ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 19:04
ހައްޖަށް ދިޔަ މީހަކު މީސް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯ އެއް
ހައްޖަށް ދިޔަ މީހަކު މީސް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯ އެއް
ޙައްޖު 1445
ހައްޖަށް ދިޔަ މީހެއްގެ ޝުޢޫރު - "ޓެންޓުތައް ހޫނުކަމުން ހީވަނީ އަވަނެއް ހެން، ފުރަތަމަ ދެ ދުވަހު ބައެއް އުމުރުން ދުވަސްވީ މީހުން ތިބީ ނުކައި!"
މެނޭޖްމެންޓްގެ އިހުމާލުން ނޫނީ މެނޭޖްމެންޓްގެ ނިންމުންތަކާއި ޢަމަލުތަކުގެ ސަބަބުން އުނދަނގޫތަކާއި ދިމާވި ކަމަށާއި ހައްޖުވެރިންގެ ހާލު ނުބަލާކަމަށް ހައްޖުވެރިޔަކު ވަނީ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި.

ހައްޖުގެ ކަންކަމުގެ އިންތިޒާމްތައް ފުރިހަމަކުރަން މަސައްކަތް ކުރާނެ ވާހަކަ އާއި ހައްޖުގެ އަޅުކަން ފަސޭހަ ކުރުމަށް މަސައްކަތްކުރާނެ ވާހަކަ ސަރުކާރުގެ ކަމާއި ގުޅުން ހުރި ފަރާތްތަކުން އައީ ފެށުނީއްސުރެ ދައްކަމުންނެވެ. ހައްޖަށް ދާ މިހުންގެ ކަންކަން ކައިރިން ބަލާނެ ކަަމަށާއި މި ފަހަރުގެ ހައްޖުގެ ކަންކަން އިހުނަށް ވުރެ ރަނގަޅުކަމަށް ވެސް އައީ ބުނަމުންނެވެ. ކޮންމެއަކަސް ޕީއާރު ވަރަށް ރަނގަޅެވެ! ހަމައެއް ވަނައެވެ. އެކަމަކު މިއީ ވެސް ޚިދުމަތެކެވެ. ހައްޖުގެ އިންތިޒާމްތަކުގެ ވާހަކަދައްކަން އެންމެ ރަނގަޅީ އެކަން ލޮލުން ދެކެ އަތުން ހިފި މީހެއްތާއެވެ. އެ ވާނީ ހައްޖުވެރިންނަށެވެ. މި ވާހަކަދައްކަން އެންމެ ރަނގަޅީ ހައްޖުވެރިންނެވެ.

"ހައްޖުގެ އަޅުކަން ފުރިހަމަ ކުރެވިއްޖެ. މިއަންނަ އަހަރަށް ރަނގަޅު ކޮށްލަންޖެހޭ ބައެއް ކަންކަން" މިހެން ބުނެ ހައްޖު ވެރިޔަކު ބަންޑުންކޮށްލާފައި ހުރި ޝުޢޫރުތަކަށް ބަލާލާނަމެވެ. މިއީ އާއްމު މީހަކު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓާއި އޭގައި ހުރި ބައެއް ވާހަކަތަކާއި މެދު އަޅުގަނޑު ދެކޭ ގޮތެވެ. ރަނގަޅު ކަމަކުން ފަށާނަމެވެ. އެ ހައްޖުވެރިޔާ ބުނާ ގޮތުން ޖުމްލަ ގޮތެއްގައި ކޯޕަރޭޝަންގެ މުވައްޒަފުންނާއި އެހީތެރިންގެ މަސައްކަތް ވަރަށް ފުރިހަމައެވެ. ރަނގަޅު ކަންކަމުގެ ވާހަކަ އެ ހިސާބުން ނިމުނީއެވެ. ދެން އޮތީ ހައްތަހާވެސް ޝަކުވާއެވެ. ހައްތަހާވެސް ނު ރަނގަޅުކަންކަމުގެ ވާހަކައެވެ.

ހައްޖުކޯޕަރޭޝަންގެ މުވައްޒަފުން ކިތަންމެ ރަނގަޅު ވިޔަސް މެނޭޖްމެންޓުގެ ފަރާތުން ނުރަނގަޅުކަން ކަން ފެނުނުކަން އެ ޕޯސްޓުން އެނގެން އެބަ އޮތެވެ. މެނޭޖްމެންޓްގެ އިހުމާލުން ނޫނީ މެނޭޖްމެންޓްގެ ނިންމުންތަކާއި ޢަމަލުތަކުގެ ސަބަބުން ހިގި ބައެއްކަންކަން އޭނާ ސިފަކުރަނީ 'ބްލަންޑަރސް' ގޮތުގައެވެ. މާނައަކީ ބޮޑެތި ގޯސްތައް ހައްޖު ކޯޕަރޭޝަންގެ މެނޭޖްމެންޓުން ހަދާފައިވާ ކަމަށް އޭނާ އަށް ޤަބޫލުކުރެވޭ ކަމެވެ. ސުވާލަކީ އެގޮތަށް މި ހައްޖުވެރިޔާ އަށް ވިސްނުނީ ކީއްވެގެންތޯ ކުރެވޭ ސުވާލެވެ. އެ ސުވާލުގެ ޖަވާބު އޭނާގެ ޕޯސްޓުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. ބައެއް ފަހަރު ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުމުގެ ސަބަބުން ހާޖީންގެ ވަގުތާއި ހަކަތަ ބޭކާރުވާން ޖެހުނު ކަމަށް އޭނާގެ ޕޯސްޓްގައި ބުނެފައިވެއެވެ. އަމުރުކުރަނީ ކާކުކަން، އަޑު އަހަންވީ ކާކުގެ ކަން ނޭނގި ނޫނީ ވާންވީ ގޮތެއް ނޭނގި ހައްޖާޖީން ތިބެން ޖެހުނުކަން މިކަމުން ހާމަވެއެވެ. ހައްޖުވެރިޔާގެ ހުށަހެޅުމަކީ މިފަދަ އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލްކަމާއި ތަޖުރިބާހުރި އައު މެނޭޖްމަންޓެއް ކޯޕަރޭޝަންއަށް ގެނައުމެވެ. އެހެންނަމަވެސް ހައްޖުގެ އަޅުކަން އަދާކުރާ އިރު ހައްޖުވެރިންނަށް ލުއިވާނެ އިންތިޒާމްތައް ހަމަޖެއްސުމަކީ ހައްޖުވެރިންނާއި ހަވާލުވާ މުޅި ޓީމުގެ ޒިންމާއެކެވެ. ކަންކަން ވިލަރެސްކުރުމުގެ އަމަލީ ތަޖުރިބާ ދަސްކުރާ މައިދާނަކަށް އެތަން ވެގެން ނުވާނެއެވެ. ހައްޖަށް ދާ އާއްމު މީހާ އަށް ބޮލުގަ ރިހުމަކަށް، ތަކުލީފަކަށް ކަންކަން ވެގެން ނުވާނެއެވެ. ކުރުކޮށް ބުނަނީ ނަމަ ހިންގުމުގައި ހަރުދަނާކަމެއް ނެތީތާއެވެ.

ދެވަނަ ކަމަކީ އެހީތެރިންނާއި ބަސް ލީޑަރުންނަކީ ދީނީގޮތުން ކަންކަން އޮޅުންފިލާފައިތިބި، ކޮންމެވެސް ވަރަކަށް އަރަބި ބަސް ދަންނަ، ގޫގުލްމެޕް ފަދަ އާދައިގެ އެޕްލިކޭޝަންތައް ބޭނުންކުރަން ދަންނަ އަދި މަޝާއިރު ތަކުގެ ރޫޓްތަކަށް ފަރިތަ ބަޔަކަށް ވާން ޖެހޭ ކަމަށް ބުނެ އޭނާ ދީފައިވާ ލަފައެވެ. މިބައިގައި ފާހަގަކޮށްފައިވާ ފުރަތަމަ ކަމަކީ ދީނީގޮތުން ކަންކަން އޮޅުންފިލާފައިތިބި ބަޔަކަށް ވުމެވެ. އެއީ ވަރަށް ރަނގަޅު ވާހަކައެކެވެ. އާއްމުން މައުލޫމާތެއް އޮޅުން ފިލުވާލަން ބޭނުން ވިޔަސް އެކަމަށް އިޖާބަދެވޭ ފެންވަރުގެ ބަޔަކަށް ބަސްލީޑަރުން ވުމަކީ ހައްޖަށް ދާ އާއްމު މީހާއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަރަބި ބަސް އެނގުމުގެ އިތުރުން ގޫގަލް އެޕް ފަދަ އާދައިގެ އެޕްލިކޭޝަންތައް ބޭނުން ކުރުން އެނގެން ޖެހޭ ކަމަށް އާއްމު މީހާ ބުނެފައިވާ ބުނުމުން އެނގުނު ކަމަކީ ބަސް ވެރިންގެ ގޮތުގައި އާދައިގެ ޓެކްނޮލޮޖީ އާއި ވަރަށް ބީރަށްޓެހި މީހުން ތިބިކަމެވެ. އަދި އެކަމުގެ ސަބަބުން ތަކުލީފުތަކަކާއި ލައިގަތްކަމެވެ. އެހެންކަމުން ޓެކްނޮލޮޖީ އަށް ތަންކޮޅެއް ހޭހަން، އަހުލުވެރި ބަޔަކަށް މިފަދަ ކަމަކާއި ހަވާލުވާ މީހުން ވުން ވަރަށް މުހިންމެވެ. ބަސްވެރިންގެ ގޮތުގައި ތިބޭ މީހުން ޓެކްނޮލޮޖީ އަށް ނުފަރިތަ ވުމުން ހައްޖުވެރިންނަށް ދޭން ޖެހޭ ޚިދުމަތް އެކަށީގެންވާ ގޮތުގައި ނުދެވޭނަމަ އެއީ މައްސަލައެކެވެ. މިފަދަ ކަންކަމަށް ބަލަންޖެހެއެވެ. ހަމަގައިމުވެސް ހައްޖު ވެރިޔާ އެ ބުނާ ފެންވަރުގެ މީހުން ރާއްޖޭގައި ވެސް މަދެއް ނޫނެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭން ވެސް ތައްޔާރަށް ތިބި މީހުން މަދެއް ނޫނެވެ. އެހެންވީމަ މިފަދަ ތަންތަނަށް ގެންދާ މީހުންގެ ފެންވަރު އޮޅުންފިލުވާ ބެލުމަކީ ކޮށްލުން ރަނގަޅު ކަމެއް ކަަމަށް ފެނެއެވެ. އެހެނީ އެ ކަމުގެ ސަބަބުން އެ ތަކުލީފާއި ކުރިމަތިލަނީ އާއްމު މީހާއެވެ.

ދެން އޮތީ ތިން ވަނަ ނުކުތާއެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ އެންމެ މުހިންމުބައެވެ.

ކޮރަޕްޝަންގެ ތުހުމަތު ނުކުރެވޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމް ކުރެވޭނެ މެނޭޖްމަންޓެއް ކޯޕަރޭޝަން އަށް ގެންނަންޖެހޭ. ކޮންމެ މީހަކުވެސް 85.000 ފުރިޔާ ދައްކައިގެން ހައްޖަށް އަންނައިރު އެ އަގާ އެއް ފެންވަރެެއްގެ ހިދުމަތެއް ލިބޭނެ ކަމަށް އެކްސްޕެކްޓް ކުރެވޭނެ. އެހެން ނަމަވެސް ލަންކާ މީހުންނާ އެއް ޓެންޓު ސަރަހައްދެއް ޝެއަރކޮށްފައިވާއިރު، އަދި އެއް މުތޮއްވިފެއް (އެޖެންޓެއް) ޝެއަރކޮށްފައިވާއިރު، ދިވެހިންނަށްވުރެ ނިސްބަތުން ކުޑަ އެއްޗެއް ލަންކާ މީހުން ހަރަދު ކޮށްފައިވާއިރު، ދިވެހިންނަށް މިނާގައި ދެވުނު ހިދުމަތަކީ ހަމަ ސުމެއް. ޓެންޓް ތަކުގައި ދިވެހިން ބައިތިއްބާފައިތިބީ ވަރަށް ލާއިންސާނީ ގޮތަކަށް. 300 މީހުންގެ ޖާގައިގެ ޓެންޓެއްގައި 500 މީހުން ބައިތިއްބާފައި ތިބިކަން ފާހަގަކުރެވުނު. ޓެންޓްތައް ހޫނުގަދަކަމުން ހީވަނީ އަވަނެއްހެން. ބައެއް ދިވެހިން ނިދީ ކައިރީގައިހުރި މިސްކިތެއްގަ.
ދިވެހި ހައްޖުވެރިއެއްގެ ބަސް

އެބުނީ ނިކަން ރަނގަޅު ވާހަކައެކެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މީހުން ފޮނުވުމުގައި ޚިޔާނާތާއި މަކަރާއި އޮޅުވާލުން ހިމެނޭކަމަށް ތުހުމަތުކުރުމަކީ ކޮންމެ ހައްޖާޖީއަކަށް ވެސް ލިބޭނެ ނުތަނަވަސްކަމެކެވެ. އިތުރަށް ފައިސާ ނެގުމާއި އަވަހަށް ހައްޖަށް ފޮނުވަ ދޭނެ ކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ފައިސާ ނަގާ ކަމަށް ވެސް ތުހުމަތުކުރެވުނެވެ. ހައްޖު ކޯޕަރޭޝަނުން އެފަދަ ކަމެއް ނުހިނގާ ކަމުގެ ޔަޤީންކަން ދެއެވެ. އަދި އެފަދަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވެސް ބުނެއެވެ. އެހެންނަމަވެސް ކޮރަޕްޝަންގެ ތުހުމަތު ނުކުރެވޭނެފަދަ ގޮތަކަށް ކަންކަން ދެފުށް ފެނުން މުހިންމެވެ. ހައްޖުވެރިޔާ ބުނި ފަދައިން ކޮންމެ މީހަކުވެސް 85.000 ފުރިޔާ ދައްކައިގެން ހައްޖަށް ދާ އިރު ކުރާ އުންމީދުތަކެއް ހުންނާނެއެވެ. އޭނާ ކުރި ހޭދަ އާއި ދެއްކި އަގާ އެއް ފެންވަރެެއްގެ ހިދުމަތެއް ލިބުމަކީ އޭނާ އެދޭނެ އެދުމެކެވެ. ހައްޖުވެރިޔާ އެ ކުރީ ނިކަން ރަނގަޅު ސުވާލެކެވެ.

ލަންކާ މީހުންނާ އެއް ޓެންޓު ސަރަހައްދެއް ހިއްސާކުރި އިރު، ހައްޖަށް ދިޔައީ އެއް އެޖެންޓެއް މެދުވެރިކޮށެވެ. އެހެން ކަމަށް ވާއިރު ދިވެހިންނަށްވުރެ ނިސްބަތުން ކުޑަ އެއްޗެއް ލަންކާ މީހުން ހަރަދުކުރާ ނަމަ އެކަމާއި އާއްމު މީހާ ސުވާލު އުފައްދާނެތާއެވެ. ދިވެހިންނަށް މިނާގައި ދެވުނު ހިދުމަތުގެ ފެންވަރަށް މި ހައްޖުވެރިޔާ ދިނީ ސުމެކެވެ. އެހެންވީމަ ހައްކަ ކަންކަން ގޯހުން ގޯހަށް ހިނގައްޖެތާއެވެ. ހައްޖުވެރިޔާގެ ހިތްހަަމަ ނުޖެހުން އެނގޭ އަނެއް ސަބަބަކީ ޓެންޓް ތަކުގައި ދިވެހިން ބައިތިއްބާފައިތިބީ ވަރަށް ލާއިންސާނީ ގޮތަކަށް ސިފަކޮށްފައިވުމެވެ. އެހެނީ 300 މީހުންގެ ޖާގައިގެ ޓެންޓެއްގައި 500 މީހުން ތިބުމެވެ. އަދި އެ ޓެންޓްތަކަކީ ހޫނު ގަދަވެފައި ތިބެން އުނދަނގޫ ޓެންޓްތަކަށް ވުމެވެ. އެއްވެސް ހާލެއްގައި ހައްޖުވެރިން ފަސްތަރީގެ ޚިދުމަތަކަށް އުންމީދެއް ނުކުރެއެވެ. އެހެންނަމަވެސް ނިދުމާއި ކެއިން ބުއިމުގައި ދުއްތުރާލެއް ނުޖެހި ހައްޖުގެ ކަންކަން ނިންމާލުމަކީ އެންމެ އާދައިގެ މިނުން އާއްމު މީހާ އެދޭނެ ކަމެކެވެ.

ފުރަތަމަ ދެދުވަހު ދިން ކެއުމުގެ ފެންވަރު ދަށްވުމަކީ ވެސް މި ހައްޖުވެރިޔާގެ ޝަކުވާއެކެވެ. އޭނާ ބުނާ ގޮތުން އެ ދެ ދުވަހު ދުވަސްވީ ގިނަމީހުންތިބީ ނުކައެވެ. އަރުތެރެއަށް ކާ އެއްޗެއް ލެވޭ ވަަރަށް ވުރެ އޭގެ ހާލަތު ގޯހީއެވެ. ކާއެއްޗެހި ފޯރުކޮށްދިނުމުގެ ނިޒާމް ބަލިކަށިވެފައި ދޯހަޅިއެވެ. އަނެއްކާވެސް އަނެއް ހިތްހަމަ ނުޖެހުމެވެ. ހައްޖުވެރިޔާގެ ވާހަކަތަކުން އެނގުނީ ކާއެއްޗެހި ފޯރުކޮށްދެވެނީވެސް އެތައް އިރެއްފަހުން ކަމެވެ. އެހެންކަމުން ހައްޖުވެރިން އަތުންނެގި ފައިސާއާއި އެއްވަރުގެ ހިދުމަތެއް ނުދެވުނީ މުތޮއްވިފާއި ގުޅިގެން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާތީ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހައްޖުވެރިޔާގެ ޕޯސްޓްގައިވެއެވެ. މި ހައްޖުވެރިޔާ ވަނީ މިކަން ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށަހަޅަން ގަސްތުކުރާކަމަށް ބުނެފައެވެ. އަދި ލާއިންސާނީ ގޮތެއްގައި ހާޖީންނާއިމެދު ކަންކަން ކޮށްފައިވާތީ އެކަންކަން ބަލައި ފިޔަވަޅު އެޅުމަށް މަޖްލީހަށާއި އެޗް.އާރް.ސީ.އެމް އަށް ހުށަހަޅަން ގަސްތުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ހައްޖުވެރިޔާ އެދެނީ ދެން ވެސް މީހުން ހައްޖަށް ގެންދާ އިރު ކުރީބައިގައި މަސައްކަތްކޮށްގެން ޖަމްރާތަކާ ކައިރިން މިނާގެ ޓެންޓް ހަމަޖައްސަން މަސައްކަތްކުރުމެވެ. ހައްޖުކޯޕަރޭޝަންގެ މުވައްޒަފުން ސައުދީގެ ޤާނޫނުތަކާއި ގަވާޢިދުތަކަށް ހުރުމަތްތެރިކޮށްހިތުމެވެ. ޕީ.އާރް ޖެއްސުމަށް ޖަމްރާތަކަށްދަނީ ހައްޖުކޯޕަރޭޝަންގެ ދިދަތައް ނަގައިގެން މުޒާހަރާކުރާ ބީދައިން ދާ ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ. މިކަމަކީ މަނާކަމެއް ކަމަށާއި ސެކުރިޓީ ބަލަހައްޓާ ސިފައިން، އެ ދިދަތައް ނުއުފުލުމަށް އެންގުމުންވެސް، ކިޔަމަންނުވެ އެކަން ތަކުރާރު ކުރަމުން ދިޔަކަން ފާހަގަ ކުރެވުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ އުދާސްތައް މި ހިސާބުން ނިންމާލީކީ ނޫނެވެ. "އަމީރުލް ހައްޖު އަދި ސަރުކާރުގެ ވުޒާރާތަކުގެ ވެރިން ތަންކޮޅެއް ގާތުން ކަންކަން ބަލަންފެނޭ" މަޝާއިރުތަކުގައި އަމީރުލް ހައްޖު އަދި މިފަހަރު ހައްޖަށް ވަޑަގެންނެވި މިނިސްޓަރުންނާއި ސަރުކާރުގެ ވެރިން ވީތަނެއް ނޭންގުން އެއީ އޭނާގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. އަދި ހައްޖުވެރިންގެ ހާލުބެލުމަށް އެއްވެސް ޓެންޓަކަށް އެއްވެސް "ވެރިއެއް" ވަޑައިނުގަންނަވާކަން މިއީ އޭނާގެ މާޔޫސްކަމެވެ. ވަރުވަރުން ވެރިން ތިއްބެއްކަމަކު އާއްމު މީހާގެ ހާލު ނުބަލާ ނަމަ އަދަދު ގިނަވުމަކުން ވާނެ ފައިދާ އެއް އޮންނާނެ ހެއްޔެވެ. ޓެންޓު ހޫނު ވުމާއި ކެއުމުގެ ފެންވަރު ދަށްވުން ފަދަ ޝަކުވާތައް މީސްމީޑިއާ އަށް އޮއްސާލަން ޖެހުނީ އެ އަޑު އަހަން ވެރިން އެތަނަށް ނުދިއުމުން ނޫންތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް