ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 19:38
އާދިއްތަ ދުވަހު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު ވާހަކަދައްކަވަނީ
އާދިއްތަ ދުވަހު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ވިފާގުގެ މަރު މައްސަލަ
ވިފާގުގެ މަރު: ވިފާގު ނިޔާވިއިރު އޭނާވަނީ ބިކުރުވެރި ހާލަތެއްގައިކަން އެނގޭ: ފުލުހުން
ވިފާގު ވެއްޓުނުތާ ގާތްގަނޑަކަށް 3 މިނެޓްގެ ތެރޭގައި ވިފާގު މަންމަ ޒީނަތު އެ ސަރަހައްދަށް ދިޔަ
ވިފާގަކީ ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުންދިޔަ މީހެއް
ވިފާގު މަރުވީ 14 އޯގަސްޓް 2024 ވަނަ ދުވަހު

މާލޭގެ އިމާރާތެއްގެ 10 ވަނަ ފްލޯއިން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާނަށް ޖިންސީ ގޯނާގެ އެއްވެސް އަނިޔާއެއް ލިބިފައިނުވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

14 އޯގަސްޓް 2024 ވަނަ ދުވަހުގެ ހަވީރު 17:37 ގައި ގއ.މާމެންދޫ ބީޗް ވިލާ، 25 އަހަރުގެ ވިފާގު އިބްރާހިމް އަދުނާން ވަނީ ދިރިއުޅެމުން ދިޔަ މާފަންނު ހަސޯވާ ގޭގެ 10 ވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓި މަރުވެފައެވެ. ވިފާގު މަރުވެފައިވާކަން ރިޕޯޓުކޮށްފައިވަނީ އެދުވަހުގެ 18:19 ގައެވެ. މި ހާދިސާއާ ގުޅިގެން ޗެނަލް13 އިން ވަނީ އިންވެސްޓިގޭޝަން ވީޑީއޯ ރިޕޯޓެއް އާއްމުކޮށްފައެވެ. މި ރިޕޯޓުގައި ވިފާގަށް އޭނާގެ ދޮން ބައްޕަ، ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި މި ރިޕޯޓުގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

މި ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު ވަނީ ވިފާގު މަރުގެ ހާދިސާ ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައެވެ. އަދި ވިފާގުގެ މަރާއި ގުޅިގެން ކުރިއަށް ގެންދިޔަ ތުހުގީގު ހިއްސާކޮށް، އާއިލާއަށް ކުރެވޭ ތުހުމަތުތައް އޭނާ ވަނީ ދޮގު ކުރައްވާފައެވެ.

ޝިފާއު ވިދާޅުވީ އާއިލާއަށް ތުހުމަތުކުރެވޭ އެއްވެސް ޖިންސީ ގޯނާގެ ކަމެއް އޭނާގެ ހަށިގަނޑުން ފެންނަން ނެތް ކަމަށެވެ. އަދި ވިފާގުގެ ބައްޕައާ ސުވާލުކުރުމުން ވެސް އެފަދަ ކަމަކާ ގުޅޭ ވާހަކައެއް ފުލުހުންނާ ހިއްސާކޮށްފައެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވީ ވިފާގު ވެއްޓުނުތާ 30 ސިކުންތުގެ ތެރޭގައި އެސަރަހައްދުގައި ތިބި އާއްމުންގެ އެހީތެރިކަމާއެކު ވިފާގު ވެއްޓިފައި އޮތް ޕިކަޕު ރަޖިސްޓްރީ ނަންބަރު AC2AT2298 ގައި އެސަރަހައްދުން ހޮސްޕިޓަލަށް ގެންދިއުމަށް ދަތުރުފަށާކަން ފުޓޭޖް ބެލުމުން އެނގިފައިވާ ކަމަށެވެ.

ވިފާގު ނިޔާވިއިރު އޭނާވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގުގެ މެޑިކަލް ރިކޯޑުތަކުން އެގެން އޮތުމުން އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ވަނީ ކަށަވަރު ކުރެވިފައި.
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު

ޝިފާއު ވަނީ ވިފާގުގެ މަންމަ ޒީނަތު އަބްދުﷲއަށް ކުރެވޭ ތުހުމަތުތައް ވެސް ދޮގު ކުރައްވާފައެވެ.

ޝިފާއު ވިދާޅުވީ ސީސީޓީވީ ފޫޓޭޖް ބެލުމުން ވިފާގު ވެއްޓުނުތާ ގާތްގަނޑަކަށް 3 މިނެޓްގެ ތެރޭގައި ވިފާގު މަންމަ ޒީނަތު 10 ވަނަ ފްލޯއިން ގެއިން ނުކުމެގެން ފައިބައިގެން އަންނަ މަންޒަރު ފެންނަ ކަމަށާއި، އެސަރަހައްދު މަގުމަތީގެ ޕޭމަންޓު މަތީގައި ތިބި މީހުންނާ ވިފާގުގެ މަންމަ ޒީނައަތުއާ ދެމެދު ވާހަކަ ދެކެވޭ މަންޒަރު ފެންނަ ކަމަށެވެ. އެއަށްފަހު މަގު ހުރަސްކޮށް އެމްޕީއެލް ގޭޓް ސަރަހައްދަށް ދާ މަންޒަރު ފެންނަ ކަމަށާއި، އެސަރަހައްދުގައި ސައިކަލުގައި އިން މީހެއްގެ ފަހަތަށް އަރައި މާފަންނާ ދިމާލަށް އެސައިކަލު ދުއްވާލާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭރު އަތުގައި ފޯނެއް އޮތް ކަން ފާހަގަވާ ކަމަށެވެ.

ޝިފާއު ވިދާޅުވީ މި ސައިކަލަށް އަރައިގެން ޒީނާތު އެވަގުތު ދިޔައީ ހޮސްޕިޓަލަށް ކަމަށެވެ. ނަމަވެސް ވިފާގު ފޯނު ހިފައިގެން ޒީނަތު ގެއަށް ވަތް ކަމަށް ވަރަށް ބޮޑަށް ވާހަކަ ދެކެވޭ ކަމަށާއި، އެއީ ހަގީގަތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޝިފާއު ވިދާޅުވީ ފުލުހުން ސީނަށް އެޓެންޑްވެ، ވިފާގުގެ ފޯނު އޮތީ ކާކު އަތުގައިކަން ސާފުކުރުމަށްފަހު ޒީނަތުގެ ކޮއްކޮ ނާޒް އަބްދުﷲ ފުލުހުންނާ އެފޯނު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ޒީނަތު އޭރު އޮތީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި އެމަޖެންސީ އެޑްމިޓްކޮށްފައި ކަމަށް ޝިފާއު ވިދާޅުވިއެވެ.

ވިފާގު ދިރިއުޅޭ މ.ހޯސާވާ ބިލްޑިންގެ 10 ވަނަ ފްލޯގެ އެޕާޓްމަންޓަށް ފުލުހުން އެޓެންޑްވެ ސީން ޕްރޮސަސްކޮށްފައިވޭ. އެގޮތުން އެޕާޓްމަންޓްގެ ބެލްކަނީގައި ކުޝަން ޖަހާފައިވާ ލަކުނޑި ގޮޑިއެއް ބަހައްޓާފައި ހުރިކަން ފާހަގަކުރެވުނު. އަދި ސައި ބޮއެފައި ހުރި މަގެއް ފާރު މަތީގައި ހުރިކަން ފާހަގަކުރެވޭ. އެ މަގުގައި ފަތްތަކެއް ހުރި. ގްރީން ޓީއެއް ކަމަށްބެލެވޭ ފަތްތަކެއް ހުރި. ގޮޑީގެ ކުށަންގައި ފައިތިލާގެ ފްރެޝް މާކް ފާހަގަވާކަން ފާހަގަކޮށްލަން. ވިފާގު ވެއްޓުނު ބެލްކަނީގެ ފާރުގެ އުސްމިނުގައި 2 ފޫޓު 8 އިންޗި ހުރި. އަދި ބެލްކަނި ފާރުމަތީގެ ފުޅާމިނުގައި 10 އިންޗި ހުރި. ވިފާގު ވެޓިފައިވަނީ ގާތްގަނޑަކަށް 89 ވަރަކަށް ފޫޓުގެ މަތިންކަން ފާހަގަކޮށްލަން. ވިފާގު ވެއްޓުނު ސަރަހައްދުގައި އެމްޕީއެލްގެ ސަރަހައްދުގައި ތިބި މީހުންނާއި ތަހުގީގުގައި ސުވާލު ކުރުމުން ވިފާގު ޕިކަޕު ތެރެއަށް ވެއްޓުމަށްފަހު އެއްވެސް ހަރަކާތެއް ނެތް ކަމަށް ބުނެފައިވޭ. ވިފާގު ވެއްޓުނު ވަގުތު މޯބައިލް ފޯނަކާ އެއާޕޮޑް މަގުމައްޗަށް ވެއްޓިފައިވާކަން ފާހަގަކޮށްލަން. ފޯނު ނެގިފަރާތުގެ އަތުގައި ފޯނު އޮއްވާ ވިފާގު ފޯނު އަތުލާފައިވާކަމަށް ބުނެފައިވޭ. ސީސީޓީވީ ފޫޓޭޖް ބެލުމުން ވިފާގު ވެއްޓުނުތާ ގާތްގަނޑަކަށް 3 މިނެޓްގެ ތެރޭގައި ވިފާގު މަންމަ 10 ވަނަ ފްލޯއިން ގެއިން ނުކުމެގެން ފައިބައިގެން އަންނަ މަންޒަރު ފެނޭ. އެސަރަހައްދު މަގުމަތީގެ ޕޭމަންޓު މަތީގައި ތިބި މީހުންނާ ވިފާގުގެ މަންމަ ޒީނައަތު އަބްދުﷲ އާ ދެމެދު ވާހަކަ ދެކެވޭ މަންޒަރު ފެނޭ. އެއަށްފަހު މަގު ހުރަސްކޮށް އެމްޕީއެލް ގޭޓް ސަރަހައްދަށް ދާ މަންޒަރު ފެނޭ. އިރުކޮޅެއްގެ ތެރޭގައި އެސަރަހައްދުގައި ސައިކަލުގައި އިން މީހެއްގެ ފަހަތަށް އަރައި މާފަންނާ ދިމާލަށް އެސައިކަލު ދުއްވާލާ މަންޒަރު ފެނޭ. އޭރު އަތުގައި ފޯނެއް އޮތް ކަން ފާހަގަވޭ. މި ސައިކަލަށް އަރައިގެން ޒީނާތު އެވަގުތުގައި ހޮސްޕިޓަލަށް ދަނީ. ވަރަށް ބޮޑަށް ވާހަކަ ދެކެވިފައި އޮތް ކަމެއް ޒީނަތު ފައިބާފައި ފޯނު ނަގައިގެން އެޕާޓްމަންޓްގެ މައްޗަށް އެރިވާހަކަ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއްނޫން. ސީނަށް އެޓެންޑްވެ، ވިފާގުގެ ފޯނު އޮތީ ކާކު އަތުގައިކަން ސާފުކުރުމަށްފަހު ޒީނަތުގެ ކޮއްކޮ ނާޒް އަބްދުﷲ ފުލުހުންނާ އެފޯނު ހަވާލުކޮށްފައިވޭ.
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު

ޝިފާއު ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވިފާގު ވެއްޓުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އޭރު ވެސް އޭނާ ދިޔައީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އިމާރާތުން ވެއްޓުނު ދުވަހު ވެސް އައިޖީއެމްއެޗުން ފަރުވާ ހޯދާފައިވާ ކަމަށާއި، ވިފާގު ދިރިއުޅު ކޮޓަރިން ނަފްސާނީ ބައްޔަށް ކާ ބޭސްތައް ފެނިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިފާގު އަކީ ގދ.ފަރެސްމާތޮޑާ ބަގީޗާގެ ޒީނަތު އަބްދުﷲއާއި ގއ.މާމެންދޫ ބީޗް ވިލާ އިބްރާހިމް އަދުނާން އަނީސްގެ ކައިވެންޏަށް ލިބިފައިވާ ތިން ކުދިންގެ ތެރެއިން ދެވަނަ ކުއްޖާ އެވެ. ޒީނަތާއި، އަދުނާންގެ ކައިވެނި ނިމުމަކަށް އައިސްފައިވަނީ 9 އޭޕްރީލް 2003 ގައެވެ. އަދި ޒީނަތާއި، މާފަންނު ނިޔަދުރުގެ، އަހުމަދު ނާޒިމް ކައިވެނި ކުރީ އޭގެ 6 އަހަރު ފަހުން 30 ޖުލައި 2009 ގައެވެ.

މި ހާދިސާ ހިނގިއިރު މ. ހަސޯވާގެ އެޕާޓްމަންޓްގައި ދިރިއުޅެނީ ޒީނަތު އާއި ޒީނަތުގެ ފިރިމީހާ ނާޒިމްއާއި، ޒީނަތުގެ ދަރިފުޅު ވިފާގެވެ.

- ކޮމެންޓް