ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 15:10
އެލްޖީއޭ
އެލްޖީއޭ
ދައުރު
ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން
ބަޔާނާ ގުޅިގެން ކެނދިކުޅުދޫ ކައުންސިލަށް އެލްޖީއޭގެ ރައްދު: ރައީސްގެ ކަރަމާތް ނަގާލައިފި، ނޫސް ބަޔާން ބާތިލުކުރޭ
 
ރަސްމީ ދަތުރުފުޅެއްގައި، ރައީސް ކުރިއަށްގެންދެވީ މަޖިލިސް އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއިދު ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ގޮތުގައި ކެނދިކުޅުދޫ ކައުންސިލުން ސިފަ ކުރި
 
އެހެން ނަމަވެސް ރައީސް ނިންމަވާ ނިންމެނުންތަކާ ދެކޮޅަށް ކައުންސިލުތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލުތަކަށް ލިބިދީފައިވާ ގާނޫނީ ބާރެއް ނޫން ކަމަށް އެލްޖީއޭއިން ބުނޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ރަށްތަކަށް ވަޑައިގެން، ސިޔާސީ ކެމްޕޭނު ކުރެއްވުން ކުށްވެރިކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުން އަރައިގަތީ ރައީސްގެ ކަރާމާތަށް ކަމަށާއި، އެ ބަޔާން ބާތިލްކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ ކައުންސިލަށް އަންގައިފިއެވެ.

ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރެފައިވަނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް އޮފީހުން އެންގި އެންގުންތަކާ އެއްގޮތަށް އެންމެހާ އިންތިޒާމުތަކެއް ހަމަޖައްސައިދީފައި ވަނިކޮށް، އެ ދަތުރުފުޅުގައި ބޭއްވި ޖަލްސާގައި ރައީސް އަދި ސަރުކާރުގެ ވަޒީރުން، މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީން ކުރިމަތިލާފައިވާ ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، ރައީސް ވަޑައިގެންނެވި ހިސާބުން ފެށިގެން ރައްޔިތުންނާއި މުހާތަބުކުރުމަށް ބޭއްވި ހަފްލާގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައި އެ ހަފްލާގައި ކައުންސިލުން ބައިވެރިވެފައިވި ކަމަށެވެ.

އެހެން ނަމަވެސް އެދުވަހު ބޭއްވި ހަފުލާ އެ ކައުންސިލަަށް ސިފަވީ، ރައީސް ދަތުރުފުޅުގެ ނަމުގައި ވަޑައިގެން މަޖިލިސް އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއިދު ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.

އަދި އިންތިހާބަށް ކެމްޕޭން ކުރުމަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތައް ބޭނުންކުރުމަކީ ކަނޑައެޅިގެން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 19 ވަނަ މާއްދާއިން މަނާކޮށްފައިވާ އަދި އިންތިހާބަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ހިފަހައްޓަންޖެހޭ ސުލޫކާ ޚިލާފު އަމަލެއް ކަމަށާއި، ކައުންސިލްގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ އެ ހަފްލާގައި އިންތިހާބަށް ކެމްޕޭން ކުރުމުގެ މަގުސަދުގައި އިންތިޒާމް ކުރެވުނު ހަފްލާއަކަށް ބަދަލުވެގެންދިޔަ ދިޔަ ދިޔުން، އެ ކައުންސިލުން ކުށްވެރި ކުރާ ކަމަށެވެ.

އެގޮތުން އެ ކައުންސިލުގެ ބަޔާނަށް ރައްދު ދީ، ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ސޮއި ކުރައްވާ ކެނދިކުޅުދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނީ، ސަރުކާރުގެ އޮފީސްތަކުން ހިންގާ ހަރަކާތްތަކާއި ދެކޮޅަށް އަދި ޚާއްސަކޮށް، ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެނުންތަކާ ދެކޮޅަށް ކައުންސިލުތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލުތަކަށް ލިބިދީފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.

އަދި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން، ރައީސްއަށް މަތިކޮށްފައިވާ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ކައުންސިލެއްގެ ޢަމަލު ބެހެއްޓުމަކީ، އެ އޮތީރިޓީން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

އަދި ހަމައެހެންމެ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 131.3 ވަނަ މާއްދާގެ (ނ) ގައި، ޤާނޫނު އަސާސީން ދީފައިވާ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އަންގާފައިވާއިރު، ކެނދިކުޅުދޫ ކައުންސިލުގެ ބަޔާނުން ރައީސް މުއިއްޒުގެ އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

އެކަން "ހަރުކަށި އިބާރާތުން" ކުށްވެރިކުރާ ކަމަށް ފާހަގަ ކުރަމުން އެ ބަޔާނުގައި ބުނީ، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ސޮއި ނެތުމާއި ކައުންސިލުން ނޫސްބަޔާނަށް ޒިންމާވާނެ ފަރާތެއްގެ ނަން ނެތުމަކީ ނޫސްބަޔާނުގެ ސައްޚަކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެ ބަޔާން ބާތިލްކޮށް، އެކަމުގެ ސިޓީ ހޯމަ ދުވަހުގެ ކުރިން އެ އިދާރާއަށް ފޮނުވުމަށް ވެސް އެ ބަޔާނުގައި އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް