ތަރައްޤީ އަށް މަސައްކަތް ކުރާ އިރު ލިބޭ ގެއްލުން އެންމެ ކުޑަކުރުމަށް ސަރުކާރުތަކާއި އާއްމުން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވި


މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން، އެންމެ އުނދަނގޫވީ އުދައިގެ އަސަރު ކުރި ރަށްރަށަށް އެހީ ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުުން އެހީތެރިކަން ފޯރުކޮށްދިނުމަށް މާބޮޑު ދަތިކަމެއް ކުރިމަތި ނުވާ ކަމަށެވެ. އެގޮތުން ސިފައިންނާއި، ފުލުހުންގެ އިތުރުން އާއްމުންގެ އެހީތެރިކަން ވެސް ފެންހިންދުމުގެ މަސައްކަތަށް ލިބިފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ވިއްސާރައިގެ ސަބަބުން އުދަ އަރާ ރަށްތައް ވަރަށް ގިނަ ކަމަށެވެ. އެ ރަށްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައްކާތާތެރިކަމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ވެސް މަސައްކަތް ކުރައްވާފައިވާނެ ކަމަށް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ރަށްތައް އުފެދިފައި ހުންނަ ގޮތުން ކުއްލިއަކަށް އުދަ އެރުމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އުދައިގެ އަސަރުކުރުމަކީ ފާހަގަކުރެވޭކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަރީފް ވިދާޅުވީ ރަށްރަށަށް ދިމާވާ މައްސަލަތައް އަންގާނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. ވަސީލަތްތައް ހުރި މިންވަރަކުން ވީއެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަން ދީފައިވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ފެންބޮޑުވުން ފަދަ ކަންކަން ދިމާވުމުން، ވަގުތީގޮތުން މައްސަލަ ޙައްލުކުރަން ބޭނުންވާ އެހީވެސް ފޯރުކޮށްދެމުންދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އުދައިގެ އަސަރުކޮށްގެން ށ.ނަރުދޫ، ވ.އަތޮޅު، އއ.އަތޮޅު އަދި އދ.އަތޮޅުގެ ރަށްތަކުން އެކަން އަންގާފައިވާ ކަމަށެވެ. މީގެ އިތުރުން ފ.ނިލަންދޫއާއި ކ.ގުރައިދުއަށް ބޮޑެތި ގެލުންތަކެއްވެފައިވާކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ މާލެ އަތޮޅުގެ ގުރައިދޫ އާއި މާފުށީގައި ފެންބޮޑުވުމުގެ ސަބަބުން ޖަންކްޝަންތަކުން ނަޖިސް ބޭރުވުމުގެ މައްސަލަ ދިމާވި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ ބައެއް ރަށްތަކުގައި ފެން ބޮޑުވާން ދިމަވި އެއް ސަބަބަކީ ބިންހިއްކުންފަދަ މަޝްރޫޢުތައް ހިންގި އިރު ރަށުގެ ހުސްބިންތަކަށް ޖަމާވާ ފެން ރަށުތެރެއަށް ފައިބައިގެން ދާކޮތަށް ހުރުމުން ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން، ތަރައްޤީ އަށް މަސައްކަތް ކުރާ އިރު ލިބޭ ގެއްލުން އެންމެ ކުޑަކުރުމަށް ސަރުކާރުތަކާއި އާއްމުން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ރާއްޖެ އަށް ކުރި ބޯ ވިއްސާރައިގައި ގިނަ ރައްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
ހުކުރު ދުވަހު ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެ އަށާއި ހުޅުލެ އަށް ކަމަށް މެޓް އޮފީހުން ވަނީ ހާމަ ކޮށްފައެވެ.
މާލެ އަށް ކުރި ވިއްސާރައިގައި އާންމުގެ ގެދޮރަށާއި ވިޔަފާރިތަކަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަ ކޮށްފައިވާ ގޮތުގައި މާލެއަށް ކުރި ވިއްސާރަ އާ ގުޅިގެން 774 ތަނަކުން އެހީ އަށް ވަނީ އެދިފައެވެ.