އެގްރިކަލްޗަރ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.މަރްޔަމް މާރިޔާއާ ޙަވާލުކުރައްވައިފިއެވެ.
މަރިޔާ އާ އެގްރިކަލްޗަރ މިނިސްޓްރީ ހިންގެވުން ހަވާލު ކުރެއްވީ އެގްރިކަލްޗަރ މިނިސްޓަރ ޑރ. ރަމީލާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިނިސްޓަރު އިސްތިއުފާ ދެއްވީ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ އިސްތިއުފާ ދެއްވުމާ ގުޅިގެން ކެބިނެޓަށް ބަދަލުތަކެއް ގެންނަން އުޅޭ ވާހަކަ ސޯޝަލް މީޑިއާ ގައި ވަނީ ފެތުރިފައެވެ.
އެހެން ނަމަވެސް އެއީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ހީނާ ވިދާޅުވެފައިވަނީ ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިނުވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ކެބިނެޓަށް މިހާތަނަށް ބަދަލު ގެނެސްފައިވަނީ އެއް ފަހަރުއެވެ. އެއީ ފޮރިން މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރު ކަމުގެ މަގާމަށް ހަމަ ޖެއްސެވުމާއި، ހެލްތް މިނިސްޓަރ ކަމުގައި ހުންނެވި އަބްދުﷲ ޚަލީލް ފޮރިން މިނިސްޓަރ ކަމަށް އައްޔަން ކުރެއްވުމެވެ. މީގެ އިތުރުން ޢަބްދުﷲ ނާޡިމް ވަނީ ހެލްތް މިނިސްޓަރ ކަމަށް އައްޔަން ކުރައްވާފައެވެ.
ރަމީލާ އެގްރިކަލްޗަރ މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވުމާއެކު އެއީ މުއިއްޒުގެ ކެބިނެޓުން ވަކިވެވަޑައިގެންނެވި ދެވަނަ ވަޒީރެވެ. އޭގެ ކުރިން ފިނޭންސް މިނިސްޓަރ ކަމުން ޑރ. މުޙައްމަދު ޝަފީޤް ވަނީ ވަކިވެވަޑައިގަންފައެވެ.