ކ. މާލެ
|
11 ޖުލައި 2024 | ބުރާސްފަތި 00:07
ޓިޝޫ - ޓިޝޫގެ އެބްޒޯބަންސީ ނުވަތަ ޓިޝޫއަށް ތެތްކަން ދަމާ މިންވަރު އިތުރު ކުރުމަށް ކެމިކަލް ބޭނުން ކުރޭ
ޓިޝޫ - ޓިޝޫގެ އެބްޒޯބަންސީ ނުވަތަ ޓިޝޫއަށް ތެތްކަން ދަމާ މިންވަރު އިތުރު ކުރުމަށް ކެމިކަލް ބޭނުން ކުރޭ
ޕިންޓްރެސްޓް
ޓިޝޫ ކަރުދާސް ބޭނުން ކުރުން
ވަރަށް އަވަހަށް ތަށި ހިއްކާލަން ޓިޝޫއެއް ނެގުމުގެ ކުރިން އަމިއްލަ ނަފުސާ މެދު ވިސްނާލާ!
ޓިޝޫ ކަރުދާހުން ތަށިތައް ސާފުކޮށް ހިއްކާ ހެދުމަކީ އެންމެ ބުއްދިވެރި ގޮތަކަށް ނުވެދާނެއެވެ. ޓިޝޫ ކަރުދާހަކީ އެތައް ކެމިކަލެއް އޭގައި އެކުލެވޭ އެއްޗެކެވެ.

ތާ އަބަދުމެ އަވަދިނެތި ވަގުތު ކުޑަތަންވެގެން އުޅެން ޖެހިފައި އޮތް އަދުގެ ދުނިޔޭގައި، ކޮންމެ ކަމެއްވެސް ވީ އެންމެ ފަސޭހަ ގޮތަކަށް ނިންމާލެވޭތޯ އަހަރެމެން ބަލަމުއެވެ. ވެގެން ވިއްޔާ ހުރިހާ ދިމާއަކުންވެސް 'ޝޯޓްކަޓެއް' ނުނަގަނީ ކާކު ހެއްޔެވެ؟ ވަކިން ޚާއްޞަކޮށް، އާންމު ދިރިއުޅުމުގައި، ދުވަހުން ދުވަހަށް ނުވަތަ ގަޑިން ގަޑިއަށް ކުރަން ޖެހިފައި އޮންނަ މަސައްކަތްތަކަކީ ވީހާވެސް ހައްޓަށް ލުއި ގޮތަކަށް ކޮށް ނިންމާލެވޭ ކަމެއްތޯ ބަލަމުއެވެ. އެ ކަމެއް ކުރަން އެންމެ ގިނަ ބަޔަކު ފޫހިވާ، އަދި އެންމެ ގިނަ ވަގުތު އެކަމެއްގައި ހޭދަ ކުރަން ޖެހޭ މިފަދަ އެއް ކަމަކީ ތަށިތައް ދޮވެ ސާފުކޮށް ހިއްކުމެވެ.

އަނގަޔަށް މީރު އެތައް ވައްތަރެއް، ހިތް ފުރެންދެން ކާލައިގެން މިޞްރާބު ޖަހަން ޖެހިފައި އޮންނަނީ ސުފުރާ މަތި ހުސްކޮށް، ތަށިތައް ދޮވެ ސާފު ކުރުމާ ދިމާއަށެވެ. އަދުގެ ދިރިއުޅުން ބައްޓަން ކުރަން ޖެހިފައި އޮންނަނީ ޖާގައިގެ ދަތިކަމަށް އަހުލުވެރިވެގެންނެވެ. އެހެން ކަމުން، ތަށި ދޮވެ ހިއްކާ، ކަބަޑަކަށް ނުވަތަ އެ ނޫންވެސް ތަނަކަށް ލައި ރައްކާކުރަން އޮންނަނީ މަޖުބޫރުވެފައެވެ. ވަގުތަކީވެސް މިއަދު އިންތިހާއަށް ދަތި އެއްޗެއްތާއެވެ. މި ހުރިހާ ހައިޖާނެއްގެ ނަތީޖާއަކަށް ވަނީ، އެންމެ ފަސޭހައިން ލިބެން ހުންނަ ޓިޝޫ ކަރުދާހުން ތަށިތައް ފޮހެލެވޭ ގޮތް ވުމެވެ. ޑިޝް ރެކެއްގައި، ނުވަތަ ވައި ތެރޭގައި ބަހައްޓައިގެން ހިއްކާލާނެހާ ކެތްތެރި ކަމެއްވެސް ގިނަ މީހުންގެ ނުހުރެއެވެ. ގިނަ ފަހަރު، އެކަން އެހެން ކުރެވެން ނުވެސް އޮންނަނީއެވެ.

ކަން މިހެން އޮތެއް ކަމަކު، ޓިޝޫ ކަރުދާހުން ތަށިތައް ސާފުކޮށް ހިއްކާ ހެދުމަކީ އެންމެ ބުއްދިވެރި ގޮތަކަށް ނުވެދާނެއެވެ. ޓިޝޫ ކަރުދާހަކީ އެތައް ކެމިކަލެއް އޭގައި އެކުލެވޭ އެއްޗެކެވެ. ޓިޝޫ ކަރުދާހުން ތަށިތައް ފޮހުމަކީ އާދައަކަށް ހަދަންވެއްޖެއްޔާ، ތަށިތަކުގެ ރީތިކަންވެސް ގެއްލިދާގޮތް ވެދާނެއެވެ. ނުވިތާކަށް، ވެއްޓާވެސް މާ ދޯޅަ ކަމަކަށް ނުވެއެވެ. އަދި ކޮބައި ހެއްޔެވެ؟ ޖީބަށް ކުރާ ބާރުވެސް ފިސާރި ބޮޑުތާއެވެ.

ތަށި ހިއްކައި އުޅެނީ އާންމުކޮށް 3 ގޮތަކަށެވެ. ޑިޝްރެކެއްގައި ބަހައްޓައިގެން ހިއްކުމާއި، ތަށި ފޮހެން ޚާއްޞަ ތުވާއްޔަކުން ހިއްކުން އަދި ޑިޝްވޮޝަރގެ ބޭނުންވެސް ކުރެއެވެ. މަދު ޢަދަދެއްގެ ތަށިކޮޅެއް ލައިގެން ޑިޝްވޮޝަރ ޖެއްސުމަކީވެސް އެންމެ ކަމުދާ އިޚްތިޔާރެއް ނޫންތާއެވެ. ކޮންމެކޮންމެ ގެއެއްގައި ޑިޝްވޮޝަރއެއް ނުވެސް ހުންނާނެއެވެ. ނަމަވެސް، ވަގުތު ކުޑަތަންވެގެން ދަރިފުޅުގެ އިންޓަރވަލް ތައްޔާރުކޮށްލަން އުޅޭ އިރު ފަސޭހައަކަށް އަތް ދިއްކޮށްލެވެނީ ޓިޝޫ ކަރުދާހާ ދިމާއަށެވެ.މިއީ ޙަޤީޤަތެވެ. ހެދެނީ ކިހާ ބޮޑު ގޯހެއްކަން ނޭނގި، ބޭ އިޚްތިޔާރުގައި މި ކުރެވެނީ ކީއްހެއްޔެވެ؟ ފަހުގެ ހޯދުންތަކަށް ބުރަވާއިރު، ކައިބޮއި ހަދަން ބޭނުން ކުރާ ތަށިތަކަކީ އެއްވެސް ހާލެއްގައި ޓިޝޫ ކަރުދާހުން ސާފުކޮށް، ހިއްކަންވާނެ އެއްޗެއްސެއް ނޫނެވެ.

ތަށިތައް ސާފުކޮށް، ހިއްކަން ޓިޝޫ ކަރުދާސް ބޭނުން ކުރުން: ގޯހަކަށް ވަނީ ކީއްވެ؟

ތަށިތައް ސާފުކޮށް، ހިއްކަން ޓިޝޫ ކަރުދާސް ބޭނުން ކުރުމަކީ ގޯހެއް ނޫނޭ ހީކުރާނެ ޖާގައެއް މިހާރު ނެތެވެ. ބަލާ ބެލުމަށް ނުރައްކަލެއްގެ ގޮތުގައި ސިފަ ނުކުރެވުން އެކަށީގެންވެއެވެ. އާންމު ގޮތެއްގައި ޓިޝޫ ކަރުދާސް އުފައްދަނީ، ގަސްގަހުން ލަކުނޑި ކަނޑާ ހިމުންކޮށްގެންނެވެ. ޓިޝޫގެ އެބްޒޯބަންސީ ނުވަތަ ޓިޝޫއަށް ތެތްކަން ދަމާ މިންވަރު އިތުރު ކުރުމަށް ކެމިކަލް ބޭނުން ކުރެއެވެ. ބްލީޗްވެސް ކުރެއެވެ.

ޖޫސް ތަށި ބަންޑުންވެގެން ނުވަތަ ހަޑިވެފައި ވާ މޭޒުމަތި ސާފު ކުރަން ޓިޝޫ ކަރުދާސް ބޭނުން ނުކުރާށެކޭ ނުބުނާނަމެވެ. މައްސަލަ ޖެހެނީ، ތަށިތައް ސާފުކޮށް، ހިއްކަން އުޅޭ ހިސާބުންނެވެ.

ބްލީޗްގެ އިތުރުން، ޓިޝޫ ކަރުދާހަކީ ޑައިއާއި އެކި ޒާތްޒާތުގެ ސެންޓުތަކާއި ލޯޝަން ފަދަ އެތައް ކެމިކަލްއެއް ހިމަނައިގެން އުފައްދާފައިވާ ހުންނަ އެއްޗަކަށް އޮންނަނީ ވެފައެވެ. މާ "ފެންވަރުގެ" ޓިޝޫ ކަރުދާހެއް ނޫނެއް ކަމަކު ސަލާމަތެއް ނެތެވެ. އެންމެ އާދައިގެ ޓިޝޫ ކަރުދާހުގައިވެސް ފޯމަލްޑިހައިޑްއާއި ބިސްފެނޯލް (ބީޕީއޭ) އެކުލެވެއެވެ. އެމެރިކާގެ ނޭޝާނަލް ކެންސަރ އިންސްޓިޓިއުޓްއިން ބުނާ ގޮތުގައި ފޯމަލްޑިހައިޑްއަކީ ތަފާތު އެކި ވައްތަރުތަކުގެ ކެންސަރާ ގުޅިފައި އޮތް މާއްދާއެކެވެ. ބީޕީއޭގެ ސަބަބުން ދަރިމައިވުމުގެ ޞިއްޙަތާއި ހަށިގަނޑުގެ  މެޓަބޮލިކް މަރުޙަލާތަކަށް ނުރަނގަޅު އަސަރުތަކެއް ކުރުވައެވެ. ޓިޝޫ ކަރުދާހުގައި މި ކެމިކަލްތައް، ތައްޓަށް ވާސިލުވުން އެކަށީގެންވެއެވެ. ވަކިން ޚާއްޞަކޮށް ތެތްކޮށް ހުންނަ އިރު ވާސިލުވުމުގެ މަރުހަލާ ފަސޭހަވެއެވެ. ތަށީގައި ހަރުލާ ކެމިކަލްތައް، ކާބޯތަކެތީގެ ޒަރިއްޔާއިން ހަށިގަނޑުގެ ތެރެއަށް ގޮސް، ޞިއްޙީ ހާލަތު ދެރަވުމުގެ ނުރައްކާ އޮވެއެވެ.

ތިމާވެށީގެ ނަޒަރުން ބަލާއިރުވެސް ހަމަ އެ ހާލެއްގައެވެ. ޓިޝޫ ކަރުދާސް އުފެއްދުމަށްޓަކައި ޖަންގަލިތައް ކަނޑާ ހުސްކުރަން މަޖުބޫރުވެއެވެ. ބޭނުންކޮށް ނިމޭ ހިސާބުން، އެ އުފެދެނީ އިންތިހާ ކުންޏެވެ. ޓިޝޫ ކަރުދާހަކީ އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލާލަން ޖެހޭ އެއްޗެކެވެ. ބޭނުން ކުރަން އުޅުނު ކަމުގައި ވީ ނަމަވެސް ކުރަން މާ ފަސޭހަ ކަމެއް ނޫނެވެ. އެދެވިގެން ވާ ކަމެއްވެސް ނޫނެވެ. އެހެން ކަމުން، އާންމު ދިރިއުޅުމުގެ ކަންކަމުގެ ދާއިމީ ޒިންމާތައް، މިސާލަކަށް ތަށިތައް ސާފުކޮށް ހިއްކުން ކަހަލަ ކަމަކަށް ޓިޝޫ ކަރުދާސް ޚިޔާރު ކުރެވޭކަށް ނެތެވެ. ތާ އަބަދުމެހެން ޓިޝޫ ރޯލު ހުސްވެގެން އުޅެންޖެހެއެވެ. ޓިޝޫ ބޮނޑިއެއް ގެންގުޅުނަސް އެވަރެއްގައެވެ. ޚަރަދުތައް އިތުރު ވަމުން ދަނީ އިންތިހާ ހަލުވި ދުވެލީގައެވެ.

ރައްކާތެރި އިޚްތިޔާރުތައް

ޓިޝޫ ކަރުދާސް ބޭނުން ކުރާކަށް ކޮންމެހެން ނުޖެހެއެވެ. އަވަހަށް ތައްޓެއް ހިއްކާލަން ބޭނުން ނަމަ ކުރެވިދާނެ އެހެން ކަންކަންވެސް އެބަހުއްޓެވެ. އެންމެ ބުއްދިވެރި އެއް ގޮތަކަކީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ މައިކްރޯފައިބަރ ފޮތިކޮޅުތަކެއް ހޯދުމެވެ. ތަށި ފޮހުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކޮޓަން ތުވާލިވެސް ރަނގަޅުވާނެއެވެ. މިއީ ތަށިތަކަށްވެސް ގެއްލުން ކުޑަ އިޚްތިޔާރެކެވެ. ފެން ދަމާލެއްވެސް މާ ރަނގަޅެވެ. އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާކަށް ނުޖެހެއެވެ. ދޮވެ، ހިއްކާލީމާ އެ ވީއެވެ.

ކޮންމެހެން ޓިޝޫ ކަރުދާސް ބޭނުން ކުރަން ޖެހިދާނެ ޙާލަތަކަށް ތައްޔާރުވެ ހުންނަން ބޭނުން ނަމަ، ވެއްޓާ ރައްޓެހިކަން ކަށަވަރު ކުރެވޭ ބްރޭންޑެއްގެ ޓިޝޫ ކަރުދާސް ގަންނާށެވެ. އެއީ ރީސައިކަލްކޮށްފައި ހުންނަ ޓިޝޫއެވެ. އެވަރުން އަދި ނުނިމެއެވެ. ނުރައްކާތެރި މާއްދާތައްވެސް އެކުލެވިގެންނެއް ނުވެއެވެ.

ވަގުތާއި ހާލަތު ތަން ދޭނަމަ އެންމެ ރަނގަޅު ގޮތަކީ ޑިޝް-ރެކެއްގައި ބަހައްޓަންގެން ހިއްކާލުމެވެ. ނުވަތަ ބެމްބޫ (އޮނު) ނުވަތަ ސިލިކޯން ފަދަ އެއްޗެއް ބޭނުންކޮށް ތައްޔާރުކޮށްފައި ހުންނަ ޚާއްޞަ މެޓެއްވެސް ބޭނުން ކުރެވިދާނެއެވެ. ވައި ތެރޭގައި ބަހައްޓައިގެން ތަށިތައް ހިކުމުން، އިތުރަށް ފޮހޭކަށް ނުޖެހޭނެއެވެ. ވަގުތުވެސް ސަލާމަތް ވީއެވެ. ޞިއްޙަތަށް ގެއްލުވުމުގެ ނުރައްކަލާ މެދުވެސް ވިސްނުން ދުރުކޮށްލަދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް