ކ. މާލެ
|
12 މާރޗް 2024 | އަންގާރަ 14:36
މަޖިލީހިގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ވަނީ މި ޖަލްސާފައި ފާސްކޮށްފައި
މަޖިލީހިގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ވަނީ މި ޖަލްސާފައި ފާސްކޮށްފައި
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މެންބަރުންގެ އަދަދު
ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާކަމަށް ބުނެ މެންބަރުންގެ ކަންބޮޑުވުން
 
މިކަމަކީ ސަރުކާރުން ސުޕްރީމްކޯޓު މެދުވެރިކޮށް މަޖިލީހުގެ ބާރުތަކަށް އަރައިގަތުން
 
މެންބަރުންގެ އަދަދު 80 ކަމަށް ފާސްކުރުމަށް މެންބަރު ސައުދު ހުށަހެޅި ހުށަހެޅުން ވަނީ ފާސްކޮށްފައި

ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާކަމަށް ބުނެ މެންބަރުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދާއި ގުޅިގެން ސުޕްރީމްކޯޓުން ނެރެފައިވާ ހުކުމާއި ގުޅިގެން، އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ގިނަ މެންބަރުން ވަނީ ސުޕްރީމް ކޯޓަކަށް މަޖިލީހުގެ ކަންކަމާއި ނުބެހެވޭނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ބައެއް އިތުރަށް ބޭއްވުމާއި ނުވަތަ އުނިކުރުމާއި ދެމެދުގައި ވިސްނާވަދައިގަތުމަށް އެދިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް އޭނާ ދެކޭގޮތުގައި މަޖިލީހުގެ ގަވާއިދުގައި އޮތް މާއްދާތައް ދެމި އޮތްއިރު، މަޖިލީހުން އިތުރު ހިޔާލަކަށް އެދުމަކީ ހަމަޖެހޭކަމަކަށް ނުވާނެ ކަމަށެވެ. އަދި އެ މާއްދާތަކަކީ ދެމި އޮތް މާއްދާތަކެއް ކަމަށާއި، އެ މާއްދާތައް ސުޕްރީމްކޯޓުން އުވާނުލާ ކަމަށެވެ.

ސުޕްރީމް ކޯޓަކަށް އެކަން ނުކުރެވޭނެ މިވަގުތު އެކަން އޮތްގޮތަށް ބަލާކަމުގައިވަނީނަމަ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

މެންބަރު އިމްތިޔާޒުގެ ވާހަކައާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ 242ގެ 1 ވަނަ މާއްދާ އުނިކުރެވިފައި ނުވާ ކަމަށާއި، މަޖިލީހުގެ ގަވާއިދަށް އުނިއިތުރެއް ގެންނަނީ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެ މާއްދާ ބާތިލްނުކުރާނަމަ މަޖިލީހުން އެކަމަށް ގޮތެއް ނިންމަވާނެ ކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމެއް އޮތުމުން އެ ހުކުމާ އެއްގޮތަށް މަޖިލިސް ކުރިއަށްގެންދެވޭނެ ގޮތެއް ގާނޫނު އަސާސީގައި ބަޔާންކުރާގޮތަށް މަގެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގާނޫނު އަސާސީން ސުޕްރީމް ކޯޓުގެ މައްޗަށް ލިބިދީފައިވާ ބާރުގެ ދަށުން ކުރެވިފައިވާ ހުކުމަކަށް ވާތީ އެ ހުކުމަށް ތަބާވާންވެސް ބޭނުންވޭ. އެހެންނަމަވެސް މަޖިލީހުގެ ގަވާއިދުން އެ މާއްދާ ސުުޕްރީމްކޯޓުން އުނިކޮށްފައި ނެތީމަ އެއަށް މަޖިލީހުން ގޮތެއް ނިންމަންޖެހޭ މިކަމުގައި. އެހެންވެ އެ މާއްދާ އުނިކޮށްދެއްވުން މުހިންމު. އަދި މަޝްވަރާއަކަށް ނޫން، ފްލޯއަށް އެކަން މި ހުށަހެޅީ މާއްދާ އުނިކޮށްދޭންއެދި
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

މި މައްސަލައާއި ގުޅޭގޮތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅުނީ މަޖިލީހުން ފާސްކުރިކުރުމާއި ގުޅިގެން އެއީ ގާނޫނު އަސާސީއާއި ހިލާފުކަމެއް ކަމަށެވެ. އެހެންކަމުގައިވާނަމަ މަޖިލީހުން ނިންމާ ކޮންމެ ކަމެއް ސުޕްރީމް ކޯޓުން ނިންމަންޖެހޭނީ ގާނޫނުއަސާސީއާއި ތައާރަޒުވާކަމެއްތޯ ނުވަތަ ނޫންތޯ ކަމަށެވެ.

އަދި މެންބަރުންގެ އަދަދުގެ މައްސަލައިގައި މަޖިލީހުގެ ނިންމުމަކީ ގާނޫނު އަސާސީއާއި ތައާރަޒުވާ މައްސަލެއްކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ނުވާ ކަމަށާއި، އެ މާއްދާ އުވާލަން ނުޖެހޭ ކަމަށެވެ.

އެއަށް ގޮތެއް ނިންމަންޖެހޭނީ ސުޕްރީމް ކޯޓުން. ސުޕްރީމް ކޯޓަށް އެއަށް ގޮތެއް ނިންމަން ދިޔަ ފަރާތުން އަނެއްކާވެސް ދާންޖެހޭނީ ގޮތެއް ނިންމަން.
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު

މި މައްސަލައިގައި ބަހުސްކުރައްވަމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މި މައްސަލައަކީ މަޖިލީހުގެ ތަޅުމުން ނިންމަންޖެހޭ ކަމެއް ކަމުގައި ގަބޫލެއްނުކުރެވޭ ކަމަށެވެ. އަދި ބާރުތަކަށް ބަލާއިރު، މަޖިލީހުން ކުރާ ދެކަމަކާއި ގުޅޭގޮތުން އެކަމަށް އެއްޗެއް ބުނެވޭއިރު، އެއްކަމަކީ ގާނޫނު އަސާސީއާއި ހިލާފަށް ކަމެއް ކުރުމާއި، މާނަކުރުމުގައި މައްސަލައެއް އުޅޭނަމަ ސުޕްރީމް ކޯޓުން ބަސް ބުނެވިދާނެ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުގެ ނިންމުން އައުމުގެ ކުރިން ގަވާއިދު ކޮމިޓީން ނިންމުމެއް ނިންމާފައިވާ ކަމަށާއި، އެހެންކަމުން ގަވާއިދު ކޮމިޓީގެ ނިންމުމަށް ސުޕްރީމް ކޯޓުން އެއްޗެއް ނުބުނާހާ ހިނދަކު އެއަށް އަަމަލުކުރެވޭނެކަމަށެވެ.

އަޅުގަނޑުމެން މިވަނީ ސުޕްރީމް ކޯޓުގެ ނިންމުމުގެ ކުރިން ކޮމިޓީގައި ގޮތެއް ނިންމާފައި. އެހެންކަމުން ކޮމިޓީގެ ނިންމުމާ އެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަކީ ރައީސްގެ މަސްއޫލިއްޔަތެއް. ރައީސަށް ފުރުސަތު ލިބިގެންދޭ ގަވާއިދު ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް.
މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ ދިރިދިރި އޮތް މާއްދާއެއް ނެތް މާއްދާއެއް ގޮތަށް ބަލައިގެން ޖަލްސާފެށުމުގައި، 87 މެންބަރުން އެއީ ޖުމްލަ އަދަދު ކަމަށް ފާހަގަކުރި ފާހަގަކުރުމަކީ އަޑުއަހަން ފަސޭހަވާހަކައެއް ނޫން ކަމަށެވެ. އަދި 49 ވަނަ މާއްދާގެ އަކުރުތައް މަޖިލީސް ފާސްކޮށް އުނިކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ހުކުމަކުން މި މައްދާއާއި މެދު ގޮތެއް ނުނިންމާ ހިނދަކު މިއީ ދިރިދިރި އޮތް މާއްދާއެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ކުއްލިއަކަށް އަޅުގަނޑުމެން ގޮތެއް ނިންމާކަށް ފަސޭހައެއް ނޫން. އަޅުގަނޑުމެންޖެހޭނެ މަޝްވަރާވެސް ކުރަން އަދި މިއީ ކުރިވިދާނެ ކަމެއްތޯ ނޫންތޯ ވެސް ވިސްނަން. ސުޕްރީމް ކޯޓުގެ ހުކުމުގައި ސެހެރީ ބައިގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު ވަރަށް ދެއުޅިއެއްނުވާ ވާހަކަވެސް ދެއްކި.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

މި މައްސަލައާއި ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މަޖިލީހުގެ ޖުމްލަ އަދަދަކީ 87 ކަމަށް އިއުލާންކުރި ހިސާބުން، ރިޔާސަތުން ހުކުމާއިމެދު ގޮތެއް ނިންމެވުނީކަމަށެވެ. އަދި މި މައްސަލައިގައި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފައެއް ބޭނުންވާ ކަމަށެވެ.

ޖަލްސާ ފަށާއިރު ރިޔާސަތުން ވަކިގޮތެއް ނިންމެވީމާ، ދެން އެ މައުޟޫގައި ދައްކާނެ ވާހަކައަކީ ކޮބައިތޯ ސުވާލު އުފެދޭ. މިކަމާއި ގުޅޭގޮތުން ކައުންސެލް ޖެނެރަލްގެ ލަފައެއް ބޭނުންވާނެ، ޕޯޓަލްގައި އެފަދަ ލަފައެއް ނެތް ފެންނަން. ހުށަހެޅުމަކީ ޕާލަމެންޓްރީ ގްރޫއްޕުގެ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށް ވަގުތުކޮޅެއް ދެއްވުން.
މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ނެތް އެއްޗެއް ހުރި އެއްޗެއް ކަމަށް ބަލައިގެން ކަނޑައެޅިގެން، ނެތްއެއްޗެއް ހުރިއެއްޗެއްކަމަށް ބަލައިގެން ވިސްނާނެ ގޮތެއް ނޭނގުނުކަމަށެވެ. މެންބަރު ވިދާޅުވީ ސުޕްރީމް ކޯޓަކީ އަދި ކޯޓުތަކަކީ ގާނޫނު ހަދާތަނެއް ނޫން ކަމަށާއި، ގާނޫނު ހެދުމުގެ ބާރު ކޯޓުތަކަށް ނޯންނާނެކަމަށެވެ. އަދި ކޯޓުތަކަށް އޮންނަ ހަމައެކަނި ބާރަކީ ގާނޫނު މާނަކުރުމުގެ ބާރު ކަމަށެވެ.

ގާނޫނުގައި އެއްޗެއް ލިޔެވިފައި އޮތީމަ އެ މާނަކުރުމުގެ ބާރު ކޯޓުތަކަށް އޮންނާނީ. އަދި ކޯޓަކުން ކަމެއް ވަކިގޮތަކަށް މާނަކުރުމަށްފަހުގައި އަދި ގާނޫނުގައިވާ ކަމެއް ވަކިގޮތަކަށް މާނަކުރުމަށްފަހުގައިވެސް، އެ މާނަކުރިގޮތާއި ހިލާފަށް މަޖިލީހުން ގާނޫނެއް ފާސްކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

މި މައްސަލައިގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ ހުށަހެޅުމަށް ތާއިދުކުރައްވާ ކަމަށާއި، އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފާގަކުރެއްވި ގޮތަށް، މެންބަރަކު އަދާކުރަން ޖެހޭ ޒިންމާތަކެއް އެބަވޭ ކަމަށާއި، ބަހުސްތަކާއި، ގާނޫނުތައް ހެދުމާއި ވޯޓުލުމާއި، ރައްޔިތުންނާއި ކައިރިން މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ.

ނަމަވެސް މަޖިލީހުގައި ޒިންމާ އަދާކުރުމަށް ގޮނޑީގައި މެންބަރަކު ނެތް ކަމަށެެވެ.

ރައްޔިތެއްގެ ޝަކުވާ އަޑުއަހާކަށްވެސް މެންބަރަކު ނެތް. ވޯޓެއްގައި ބައިވެރިވާން ވެސް މެންބަރަކު ނެތް. މި މަޖިލީހުގެ ކޮމިޓީގައި ބައިވެރިވާކަށްވެސް މެންބަރަކު ނެތް. އެ ގޮނޑީގައި އިންސާނަކު ނެތް. ސުޕްރީމް ކޯޓު ނޫން ކޮންމެ ކޯޓަކުން ހުކުމެއް ކުރިއަށް އިންސާނަކު ބުއްދި ގަބޫލުނުކުރާ ހުކުމެއް ގަބޫލުކުރުމަކީ ފަސޭހަކަމެއް ނޫން. ގޮނޑިއަކި މެންބަރެއް ކަމަށް ހީކޮށްގެން ނުތިބެވޭނެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

މި މައްސަލައާއި ގުޅިގެން މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަކަށް މަޖިލީހުގެ ނިންމުމެއް ބާތިލު ނުކުރެވޭނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ޕާލަމެންޓްރީ ގްރޫއްޕުގެ މެންބަރުން ބައްދަލުކޮށް މަޝްވަރާކުރުމަށް ފުރުސަތު ދެވުނެވެ. އަދި މަޖިލީހުގެ ހުސް ވަގުތަށްފަހުވެސް މެންބަރުން ވަނީ މި މައްސަލައާއި ގުޅިގެން ބަހުސްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި، އާންމު ކޮމިޓީން ކަނޑައަޅާފައިވާ ގޮތަށް މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން ކުރިއަށްގެންދިއުމަށް ހުށަހެޅި ހުށަހެޅުން 23 މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ބަަލައިގަންނަން ފާސްކޮށްފައެވެ. މި ހުށަހެޅުން ބަލައިނުގަތުމަށް 2 މެންބަރަކު ވަނީ ވޯޓުދެއްވާފައެވެ.

މި ހުށަހެޅުން ފާސްވުމާއެކު، މަޖިލީހުގެ ޖަލްސާތަކުގައި ޖުމްލަ މެންބަރުންގެ އަދަދު ކަމުގައި ދެން ބަލާނީ 80 ކަމަށް ރިޔާސަތުން ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް