ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 08:32
ރޯމާ އަށް އިރުޝާދު ދެމުން އަންނަ ޑީ ރޮސީ
ރޯމާ އަށް އިރުޝާދު ދެމުން އަންނަ ޑީ ރޮސީ
ރޮއިޓާސް
ރޯމާ
ރޯމާ އިން ޑީ ރޮސީގެ އެއްބަސްވުން އައުކުރަނީ
ރޯމާ އާއެކު ޑީ ރޮސީ ސޮއި ކުރާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

އިޓާލިއަން ލީގުގެ ރޯމާ އަށް އިރުޝާދު ދެމުން އަންނަ، ޑެނިއެލް ޑީ ރޮސީގެ އެއްބަސްވުން އައުކުރަން އެ ކުލަބުން ނިންމައިފި އެވެ.

ރޯމާގެ ކޯޗުކަމާ އުމުރުން 40 އަހަރުގެ ޑީ ރޮސީ ހަވާލުވީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ހޯސޭ މޮރީނިއޯ މަގާމުން ވަކި ކުރަން ރޯމާ އިން ނިންމުމުންނެވެ. ރޯމާގެ ކޯޗުކަމާ ރޮސީ ހަވާލުވީ ކުރު އެއްބަސްވުމެއްގެ ދަށުން، މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ރޯމާގެ ނަތީޖާތައް ރަނގަޅުވާ ނަމަ، އެ ކުލަބުން އޮތީ އެއްބަސްވުން އައު ކުރުމަށް ތައްޔާރަށެވެ.

ޑީ ރޮސީގެ އިރުޝާދުގެ ދަށުން ރޯމާ އިން ކުޅުނީ 25 މެޗެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 14 މެޗުން މޮޅުވެފަ އެވެ. ފަސް މެޗުން ބަލިވެފައިވާއިރު، ހަ މެޗުން ވަނީ އެއްވަރުވެފަ އެވެ. މިވަގުތު ރޯމާ އޮތީ އިޓާލިން ލީގު ތާވަލްގެ ހަ ވަނައިގަ އެވެ. ފަހު މެޗުން މޮޅުވެ، ރޯމާ އަށް ފަސް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެެސް އެއީ އެޓަލަންޓާ އިން ކުޅޭ ފަހު މެޗުން އެ ޓީމު ބަލިވެއްޖެ ނަމަ އެވެ.

ރޯމާ އިން މިހާރު ނިންމާފައި ވަނީ ޑީ ރޮސީގެ އެއްބަސްވުން އައު ކުރުމަށެވެ. އެގޮތުން އެ ކުލަބުން އޭނާ އާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން، ރޯމާ އާއެކު ޑީ ރޮސީ ސޮއި ކުރާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ރަސްމީކޮށް ހާމަކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޑީ ރޮސީ އަކީ 2001 ވަނަ އަހަރުން ފެށިގެން، 2019 ވަނަ އަހަރަށް ރޯމާ އަށް ކުޅުނު ކުޅުންތެރިޔެކެވެ. އޭނާ ވަނީ އެ ކުލަބުގައި 18 ސީޒަން ހޭދަކޮށްފަ އެވެ. އެ މުއްދަތުގައި ޑީ ރޮސީ ވަނީ ރޯމާ އަށް 616 މެޗު ކުޅެދީ، 63 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އިޓާލިއަން ކަޕް ދެ ފަހަރު، އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ. އޭނާ އަކީ އިޓަލީ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔެކެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 117 މެޗު ކުޅެދީ، 21 ލަނޑު ޖަހައިފަ އެވެ. އިޓަލީން 2006 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގައި ވެސް އޭނާ ހިމެނެ އެވެ.

ރަސްމީކޮށް ކުޅުން ހުއްޓާލުމަށްފަހު، ޑީ ރޮސީ ކޯޗިން ކެރިއަރު ފެށީ 2022 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ ކޯޗިންގެ ކެރިއަރު ފެށީ އިޓަލީގެ އެސްޕީއޭއެލް އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް