ކ. މާލެ
|
13 މާރޗް 2024 | ބުދަ 11:17
މާލޭ މަގުމަތި
މާލޭ މަގުމަތި
ސޯޝަލް މީޑިއާ
ނަމާދު
ފަރުޟު ފަސް ނަމާދުނުކޮށް ހިފާ ރޯދައިގެ ފައިދާއެއް ނެތް
 
ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ތަނބު
 
ގިނަ ދިވެހިންނަށް ނަމާދެއް ކޮށްލުމަށް 20 – 15 މިނަޓު ހޭދަކޮށްލުން ވަނީ ބޮޑުކަމަކަށް
 
ފަސް ވަގުތު ނަމާދު އަދާނުކޮށް ރޯދައަށް ތިބެގެން ޘަވާބާއި ދަރުމަ ލިބޭނެކަމަށް ދެކުމަކީ މޮޔަކަމެއް

ނަމާދަކީ މުސްލިމެއްގެ ގޮތުގައި ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމަށްފަހު ކޮންމެ މީހަކުވެސް ކުރަންޖެހޭނެ އެންމެ މުހިއްމު އަޅުކަމެވެ. މިއީ އިސްލާމުދީނުގެ ދެވަނަ ތަނބެވެ. އަދި މިއީ އިސްލާމުކަމާއި ކާފިރުކަމާ ދެމެދު އެޅިފައިވާ ހުރަސް ފާރު ވެސް މެއެވެ. ތިމާ ހަޔާތުގައި އެދޭ ކަންތައްތައް ﷲގެ ހަޟްރަތުގައި ދެންނެވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިއްމު އަޅުކަމަކީ ނަމާދެވެ. ދިމާވާ އެކިއެކި މުސީބާތްތަކުން މިންޖުކޮށްދެއްވުމަށާއި ދިރިއުޅުން އުޖާލާކުރުމަށްވެސް ތިމާ އެދެން ހުރި ހަމައެކަނި ފަރާތަކީ ވެސް ﷲއެވެ.

ނަމާދަކީ ކޮންމެހެންވެސް އަދާކުރަންޖެހޭ އަޅުކަމެއްކަން އެންމެން ވެސް ދަންނާނެކަން ޔަގީނެވެ. ނަމަވެސް ހިތާމައަކީ، ކޮންމެހެން އަދާކުރަންޖެހޭ މި އަޅުކަން އެނގިހުރެ ގިނަ ދިވެހިން އަދާނުކުރުމެވެ. އެއަށްވުރެން 'ލައިފް' ބިޒީ ވަނީއެވެ. އޮފީހުގައި މަސައްކަތް ބުރަވުމާއި ރައްޓެހިންނާ އެކު ކޮފީއަށް ދިއުމާއި ލޯބިވެރިޔާއާއެކު ފިނިބުރު ޖަހާލަން ދިޔުމާއި ކުޅިވަރު ކުޅެން ދިޔުން، މިއީ ގިނަ މީހުން ސިފަކުރާ "ބިޒީ ލައިފް" އެވެ.

ދަންނަވަންތޯއެވެ. ނަމާދަކީ ބިޒީވުމުން އުޒުރު ދެއްކޭނެ ކަމެއް ނޫނެވެ. ނަމާދުކުރުމަށް ހުސްވަގުތު ތިމާ ފަހަތަކުން ނާންނާނެއެވެ. ތިމާ ޖެހޭނީ އެ ވަގުތު ފަހަތުން ދުވާށެވެ. އެހެންނޫނީ ދުވަހަކު ވެސް ވަގުތު ލިބޭނެކަމަކަށް ނުވާނެއެވެ. ދުވާލެއްގެ މައްޗަށް ފަސް ނަމާދު ކުރުމަށް ފަރުޟުކޮށްފައިވާއިރު، އެއިން ކޮންމެ ނަމާދެއް ކޮށްލުމަށް 20 – 15 މިނަޓު ހޭދަކޮށްނުލެވުމަކީ ހަގީގަތުގައިވެސް ވަރަށް ދެރަ ކަމެކެވެ.

ނަމާދަށް ކަންދައްކާ މީހުން ވެސް މަދެއް ނޫނެވެ. މީހުންނަށް ތިމާއަކީ ބޭރުފުށުން ހެޔޮމީހެއް ކަމަށް ދައްކަން މިސްކިތައް އަރާ މީހުން ވެސް އުޅެއެވެ. އެމީހުންގެ ހިތުގައި ނަމާދަށް އޮންނަ ހުޝޫއަތްތެރިކަމެއް ނޯވެއެވެ. ހުސް ހަރަކާތެއް ކޮށްލުމަށްފަހު ސަލާމް ދިނުމާއެކު ފުންމައިގެން ތެދުވެ މިސްކިތުން ނުކުންނަނީއެވެ. ހަމަ މިފަދައިން، ހުކުރު ދުވަހު ޚުތުބާ ކިޔަމުންދާ ގަޑީގައި މަގުމަތީގައި ގްރޫޕް ހަދައިގެން ސަކަރާތްޖަހައި ހީ ސަމާސާކޮށްހަދާ މީހުން ވެސް އުޅެއެވެ. ޚުތުބާގައި ދައްކާ ވާހަކައަކާ މިފަދަ މީހުންނާ ވާ ކަމެއް ވެސް ނޫނެވެ. މިފަދަ މީހުން ހުކުރަށް ދަނީ ހުކުރު ނަމާދު ކުރާހިތަކުން ނޫނެވެ. ހުކުރު ނަމާދު ނުކުރަމޭ ނުބުނަންވެގެންނެވެ. މިއީ، މި މުޖުތަމަޢުގައި އާއްމުވެފައިވާ ވަރަށް ދެރަ ސިފައެކެވެ. ހުކުރު ދުވަހުގެ ޚުތުބާ އަޑުއެހުމަކީ ކިހާ މުހިއްމުކަމެއް ކަން ނޭންގެނީ ބާވައެވެ؟

އަޅުގަނޑުމެން މިހާރު މި ކަޑައްތުކުރަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. އަޅުކަމުގައި އެންމެ ހަރަކާތްތެރިވާންވީ ދުވަސްތަކެވެ. ގިނަގިނައިން ﷲގެ ހަޟްރަތުގައި ދަންނަވާ، ޛިކުރުކޮށް ދުޢާ ކުރަންވީ މައްސަރެވެ. އެހެނިހެން މަސްމަހުގައި އެއް ސަފު ކިރިޔާ ފުރޭ މިސްކިތްތައް ރަމަޟާންމަހު އާދަޔާޚިލާފަށް ފުރި ބާރުވެއެވެ. ރޯދަމަހަކީ އަޅުކަންކުރާ މަހަށްވެފައި ދެން ހުރި މަސްތަކުގައި އަޅުކަންތަކަށް "ދެން އޯކޭ ވާނޭ" ކިޔާ މީހުން ވެސް އުޅޭނެއެވެ. އެމީހެއްގެ ނިޔަތް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲ ސުބުހާނަހޫ ވަތަޢާލާއެވެ. އަދުގެ ހާލަތަށް ބަލައި މިފަދަ މީހުން ނޫޅެއެކޭ ވެސް ނުބުނެވޭނެއެވެ.

ރޯދައަށް މުޅި ދުވަހު ހަތަރުދަމު އެއްޗެއް ނުކައި ނުބޮއި ހުންނަނީ ﷲ އަށްޓަކައެވެ. ދެން ކަންދެއްކުމަށް ނަމާދުކުރުމާއި ނަމާދު އެޅީމާ އެ ޖެހުނީ ކޮންތާކު ހެއްޔެވެ؟ ﷲ އަށްޓަކައި އެއް އަޅުކަން އަދާކޮށް އަނެއް އަޅުކަން ދޫކޮށްލާމީހާއަށް ﷲއަށްޓަކައި އެ އަދާކުރި އަޅުކަމުން ވަކި ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ދުވާލު ފަސް ވަގުތު ނަމާދު އަދާނުކޮށް ރޯދަހިފުމުން ރޯދައިގެ ޘަވާބާއި ދަރުމަ ލިބޭހެއްޔެވެ؟ ނަމާދު އަދާނުކުރަނީނަމަ ނުވަތަ ކަންދެއްކުމަށް ކުރަނީނަމަ، ބޭކާރުގޮތުގައި ހުސްބަނޑާ ރޯދައަށް ހުރުމުގެ ބޭނުމެއް ނެތްތާއެވެ.

މިއީ، ހުރިހާ އެންމެން ވެސް ސަމާލުކަންދޭންވީ އެންމެ މުހިއްމު އެއް ކަންތަކެވެ. ނަމާދަށް ފަރުވާކުޑަކުރެވޭ މީހާވެސް މި ރަމަޟާން މަހަކީ ތިމާއަށް މިކަންކަން ރަނގަޅުކުރުމަށް ﷲ ދެއްވި ފުރުސަތެއް ކަމުގައި ބަލާށެވެ. މާތް ﷲ އަޅަމެން އެންމެންނަށް ހެޔޮ ތައުފީގު ދެއްވާށި. އާމީން.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް