ބަރަހަނާ ފޮޓޯ ވީޑިއޯ ހިމަނައިގެން ޓެލެގްރާމް ޗެނަލްތައް ހިންގި މައްސަލައިގައި ހައްޔަރު ކުރި 3 މީހުން ވިކްޓިމައިޒްވި މީހުންގެ އަތުން ފައިސާ ހޯދާ ޖިންސީ ގުޅުންހިންގަން އެދުނު ކަމަށް ފުލުހުން ބުނެފިއެވެ.
ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހިންގި އޮޕަރޭޝަނުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިނިސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކާއި ގުޅިގެން ޗެނަލް ބަލާ ދިރާސާކޮށް، އެ ޗެނަލް ހިންގާ ގޮތާއި، ޗެނަލްގައި ޕޯސްޓްކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުގެ މައުލޫމާތު ތަހުގީގަށް އެއްކޮށް، ގާނޫނީ އިމުގެ ތެރެއިން ކޯޓު އަމުރު ހޯދާ ތަހުގީގާއި ގުޅޭ އެހެން އެޖެންސީތަކަށް ލިބިފައިވާ މައުލޫމާތު ހޯދާފައިވާ ކަމަށެވެ.
އަދި ފުލުހުން ބެލި ބެލުމުން އިނީޝިއަލް ސްޓޭޖުގައި މައުލޫމާތު ލިބުނީ އެ ޗެނަލްއަކީ "ދި ލީކްސް" ނަމަކަށް ކިޔާ ޗެނަލެއް ކަމާއި، މި ޗެނަލްގައި 534 ސަބްސްކްރައިބް ކޮށްފައި ތިބި މީހުންގެ އިތުރުން، ބަރަހަނާ މަންޒަރު ދައްކުވައިދޭ 350 ފޮޓޯއާއި 2400 ވީޑިއޯ ޕޯސްޓްކޮށްފައިވާ ކަމަށް އަޒީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ޗެނަލްގައި އުމުރުން 18 އަހަރުން ދަށުގެ ކޮންޓެންޓް ޕޯސްޓކޮށްފައިވާ ކަމަށެވެ. އެންމެ ބޮޑު ގެއްލުމަކަށް ފާހަގަވީ 18 އަހަރުން ދަށުގެ ކުދިންގެ ވަނަވަރުވެސް އިނގޭ ގޮތަށް ފޮޓޯ ޕޯސްޓްކޮށްފައި ހުރުން ކަމަށް އަޒީފް ވިދާޅުވިއެވެ.
މި ތަހުގީގާއި ގުޅިގެން މައުލޫމާތު ހޯދާ އެއްކުރުމަށްފަހު މި މައްސަލައިގައި ލިބިފައި ހުރި އެވިޑެންސަށް ރިއާޔަތްކޮށް މައްސަލައިގައި ހިމެނޭ 3 މީހުން އައިޑެންޓިފައި ކުރެވި އެ ފަރާތްތަށް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ. މައްސަލައިގައި ހިމެނޭ އިސްމާއިލް ޒަބީހު، މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ ޒަބީހު ބިރުދައްކާ ޓެލެގްރާމުގައި ފޮޓޯތައް ޕޯސްޓްކުރާނެކަމުގެ އިންޒާރު ދިނުމަށްފަހު މިކަން ހިނގައިދިޔަކަން ފާހަގަކުރެވެނީ. ޒަބީހު ހިންގާފައިވާ ކުށާއި ގުޅިގެން އޭނާގެ ފޯނު ބަލާ ފާސްކުރުމުގެ ތެރޭގައި މި ނޫނަސް ބައިވަރު ކުށްތައް ހިމެނޭ ކޮންޓެންޓްތަކާއި، ރޮމޯންސް ސްކޭމްގެ ބައިވަރު އަމަލުތައް ހިންގާފައިވޭ. ޒަބީހުގެ ފޯނުން ވިކްޓިމައިޒްވި މީހާ ފޯރުކޮށްދީފައިވާ މައުލޫމާތު ހިމެނޭ ފޮޓޯ އަދި ވީޑިއޯ ފެނިފައިވޭ.އިނިސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް
މި މައްސަލައިގައި ފައިސާގެ ޓްރާންސްސެކްޝަންތަކާއި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން، ނާސިފް އަލީ ފުލުހުންގެ ތަހުގީގަށް ހައްޔަރުކޮށް ފޯނު ބަލާ ފާސްކުރުމުގެ ތެރޭގައި ފޯނުންވެސް ބަރަހަނާ ފޮޓޯ އަދި ވީޑިއޯއާއި ފައިސާގެ މުއާމަލާތް ހިމެނޭ ބައިވަރު ކަންކަން ފެނިފައިވާ ކަމަށް އަޒީފް ވިދާޅުވިއެވެ.
މި މައްސަލައިގައި ނާފިސް އަލީ މި ޗެނަލް ހިންގާ ފަރާތްތަކާއި ބައިވެރިވެ ފައިސާގެ އަސްލު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާކަން ވެސް ފާހަގަކުރެވުނު. ޒުބައިރު އަލީގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތަކުގައި އޭނާ ހައްޔަރުކޯށް ފޯނު ބަލައި ފާސްކުރި އިރު އޭނާގެ ފޯނުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ނުވަތަ ސީ ސޭމް ކޮންޓެންޓް ޕޯސްޓްކުރުމަށާއި، ގިނަ އަދަދެއްގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތަށް އަދި އެހެން މީހުންނަށް މި ކަންކަން ކިޔައިދިނުމަށް ޒުބައިރު މަސައްކަތްކޮށްފައިވާކަން އޭނާގެ ފޯނުން ފާހަގަކުރެވިފައިވޭ.އިނިސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް
އަޒީފް ވިދާޅުވީ ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ހޯދަން ޒުބައިރު ޝައުގުވެރިކަން ހުންނަ އަދި ހޯދަން މަސައްކަތް ކުރާ އެއްޗެއް ކަމަށްވެސް މި ޗެނަލްތައް މެދުވެރިކޮށް ތަފާތު އެކި މީހުންނާއި ދައްކާފައި ހުރި ވާހަކަތަކުން އެނގިގެންދާ ކަމަށެވެ. އަދި އޭނާ މި އަމަލު ހިންގަމުން ދިޔައިރު، ވިކްޓިމައިޒްވި ފަރާތްތައް ޒުބައިރުއާއި ވާހަކަ ދައްކާ އެ ފޮޓޯތައް ނަގައިދިނުމަށް އެދިފައިވާ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ނާޒާއިޒް ގޮތުގައި ފައިސާ ހޯދުމަށް ޑިމާންޑްކޮށްފައިވާ ކަމަށް ވެސް އަޒީފް ވިދާޅުވިއެވެ.
އަޒީފް ވިދާޅުވީ މި އަމަލުގެ އިތުރުން ޒިކްޓިމައިޒްވި މީހުންނާއި ވާހަކަ ދެއްކުމުގެ ތެރޭގައި ޖިންސީ އަމަލު ހިންގުމަށްވެސް ޒުބައިރު އެދިފައިވާ ކަމަށްވެސް އަޒީފް ވިދާޅުވިއެވެ. މި ކަންތައްތަކަށް ރިއާޔަތްކޮށް ޒުބައިރު އަލީ ބެލުމުގެ ދަށަށްގެނެސް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އަޒީފް ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފޯނުތައް އަދި އިލެކްޓްރޯނިކް ޑިވައިސްތައް ބަލާ ފާސްކުރުމަށްޓަކައި ސައިބަރ ސަޕޯޓުގެ ޓީމާއި މި މަސައްކަތް ހަވާލުކޮށް، ޓެކްނިކަލް ޓީމުން މި މަސައްލައިގައި ތުހުމަތުކުރެވޭ 3 ފަރާތްތައް ހައްޔަރުކުރުމާއި ގުޅިގެން އެ ދުވަހުން ފެށިގެން އެ މަސައްކަތް ވަނީ ފަށާފައި.އިނިސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް
ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ހިންގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙް (29އ)އެވެ.
ފުލުހުން ބުނީ، މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ.
އޭގެ އިތުރުން، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ.
އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ. މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 34680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާކަމާ އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ.