ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތަކަށް ފުރަތަމަ ފަހަރަށް އެއްބަނޑު އެއްބަފާ ދައްތަ ދުންޔާ މައުމޫން ވަޑައިގަންނަވައިފި އެވެ.
ފާރިސްގެ މިއަދުގެ އަޑުއެހުމަކީ ޝަހުސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާފައިވާ ކަންތައްތަކާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، މާޗް 22 ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ލޯގޯ އާއި ނަން ބޭނުންކޮށް، ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
ދުންޔާ މައުމޫންގެ ކޮއްކޯފުޅު ފާރީސްގެ ޝަރީއަތުގެ އަޑުއެހުމަކަށް އެކަމަނާ ވަޑައިގެންފައި ވަނީ ފިރިކަލުން ޝުއިބު ޝާހައި އެކު އެވެ. ދުންޔާ މައުމޫނަކީ މި ސަރުކާރުގެ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.. އެކަމަނާ ވަނީ މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަމުގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ.
ޕީޕީއެމް ދެ ފަޅިވެ، ރައީސް ޔާމީނަށް ކުރެއްވި ތާއީދުރައީސް މައުމޫނު އަނބުރާ ގެއްދެވުމަށް ފަހު ވެސް، ދުންޏާ މައުމޫނާއި ގައްސާން މައުމޫން ވެސް ސަރުކާރާއި އެކު މަސައްކަތް ކުރައްވައެވެ. . އަދި ސަރުކާރުން ހިންގާ ތަފާތު އިވެންޓްތަކުގައިވެސް ދުންޏާ ބައިވެރިވެވަޑައިގެންފައިވެއެވެ.
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ދުންޔާ އަދާކުރައްވަމުންދާ އިރު މި ސަރުކާރަށް ތާއީދުކުރާ ސިޔާސީ ލީޑަރުންނާއި ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ފާޅުގައި ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑު ވިދާޅުވަމުންނެވެ.