ކ. މާލެ
|
22 ޖެނުއަރީ 2025 | ބުދަ 16:35
2025 ޖެނުއަރީ 22 - ރައީސް މުއިއްޒު ރ. މަޑުއްވަރީ އަށް ވަޑައިގަތުން
2025 ޖެނުއަރީ 22 - ރައީސް މުއިއްޒު ރ. މަޑުއްވަރީ އަށް ވަޑައިގަތުން
ސްކްރީން އިމޭޖް
މުއިއްޒު މަޑުއްވަރީގައި
ކުރީ ސަރުކާރުން ހަވާލު ކުރީ ބޭނުން ކުރެވޭ ކަހަލަ ބަޖެޓެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ބަޖެޓު އޮތް ގޮތުން މަޝްރޫއުތައް ހިންގަން ޚަރަދު ނުކުރެވޭ ކަމަށް ރައީސް ވިދާޅާ އިރު، މިދިޔަ އަހަރު ނިމުނުއިރު ބަޖެޓުކުރި 54.9 ބިލިއަން ރުފިޔާގެ ތެރެއިން 52.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައި

ކުރީ ސަރުކާރުން ހަވާލު ކުރީ ބޭނުން ކުރެވޭ ކަހަލަ ބަޖެޓެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅު މަޑުއްވަރީ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު ބުދަ ދުވަހު މެންދުރު ފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނު އެރަށަށް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ކަންކަން ނުކުރެވި ދިޔައީ ކުރީ ސަރުކާރުން ފާސް ކުރި ބަޖެޓަކީ ބޭނުން ކުރެވޭ އެއްޗަކަށް ނުވުމުގެ ސަބަބުން ކަމުގައެވެ.

"އަޅުގަނޑުންނަށް ބޭނުން ކުރެވޭ ކަހަލަ ބަޖެޓެއް ނޫން ކުރީ ސަރުކާރުން ހަވާލު ކޮށްފައި ދިޔައީ." މުއިއްޒު ވިދާޅުވިއެވެ.

ވެރިކަމުގެ ދައުރުގެ އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މަޑުއްވަރީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ކަންކަން ކޮށް ދިނުމުގައި "ކުޑަ ލަސްކަމެއް" އައިސްފައިވާ ކަމަށެވެ.

ފާއިތުވި އަހަރު ތަރައްގީގެ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށް ބުނެ އެތައް ބައެއްގެ ފާޑު ކިޔުން މުއިއްޒަށް އަމާޒުވެފައިވާއިރު، އެމަނިކުފާނު ވިދާޅުވީ، އެއީ "ރާއްޖޭގެ އިގްތިސާދުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމުގައި ވަރަށް ގިނަ ކަންކަން ކުރަން ޖެހުމުގެ" ސަބަބުން ކަމުގައެވެ.

ރާއްޖޭގެ ތަރައްގީއަށް ރަށްރަށުގައި ފަށާފައި ހުރި އެތައް މަޝްރޫއެއް ހުއްޓިފައިވާ އިރު، ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެއީ ކުރީ ސަރުކާރުން ބަޖެޓު ހަދާފައިވާ ގޮތުން ވެގެން ދިޔަ ކަމެއް ކަމުގައެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވާއިރު، 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓު ހުސްވެގެން ރައީސް މުއިއްޒުގެ ސަރުކާރުން ފަހުން ވަނީ މަޖިލިހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާ ކުރިން ފާސްކުރި ބަޖެޓަށް ފައިސާ އިތުރުވެސް ކޮށްފައެއެވެ.

އަނެއްކޮޅުން ފާޑު ކިޔާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި 2024 ވަނަ އަހަރު ސަރުކާރުން ފަށައިގެން ކުރިއަށް ގެންދިޔަ ރަސްމާލެ މަޝްރޫއަކީ އެ އަހަރުގެ ބަޖެޓުން މުޅިން އުނިކޮށްފައި އޮތް މަޝްރޫއެކެވެ.

2024 ވަނަ އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ރައީސް ސޯލިހުގެ ސަރުކާރުން ހިންގަމުން ދިޔަ ހުރިހާ މަޝްރޫއަކަށް އެ އަހަރަށް ބޭނުންވާ އަދަދުތަކަށް ފައިސާ ހިމެނިފައިވާއިރު، އަލަށް ފަށަން ހަމަޖައްސާފައިވާ މަޝްރޫއުތަކަށް ވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ. އެހެން ނަމަވެސް އެއިން އެއްވެސް މަސައްކަތެއް ނުހިނގާ އޮއްވާ ހުށަހެޅި ބަޖެޓުން ޚަރަދުތައް ހަމަ ނުޖެއްސޭނެ ކަމަށް ސަރުކާރުން ބުނެ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުސްވި އަހަރުގެ ނޮވެމްބަރު މަސް ނިމެން އުޅެނިކޮށް މަޖިލިހަށް ހުށަހަޅާ ފާސްކޮށްފައިވެއެވެ.

ބަޖެޓަށް ސަރުކާރުން ބޭނުން ކޮންމެ ބަދަލެއް ގެނެވޭ ގޮތައް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ކޮންޓްރޯލް މުއިއްޒުގެ އަތްޕުޅުގައި އޮތުމާއެކު މަޖިލިހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓް ފާސް ކޮށް ހުސްވި އަހަރުގެ ޖުމްލަ ބަޖެޓުގެ އަދަދު ރެކޯޑް އަދަދަކަށް ވެ ގާތްގަނޑަކަށް 55 ބިލިއަނަށް ވަނީ އަރާފައެވެ.

ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް މަޝްރޫއު ތަކުގެ މަސައްކަތް ނުހިނގި ކަމަށް މުއިއްޒު ވިދާޅުވި އިރު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ ރެކޯޑް އަދަދަކަށް އަރާފައެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކުރި އެއްވެސް ތަފްސީލެއް ހާމަނުކޮށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް 38 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސަޕްލިމެންޓަރީ ބަޖެޓު މަޖިލިހަށް ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

ޒަމީރު އޭރު ވިދާޅުވީ 2024 ވަނަ އަހަރަށް ފާސްކުރި 50 ބިލިއަނެއްހާ ރުފިޔާގެ ބަޖެޓުން އޮކްޓޯބަރު މަހުގެ ނިޔަލަށް 76 ޕަސަންޓު ހަރަދު ކޮށްފައިވާ ކަމަށާއި ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅީ އެ ބަޖެޓް ހުސްވުމުގެ ކުރިން ކަމަށެވެ.

މިނިސްޓްރީ އޮފް ފިނޭންސުން އެންމެ ފަހުން ހާމަ ކުރި ހިސާބުތަކުން މިދިޔަ އަހަރު ނިމުނުއިރު ބަޖެޓުކުރި 54.9 ބިލިއަން ރުފިޔާގެ ތެރެއިން 52.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އާމްދަނީގެ ގޮތުގައި 34.7 ބިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް ވަނީ ބުނެފައެވެ.

ރައީސް މުިއއްޒު މަޑުއްވަރީ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެެއްކެވި ވާހަކަފުޅުގައި ވެސް އެ ރަށުގެ ރައްޔިތުންނަށް ކޮށްދެއްވަން އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ވަނީ ދެއްވާފައެވެ.

- ކޮމެންޓް