އިތުރު ފަރުވާއަށް ދޯހާ އަށް ގެންދިޔަ ޣައްޒާގެ ޒުވާނުން، ސަގާފަތް ދިރުވުމުގައި މުޅި ދުނިޔެއަށް މިސާލެއް!
މުސަހަރާތީންނަކީ މެންދަމުން އަލިވެ، ފަތިސް ވަމުން ދާ ވަރަކަށް، ރޯދައަށް ހުރުމަށްޓަކައި ހާރު ކެއުމަށް އަވަށްޓެރިންނަށް ގޮވާ މީހެއް

އެމީހުން ކިޔައިދިން ގޮތުގައި، ބޭނުމަކަށް ވީ، އިޒްރޭލުން ގަތުލުއާންމު ފެށުމުގެ ކުރިން ޣައްޒާގައި އޮތް މުސަހަރާތީގެ ސަގާފަތް ދޯހާގައި އާލާކުރުން
ދިރިއުޅުމުގެ މައިދާނުގައި ހީވެސް ނުކުރާ ފަދަ އިމްތިހާނުތަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވީ ނަމަވެސް، ހިތްވަރާއި ސާބިތުކަމާއެކު ކުރިއަށް ދިއުމަށް ގަދަ އަޅާ މަސައްކަތް ކުރާ ބައެއްގެ މިސާލު މިހާރު އެންމެ ސާފުކޮށް ފެންނަމުން ދަނީ، ނިރުބަވެރި އިޒްރޭލުން މުއްދަށުލާފައި އޮތް ފަލަސްޠީނުގެ ޣައްޒާގެ ރަށްވެހިންގެ ކިބައިންނޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި، އުމުރު ދުވަހަށް ނުކުޅޭ މީހުންނަށް ވެފައި ތިބި މީހުންގެ އަދަދު މަދެއް ނޫނެވެ. ޣައްޒާއިން ސިއްހީ ފަރުވާއެއް ލިބެން ނެތުމުގެ ސަބަބުން، ކައިރި ގައުމުތަކަށް ހިޖުރަ ކުރި މީހުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެ މީހުންގެ އާއިލާ އަދިވެސް ޣައްޒާގައެވެ. ދިރިހުރި ކަމެއް ނުނީ ތާ އަބަދަށް ވަކިވެ ދިޔައީ ނޫން ކަންވެސް ނޭނގެއެވެ.
އިޒްރޭލުގެ އުދުވާންތަކުގައި ޣައްޒާއިން ސީރިއަސް ޒަޚަމްތަކެއް ލިބުނު ބައެއް މީހުންގެ ތެރެއިން، އިތުރު ފަރުވާއަށް ގަތަރަށް ބަދަލު ކުރި ބައެއް މީހުންގެ ކިބައިން ފެންނަނީ، ކުރިން މި ދެންނެވި ފަދަ ގަދަ ހިތްވަރާއި ސާބިތު ކަމެވެ. ރަމަޟާން މަހުގެ ރޫޙު ދިރުވާ އާލާ ކުރުމުގައި ޝާމިލުވެ އުޅެނީ ހިތާ ރޫހުން އެކަމަށް އެދިގެންނެވެ. ވަކިން ހާއްސަކޮށް، ހާރު ކެއުމަށްޓަކައި އަވަށްޓެރިން ހޭލެއްވުމަށް މެދުއިރުމަތީގެ ގައުމުތަކުގައި އޮންނަ މުސަހަރާތީ ސަގާފަތް ދިރުވާ، އާލާ ކުރުމުގައި ޣައްޒާގެ ރަށްވެހިންގެ ދައުރު ބޮޑެވެ.
މުސަހަރާތީންނަކީ މެންދަމުން އަލިވެ، ފަތިސް ވަމުން ދާ ވަރަކަށް، ރޯދައަށް ހުރުމަށްޓަކައި ހާރު ކެއުމަށް އަވަށްޓެރިންނަށް ގޮވާ މީހެކެވެ. އޭނާ އެކަން ކުރަނީ ވަކި ރާގަކަށް ބެރެއްގައި ޖަހަމުން، ވަކި އެއްޗެހިތަކެއްވެސް އަޑުކޮޅަށް ގޮވަމުންނެވެ. ފަލަސްޠީނުގެ ރަމްޒެއް ކަމަށްވާ ކީފިއްޔާ އަޅައިގެން ތިބި ޒުވާނުންގެ މި ގުރޫޕުގެ މަސައްކަތަކީވެސް މިއަދު އެއީއެވެ. ބެރުވެރިއަކަށް އެ ހުރީ މިއުޒީޝަނެއް ކަމަށްވާ އަޠާ ޒުހުރީއެވެ.
ބެރުގައި އޭނާ ޖަހަމުން އެ ދަނީ އިޒްރޭލުގެ އުދުވާންތަކުގައި އޭނާގެ އަތަށް ލިބުނު އަނިޔާއަށްފަހު ބާކީ އޮތް ބައި ބޭނުން ކޮށްގެންނެވެ. އިތުރު ފަރުވާއަށް ދޯހާއަށް ގެންދެވުނު ޣައްޒާގެ ޒުވާނުން، ހާރު ކެއުމުގެ ޒަމާންވީ އާދަކާދައެއް ދިރުވަމުން ދާ މަންޒަރު ބެލުމަށް، އެ ސަރަހައްދުގެ އަވަށްޓެރިންވެސް މަގުތަކަށް ނުކުމެއެވެ.
ޒުހުރީ ކިޔައިދިން ގޮތުގައި، އޭނާގެ ބޭނުމަކަށް ވީ، އިޒްރޭލުން ގަތުލުއާންމު ފެށުމުގެ ކުރިން ޣައްޒާގައި އޮތް މުސަހަރާތީގެ ސަގާފަތް ދޯހާގައި އާލާކޮށް، ޣައްޒާއިން ނުނިކުމެވިފައި ތިބި އާއިލާ މެންބަރުންނާ ރަހުމަތްތެރިންގެ މަތިން ހަނދާން ކުރުން ކަމަށެވެ. ޒުހުރީއަކީ މުސަހަރާތީއެއްގެ ގޮތުގައި މިދިޔަ 13 އަހަރު، ހާރަށް މީހުން ހޭލެއްވުމުގައި ޝައުގާއެކީ އުޅެމުން ދިޔަ މީހެކެވެ.
އިތުރު ފަރުވާއަށް ދޯހާއަށް ގެންދިޔަ ދަރިފުޅު ދެކިލުމުގެ އުންމީދުގައި މިސްރުން ގަތަރަށް ދިޔަ އަންހެނަކު ބުނި ގޮތުގައި، މުސަހަރާތީން ފެނުމުން، ހިތްވަރު އިތުރުވެއެވެ. އަދި ޣައްޒާގެ ދެކުނުގައި ތިބި މީހުންގެ ހަނދާންތައް އައު ވުމުން ހިތަށް އެވާ އުނދަގޫތަކާއި އަޅާ ވޭނަށްވެސް ލުޔެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.
ލިބޭ މިންވަރަށް އީމާންވުމުގައިވެސް ޣައްޒާގެ ރަށްވެހިންގެ ފަރާތުން ފެންނަނީ ހިތްގައިމު މިސާލެކެވެ.
ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކާއެކު ސޯނާ ގަޑިތަކާއި، ސްމަރޓްފޯނުތައް ތައާރަފުވެގެން އައެއް ކަމަކު، އެތައް ގަރުނަކަށް ދެމިގެން ގޮސްފައިވާ މުސަހަރާތީންގެ ސަގާފީ އާދަކާދަ، މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުން އަދިވެސް ސިލްސިލާ ގޮތެއްގައި ފެނެއެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައިވެސް އެފަދަ ގޮތަކަށް ބެރު ޖަހާ އުޅުނުކަން ތާރީޚުގެ ލިޔެކިޔުންތަކުން އެނގެން އެބަހުއްޓެވެ. އެގޮތުން ރަމަޟާން މަހުގެ ރޭގަނޑު 2 ވަގުތެއްގައި ދަންބެރު ޖަހާކަމަށްވެއެވެ. ފުރަތަމަ ބެރު ޖަހަނީ 11 ޖަހާއިރުއެވެ. 2 ވަނަ ބެރު ޖަހަނީ މެންދަމުން އަލިވެ 2 ޖަހާކަންހާއިރުއެވެ. ތުރުކީ، މޮރޮކޯ، ސައުދީ އަރަބިއްޔާ އަދި ސޫރިޔާގައިވެސް މި އާދަ ދަމަހައްޓައެވެ. ވަކިން ހާއްސަކޮށް، ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުތަކުގައެވެ. އެ ސަރަހައްދުތަކުގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންގެ ތެރޭގައި، ޣައްޒާގެ ރަފަހުގައި މުސާހަރާތީންގެ ގޮތުގައި އުޅުނު މީހުން އަދިވެސް އެބަ ތިއްބެވެ.



