤީޤަތުގައި. މިއީ ޙަޤީޤީ މައްސަލައެއް. ކޮންމެ އިންތިޚާބެއް ނީލަމެއްހެން އަންނަނީ. އެއީ ސަރުކާރުގެ ޚަރަދުތައް އިތުރުވަމުންދާ ސަބަބަކީ. މިތާކު ނޫން، ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް. އަޅުގަނޑު މިކަން ދެކެފައިވަނީ ސްރީލަންކާގައި އަދި އިންޑިއާގައިވެސް، އަޅުގަނޑުމެންގެ އަވައްޓެރި ދެ ޤައުމު، ވަރަށް ގާތް ރަޙްމަތްތެރިކަން އޮންނަ...މިއީ ޑިމޮކްރެޓިކް ވެލިއު ތަކުގައި ހުރި ބައްޔެއް ނުވަތަ މައްސަލައެއް." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޚަރަދުތައް މައްޗަށް ދިޔައީ އެއްވެސް ސަރުކާރެއްގެ ކުށަކުން ނޫން ކަމުގައެވެ.
"އަޅުގަނޑުމެންގެ ޤައުމުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. އެހެން ޤައުމެއްގެ ވާހަކައެއް ނޫން. އެއީ އެމްޑީޕީގެ ސަބަބުން ނުވަތަ ޕީޕީއެމްގެ ސަބަބުން ނުވަތަ ޕީއެންސީގެ ސަބަބަކުން ނޫން."
ގާސިމް ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭ ކަމުގައެވެ.
"އެމީހުންނަށް ވަރަށް ގިނަ ކަންތައްތައް ބޭނުންވޭ އެހެންވީމާ ސަބްސިޑީތައް އިތުރުކުރަން ޖެހޭ. އެއީ ދިމާވާ ގޮތަކީ."
ގާސިމް ވަނީ ރައީސްގެ މުއިއްޒުގެ ސަރުކާރަށް ދަރަނީގެ މައްސަލަ ބެލެހެއްޓޭނެ ކަމަށް އޭނާ އަށް ގަބޫލު ކުރެއްވޭ ކަމުގައެވެ.
"މި ސަރުކާރުން މިކަމާ ދޭތެރޭ ވަރަށް ފަރުވާތެރިވޭ. މިހާރުވެސް އަޅުގަނޑުމެންގެ މުސާރަ ކުޑަކުރުމުގެ ޕްރޮގްރާމެއް އެބައޮތް. ރައީސް އެދިވަޑައިގެންފައިވޭ. އަޅުގަނޑުމެންގެ ކޮމިޓީން އެކަމާ ބެހޭގޮތުން މަޝްވަރާކުރަމުންދޭ."
ގާސިމް ވިދާޅުވީ ޚަރަދު ކުޑަކުރަން މި ސަރުކާރުން ވަރަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން މިނިސްޓްރީތައް އެއް ކޮލުމާއި، މުސާރަ ކުޑަކުރަން މިހާރުވެސް މަޖިލިހަށް ހުށަހަޅާފައި އޮތް އޮތުން ފާހަގަ ކުރެވޭ ކަމުގައެވެ.
ސަރުކާރުގެ ދަރަނި ކުޑަކުރުމަށް ބައެއް މަޝްރޫއުތައް ހުޓާލައްވާނެ ކަމަށާއި ނުވަތަ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ގޮތްތަކެއް ރައީސް ހޯއްދަވާނެ ކަމަށެވެ.
"އަޅުގަނޑަށް ސަރުކާރާ ދޭތެރޭ ފުރިހަމަ އިތުބާރު އެބައޮތް." ގާސިމު ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވާ އިޞްލާޙުތައް ގެންނަމުންދާކަމާއި، ސްޓެބިލިޓީ ދެމެހެއްޓުމަށްޓަކައި ޚަރަދުތައް މަދުކުރުމާއި އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަމާޒު ހާސިލުކުރެވޭނެ. ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާ ކަމަށް ގާސިމު ވިދާޅުވިއެވެ.