މިއީ ރިވެތި އާދަތައް އަށަގެންނެވުމަށް ލިބޭ ފުރުސަތެއް، ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސް އިލްތިމާސްކުރައްވައިފި
10 މާރިޗު 2024 | އާދީއްތަ 04:48ރަމަޟާން މަހަކީ ތަގުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއް


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
މި ފެށޭ ރަމަޟާން މަހަކީ މާތް އަހުލާގާއި ރިވެތި އާދަތައް އަށަގެންނެވުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މި އިލްތިމާސްކުރެއްވީ ޅ. ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި މޭރުމުން ރައީސް ދެއްކެވި ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރި މުޖުތަމައަކަށް މި ދިވެހި މުޖުތަމައު ހެދުމަށް މި ރަމަޟާންމަހު ޚާއްސަ މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި މި ރަމަޟާން މަހަކީ ތަގުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ، މި ބަރަކާތްތެރި މައްސަރުގައި ދޮގު ހެދުން ފަދަ ނޭދެވޭ އާދަތަކާ ދުރުހެލިވެ، ހަގީގަތާއި އެއްގޮތަށް ރީތިބަހުރުވައިން ވާހަކަ ދެއްކުމަށް އާދަހިފަން މަސައްކަތްކުރުމަށާއި، ކުޑަކުދިންނާއި ޒުވާނުންނާއި ބޮޑެތި މީހުންނަށް އިހްތިރާމު އަދާކުރުމަށް ބާރުއަޅައި، ރިވެތި އުޅުމާއި ސުލޫކުގެ މަތީ ދެމިތިބެން އެންމެން އެކުގައި މަސައްކަތްކުރުމަށް ވެސް ރައީސް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގަތްނެވިއެވެ. އަދި ވާދަވެރިކަމުގެ ތެރޭގައި ވެސް ދޮގަށް ފުރުސަތުނުދީ އެކަކު އަނެކަކަށް ހެޔޮގޮތުގައި މުއާމަލާތުކުރުން އިސްކުރުމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.





